ނަވީލް ނުކުމެގެން ދިޔަފަހުން ވެސް އެތައް އިރަކު ހާސްކަންމަތީގައި ރީޝާއަށް އިންނަން ޖެހުނެވެ. މަޑުމަޑުން އައިސް ހަމައަކަށް އެޅުމާއެކު ހިނގައިދިޔަ ހާދިޘާއާއި މެދު ވިސްނެން ފެށުނެވެ. ޝިހާމްގެ ސަބަބުން އޭނާއަށް އެހައި ވަރަށް އަސަރުކޮށްފައިވޭ ހެއްޔެވެ؟ ފުރަތަމަ ވެސް އެހިތުގައި އުފެދުނީ އެ ސުވާލެވެ. އެއީ މީގެ ކުރިން އޭނާއަށް ނޭނގި އޮތްކަމެކެވެ. ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި އޭނާގެ ހަށިގަނޑުގައި އެގޮތަށް ބީހުނު ހަމައެކަނި މީހަކީ ޝިހާމެވެ. ރީޝާގެ ރުހުމެއް އިޒުނައެއް ޝިހާމަށް މުހިންމުވެފައެއް ނެތެވެ. އެހެންކަމުން ގިނަފަހަރަށް ރީޝާއަށް ލިބިފައިވަނީ ވެސް އަނިޔާއެވެ. ވޭނާއި ތުރާލެވެ. ނަވީލްގެ ލުއިލުއި ބީހިލުންތަކާއި ފިރުމުންތަކުން އޭނާގެ ހިއްސުތަކުގައި ހުޅުރޯވެ އަނދަންފެށުމާއެކު ޝިހާމް މަތިން ހަނދާންވާންޖެހުނު ސަބަބަކީ އެއީއެވެ. މިއަދު އެ ހުރަގެއިން ސަލާމަތްވެފައި ވީ ނަމަވެސް އެ އަސަރުތައް ސިކުނޑިން ފިލުވައިލުމަކީ ނުހަނު އުނދަގޫކަމެއްކަން ރީޝާއަށް ވިސްނުނީ އަދި ކިރިޔާއެވެ. އޭނާ ނަވީލަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ކުއްލިއަކަށް ނަވީލާއި މެދު ކަންތައްކުރެވުނު ގޮތް ހިތަށް އަރާފައި އޭނާ ދެރަވެއްޖެއެވެ. ރީޝާދެކެ ހިތްހަމަނުޖެހި، އެ ގުޅުމުގައި ނަވީލް ސިއްކަ ޖަހައިފިނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެހެން ހިތަށް އެރުމާއެކު ރީޝާގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. ކޮންމެގޮތެއްވި ނަމަވެސް ނަވީލާއި ވަކިވާކަށް ރީޝާ މިހާރު ބޭނުމެއްނޫނެވެ. އެ ގިލަންވެރިކަމުގެ ދިރިއުޅުމުން ފެނުނު ހަމައެކަނި އަލިކަމަކީ ނަވީލެވެ.

ރީޝާ ފޯނުނަގައި، ނަވީލަށް މެސެޖުކޮށްލިއެވެ. މާފަށް އެދިފައެވެ. ވަގުތުން ނަވީލް ގުޅަން ފެށިއެވެ. ރީޝާގެ އިޝާރާތަކަށް އިންތިޒާރުކޮށްގެން އިން ކަހަލައެވެ.

"ސޮރީ." ރީޝާ ފޯނުނެގި ގޮތަށް ބުނެލިއެވެ.

"އެއީ މައްސަލައެއް ނޫން." ނަވީލްގެ އަޑުގައި އެއްވެސް ވަރަކަށް ރުޅިވެރިކަން ނެތްކަން ރީޝާއަށް ފާހަގަވިއެވެ. "އެކަންތައް އެވީ އެންމެ ރަނގަޅަށް. މީހުން ބުނެއުޅޭނު ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށޭ. ވިސްނައިނުލައި އަރައިގަނެވެމުން ދިޔަ ބޮޑު ފާފައަކުން ސަލާމަތްވީމައި އަހަރުމެން ޖެހޭނީ އެކަމާ އުފާކުރަން. ރީޝް ބިރުގަތްކަން އެއީ ނަސީބުކަމަށް ބަލަމާ."

ނަވީލްގެ އެހައި ފައްސި ވިސްނުމެއް ހުރުމުން ރީޝާގެ ހިތަށް ހަމަޖެހުން ލިބުނެވެ. ސިކުނޑިއަށް އަރައިފައިވާ ބާރުގަނޑު ލުއިވެގެން ދިޔައެވެ.

"އަހަރެން ހީކުރީ ނަވީ ހުންނާނީ ވަރަށް ރުޅިއައިސްފައިކަމަށް." ރީޝާ ބާލީހުގައި ބައްދައިލަމުން އެނދުގައި ހަމަޖެހިލިއެވެ.

"އަހަރެން މީ ރީޝްގެ ހަށިގަނޑުގެ ދަހިވެތިކަމުގަ އުޅޭ ފިރިހެނެއް ނޫނޭ." ނަވީލް ސަކަގޮތަކަށް ހީލިއެވެ. އެ ހުނުމުގެ އަޑު ރީޝާގެ ކަންފަތުގައި ޖެހުމާއެކު ހީލިކަރުވާ ކަހަލަ ގޮތެއްވިއެވެ. ބުނެދޭން ނޭނގޭ ކަހަލަ ޖާދޫއެއް އެ އަޑުގައިވެއެވެ. އޭނާއަށް ލިބިގެންދިޔަ ހިތްހަމަޖެހުމާއެކު އެ ތުންފަތް މަތިން ލުއި ހިނިތުންވުމެއް ހާސާވިއެވެ.

"ދެން ކޯއްޗެއްގެ ދަހިވެތިކަމުގައި؟" ރީޝާ ވެސް އެ ސަމާސާގައި ބައިވެރިވެލިއެވެ.

"އެއީ ފޯނުން ދެއްކޭކަހަލަ ވާހަކައެއް ނޫން. ކިޔައިދޭން ތި ކޮޓަރިއަށް ދާންވީތަ؟" ލާނެއް ރާގަކަށް ނަވީލް އެހިއެވެ.

"އުހުން. އުހުން." ރީޝާއަށް ވަގުތުން ދެކޮޅު ހެދުނެވެ. އެއީ އެއްވެސް އިޚްތިޔާރެއްނެތި އޭނާގެ ދުލުން ބޭރުވި ލަފުޒުތަކެކެވެ. އެ ބުނެވުނު އެއްޗެއް ވިސްނުމުން އަނެއްކާ ވެސް ރީޝާ މޮޅިވެރިވެއްޖެއެވެ. އެހެނަސް އަނެއްކާ ވެސް ނަވީލްގެ ހުނުމުގެ އަޑު ކަންފަތުގައި ޖެހުމާއެކު އެ އުދާސްތައް ވެސް އާތްވަށްވެގެން ހިނގައްޖެއެވެ.

"ނަވީ މިރޭ ކަންތައްކުރި ގޮތުން ވަރަށް ދެރަވި. ކީއްވެގެން ހަނދާން ނައްތައިލަށޭ ބުނީ؟" އިރުކޮޅަކު ވިސްނަން އޮވެފައި ރީޝާ ސުވާލުކުރިއެވެ. "ބައްޕަ ނުގަބޫލުވީމަ ތަ؟"

ނަވީލް ފުން ނޭވާއެއް ބޭރުކޮށްލި އަޑު ރީޝާއަށް އިވުނެވެ. ރީޝާގެ ހިތުގެ ހިނގުމަށް ބަދަލު އަޔެވެ. އެ ފުންނޭވާ ބުނެ ދިނީ އެ ސަބަބުގައި ހުރި ބުރަދަނެވެ.

"ނަވީ ބައްޕަ ނުޤަބޫލުވީ ކީއްވެގެންކަން ބުނެ ނުދޭނަންތަ؟" އެއްވެސް ޖަވާބެއް ނައުމުން ރީޝާ އެހިއެވެ.

ނަވީލް އިނީ އެނދުމަތީގައެވެ. ފާރުގައި ބާލީސް ލައްކޮށްލައިގެން އޭގައި ލެނގިލައިގެން އިންއިރު، އޭނާގެ އަތުގެ އިނގިލިތަކުން ނުހަނު ބާރަށް ނިތުގައި ހިފައިލެވިފައިވެއެވެ. އޭނާ އިނީ ރީޝާ ކުރަމުންދާ ސުވާލުތަކަށް ޖަވާބު ދޭންވީކަމެއް ނުވަތަ ނުދޭންވީ ކަމެއް ނޭނގިފައެވެ. އެ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން ނަވީލް އެނގެން ބޭނުންވާ ކަންތައްތަކެއް އެބަހުއްޓެވެ. ރީޝާގެ މާޒީ އެނގެން ބޭނުންވެއެވެ. ރީޝާއަކީ ނަވީލް ހީކުރިފަދަ ގޯނާތަކެއް ލިބިފައިވާ ކުއްޖެއްތޯ ޔަޤީންކުރުން މުހިންމެވެ. އަދި އެކަމާ ނަވީލްގެ ބައްޕަ ނިހާދުއާ އެއްވެސް ގުޅުމެއްވޭތޯ ބަލަން އޭނާ ބޭނުންވެއެވެ. އެކަމާ ނިހާދާއި އެއްވެސް ގުޅުމެއްވާނަމަ، ނަވީލް ހާމަކުރާ ޙަޤީޤަތުން އެމީހުންގެ ގުޅުމަށް އަސަރުނުކޮށެށް ނުދާނެއެވެ. އެ ގުޅުން ރަނގަޅަށް ނުފެށި އުޅެނިކޮށް ނިމިދާނެއެވެ. އެހެންވާކަށް ނަވީލްގެ ހިތެއް ނޭދެއެވެ.

"ދެ އާއިލާގެ މެދުގައި އޮންނަ ދުޝްމަނުކަން އެއީ." ނަވީލަށް މަޖުބޫރުވީ ދޮގު ހަދާށެވެ. "އެ ނޫން ކޮންސަބަބެއް އޮންނާނީ."

"ޔަޤީން." ރީޝާ ސުވާލުކުރި ރާގުން ޝައްކުވެއްޖެހެން ނަވީލަށް ހީވިއެވެ.

"އިތުބާރެއް ނުކުރަންތަ؟" ނަވީލް ބޭނުންވީ އެ ވާހަކައިގެ މިސްރާބު ބަދަލުކުރާށެވެ. އޭނާގެ ސިއްރު ދެނެގަތުމުގެ ކުރިން ރީޝާގެ ސިއްރު އެނގެން އޭނާ ބޭނުންވެއެވެ.

"ކުޑަކޮށްވެސް އިތުބާރެއް ކުރެވޭ ހަމައެކަނި ފިރިހެނަކީ ތީ." ރީޝާ ހާމަކުރީ ޙަޤީޤަތެވެ. "ނަވީއަށް އަހަރެން ދޮގެއް ނުހަދާނަން. ނަވީވެސް އެގޮތަށް ކަންތައްކުރާނެކަމަށް އުންމީދުކުރަނީ."

"ރީޝް ކީއްވެގެން ފިރިހެނުންދެކެ ނަފްރަތުކުރަނީ." ނަވީލް ބޭނުންވި ގޮތަށް ވާހަކަ އަނބުރައިލެވުމުން، އެ ފުރުޞަތުގެ ބޭނުންހިފައި ނަވީލް ސުވާލުކުރިއެވެ.

"ފިރިހެނުންތަކެއްގެ ފަރާތުން އަނިޔާތަކެއް ލިބިފައި ހުރީމަ." ރީޝާއަށް ވިސްނައިލުމެއްނެތި ޖަވާބު ދެވުނެވެ. ދެވަނަ ސިކުންތުގައި އެ ހިތް ނުތަނަވަސްކަމުން ފުރުނެވެ. ނަވީލް ތަފްސީލަށް އެދިއްޖެނަމަ، ޝިހާމްގެ ވާހަކަތައް ހިއްސާކުރާނެހައި ހިތްވަރު އޭނާގެ ކިބައިގައި ހުންނާނެ ހެއްޔެވެ؟ އެ ސިއްރު އެނގުމުން ނަވީލް އޭނާ ބަލައިގަންނާނެ ހެއްޔެވެ؟

"ތަފްސީލެއް ނާހާނަން." ނަވީލްގެ އަޑެއް ނީވުމުން ރީޝާ އެހިއެވެ.

"ކިޔާދިނުން މުހިންމު ވާހަކައެއް އޮތިއްޔާ ނޭހިޔަސް ރީޝް ކިޔާދޭނެކަމަށް ޤަބޫލުކުރަނީ." ނަވީލްގެ ޖަވާބު އައީ އެގޮތަށެވެ.

"އެހައި ވަރަށް އިތުބާރުކުރަން؟" ރީޝާ އެހިއެވެ.

"ވަރަށް ބޮޑަށް." ނަވީލް ބުންޏެވެ. "އެހައި ލޯބިވެސް ވޭ. ރީޝްއަށް އެނގޭތަ؟ ވަރަށް އުފަލުން މިހުންނަނީ. ރީޝް މަށަށް ލިބުނީމަ. ހިޔެއްނުކުރަން މިހައި އަވަހަށް މިކަން ކާމިޔާބުވާނެކަމަކަށް. ކުރިން މަ ފެނުނަސް ރީޝް ހުންނާނީ ވިޔަރި ކުކުޅެއްހެން ރުޅިއައިސް ފުފިފަ. އެކަމަކު މިހާރު ތި ހުންނަނީ އަހަރެން ނުފެނިގެން. ނަފްރަތަކީ ލޯބީގެ ފެށުމޭ ބުނާ ވާހަކައިގެ ތެދުކަން އެބަ އިޙްސާސްވޭނު."

"މާ ބޮޑަށް ފޮނިނުވޭ. ނަފްރަތަކީ ލޯބީގެ ނިމުމަށް ވެސް ވެދާނެ." ލުއި ހިނިގަނޑަކަށްފަހު، ރީޝާ ބުނެލިއެވެ. އެ ހިސާބުން ދެމީހުން ވެސް ދައްކަމުންދިޔަ ވާހަކައިގެ މިސްރާބު އަނެއްކާ ވެސް ބަދަލުވީއެވެ. ކުރިން ކުރި ސުވާލުގެ މަތިން ވެސް ހަނދާންނެތުނީއެވެ. ޙަޤީޤަތުގައި ރީޝާ ބޭނުންވި ގޮތަކީ ވެސް އެއީއެވެ. ރީޝާ އަދިވެސް އެ ބިރުވެރި މާޒީ ނަވީލަށް ކިޔައިދިނުމަށް ފަސްޖެހެއެވެ. އެކަން އެނގުމުން ނަވީލް އޭނާއަށް ގެއްލިދާނެކަމުގެ ބިރު ވެސް އެ ހިތުގައި ވެއެވެ.

ރީޝާއަށް ނޭނގުނު ނަމަވެސް ނަވީލް ވެސް ބޭނުންވަނީ އެގޮތެވެ. އެނގިދާނެ ހަޤީޤަތަކަށް ނަވީލް ވެސް ބިރުގަނެ ފަސްޖެހެއެވެ. ރީޝާ އިސްވެ ސުވާލުކުރުމުން ވެސް ތަފްސީލު ހޯދުމަށް އޭނާ މަސައްކަތް ނުކުރީ އެހެންވެއެވެ. ރީޝާއަކީ އެފަދަ އަނިޔާތަކެއް ވަމުންދާ ކުއްޖަކަށްވާކަށް އޭނާ ބޭނުމެއް ނޫނެވެ. އެކަމުގައި ނިހާދުގެ އަތެއް އޮތްހެން ހީވިޔަސް އެ ހިތަށް ވަމުންދާ ގޮތް ބުނެދޭން ޚުދު އޭނާއަށް ނޭނގެއެވެ.

ރީޝާއަށް ހޭލެވުނީ ފޯނު "ވައިބްރޭޓް" ވާ އަޑަށެވެ. ދެލޯ ކުނާކޮށްގެން އޮވެ ބަލައިލިއިރު ގުޅަނީ ނަވީލެވެ. ކަންނެތްގޮތަކަށް މޯޅިއަކަށް ދެމިލައިފައި ފޯނު ކަންފަތުގައި ޖައްސައިލިއެވެ. ނަވީލް އެދުނީ ނިކަން އަވަހަށް ގޭ ދޮރު މައްޗަށް ނުކުތުމަށެވެ. ނަވީލްގެ ރާގު ހުރިގޮތުން ރީޝާއަށް ލަފާކުރެވުނީ ބޮޑުކަމެއް ވީ ކަމަށެވެ. ސުވާލުކުރުމުން ނަވީލް ހަމައެކަނި ބުނެދިނީ ރީޝާ ހޯދަން މީހަކު އައިސް ހުރި ވާހަކައެވެ. އިތުރަށް އޮޅުން ފިލުވަން މަސައްކަތްކުރުމުން ވެސް ހޯދަން އައިސް ހުރި މީހެއްގެ ނަމެއް ނަވީލް ނުބުންޏެވެ. ރީޝާއަށް މަޖުބޫރުވީ ހިތާއި ދެކޮޅަށް ނަމަވެސް އެނދުން ތެދުވާށެވެ. ފާޚާނާއަށް ވަދެ މޫނުދޮވެ ކުޑަކޮށް ތާޒާވެލައިގެން ނުކުތްއިރު އަނެއްކާ ވެސް ނަވީލް ގުޅަނީއެވެ. ފޯނު ނަގަން އުޅެނިކޮށް ކެނޑުނެވެ. ދެން އޭނާ ނުކުތީ ބޭރަށެވެ. ދެއަތުން އިސްތަށިގަނޑު އެއްކޮށްލައި، ބޮލުގައި ހުޅިއެއް ޖަހައިލިތަނުން މީހަކު ތުބުން ފުމެލި އަޑުއިވުނެވެ. ރީޝާ ދޮރާއްޓާއި ދިމާއަށް ބަލާލައިފައި ހިނގައިގަތެވެ. ބޭރުގައި ހުރީ ނަވީލެވެ.

"ސާބަސް. ނިދަފަ އޮއްވައި ވިއްޔަ." ރީޝާއަށް ބުނެވުނެވެ.

"ކީއްތަވީ؟ ރީޝް ދެކިލާ ހިތުންނޭ." ނަވީލް ހިނިއައިސްފައި ހުރެ ރީޝާ ކައިރިއަށް ޖެހިލިއެވެ. ގަދަނޫ ކުލައިގެ އަތްދިގު ގަމީސް އަޅިކުލައިގެ ފަޓުލޫނުގެ ދަށަށް ޖަހައި، އެއާ ގުޅޭ ޓައީއެއް އަޅައިގެން ނަވީލް ހުރީ ރަސްމީ ވެފައެވެ. ޖެހިލި ފިނިފިނި ވައިރޯޅިއާއެކު ނަވީލް ޖަހައިގެން ހުރި ސެންޓުގެ މީރުވަހުން ރީޝާގެ ބަނޑު ފުރުނު ކަހަލައެވެ.

" އޮފީހަށް ދިޔުމުގެކުރިން ހަމަ ދެކިލާ ހިތްވީ." ރީޝާ ބޭރަށް ނެރުނު ސަބަބު ނަވީލް ބުނެދިނެވެ.

"ފެނިއްޖެއްނު. ދެން ދޭ." ރީޝާ ތުއިވެލިއެވެ.

"އަދި ހިތެއް ނުފުރޭ." ރީޝާގެ މޫނަށް ނަވީލް ކަޅި ޖަހައިނުލައި ނަވީލް ބަލަންފެށިއެވެ. އުމުރު ދުވަހަށް އެހެން ހުންނަން ޖެހުނަސް ބަލައިފޫހިނުވާހާ ރީޝާ ރީއްޗެވެ. ރީޝާ ލަދުގަތެވެ.

"ދެން ނަވީ. ދާން އުޅޭ މިތަނުން." ރީޝާ އަތް މަޅައިލުމާއެކު ނަވީލް އެ އަތުގައި ހިފަހައްޓައިލިއެވެ.

"ދޫކޮށްލާ. މީހަކަށް ފެނިދާނެ." ރީޝާ މަގުގެ ދެކޮޅަށް ކަޅިއަޅައިލިއެވެ. ތަންކޮޅެއް ދުރުން ނިހާދު އަންނަތަން ރީޝާއަށް ފެނުނެވެ. ވަގުތުން ރީޝާގެ ހިޔާލު ބަދަލުވިއެވެ. މިހާރު ރީޝާ ބޭނުންވަނީ އެ މަންޒަރު ނިހާދަށް ފެންނަންދެން ނަވީލް އެތަނުގައި ހުންނާށެވެ.

"ދޫކުރާ ގޮތަކަށް ނޫނޭ މި އަތުގައި ހިފީ." ނަވީލްގެ ޚިޔާލު ހުރި ގޮތުން ރީޝާއަށް ހީނލެވުނެވެ. އޭރު ނިހާދަށް އެ ދެމީހުން ވެސް ފެނިއްޖެއެވެ. ނިހާދުގެ ހިނގުން ބާރުވިއެވެ. ފުރަގަސްދީގެން ހުރި ނަވީލަށް ނުފެނުނު ނަމަވެސް ރީޝާއަށް އެ މަންޒަރު ވެސް ފެނުނެވެ.

"އާނ. އެންމެ ރަނގަޅޭ. ދޫކުރާނެ ކަމެއްނެތޭ." ރީޝާ ވެސް ނަވީލްގެ އަތުގައި ހިފައިލިއެވެ. ކުރިން ލަދުވެތިކަމުން ރަތްވެފައިވި މޫނުގައި މިހާރު ޖެހިފައިވަނީ އެހެން ކުލައެކެވެ. ކެހިވެރިކަމުގެ ކުލައެވެ. ނަވީލަށް ޝައްކެއްވެގެން ރީޝާ ބަލަމުން ދިޔަ ދިމާއަށް ބަލައިލެވުނެވެ. އޭރު ނިހާދު އައިސް އެމީހުންނާ އަރައި ހަމަކޮށްފިއެވެ. އެއްޗެއް ބުނާނެކަމަށް ދެމީހުން ވެސް ހީކުރިއެވެ. އެހެނަސް ނިހާދު ނުހަނު ބާރަށް އައިސް ގޭތެރެއަށް ވަދެގެން ދިޔައީ އެމީހުންނާ ދިމާއަށް ބަލައިވެސް ނުލައެވެ.

"ބައްޕަ އެ ހުރީ ވަރަށް ރުޅި އައިސްފަ. ދެންވަދޭ ގެޔަށް." ނަވީލް ބުނެލިއެވެ.

"އެއީ އަހަރެންގެ ބައްޕައެއްނޫން." ރީޝާއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. "ރުޅިއައިސްފަ ހުރެދާނުން. މަށެށް ބިރެއް ނުގަނޭ."

"އެއީ ރީޝްގެ ބައްޕަނޫންކަން މަށަށް ވެސް އެނގޭ." ނަވީލް ބުނި ވާހަކައަކުން ރީޝާ ޚައިރާންވެއްޖެއެވެ. އެ ސިއްރު ނަވީލަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ރީޝާ އެ ސުވާލު ނަވީލާ ކުރިމަތިކުރުވިއެވެ.

"ރޭގަ އަހަރުން ގެޔަށް އައިސް ރީޝްއެއްނު ބުނީ." ނަވީލް ތަފްސީލު ދިނެވެ. "ތިމަންނަ ބައްޕައަކީ ރާއިދެއް އަދި ނިހާދެއް ވެސް ނޫނޭ. ތި މަންނަ ވަރަށް ބިރުގަތޭ ހާސްވިޔޭ ނިހާދު ތިމަންނަ ބައްޕައަކީ ރާއިދޭ ބުނެގެން. މިހާރު އެހައި އަވަހަށް ހަނދާންނެތުނީ."

ރީޝާއަށް ލިބިފައިވި ޚައިރާންކަން ވީ އިތުރުވެ، ދެލޯ ވެސް އިހުނަށްވުރެ ބޮޑުވިއެވެ. ރޭގައި ރީޝާ އެ ގެއަށް ދިޔައީ ނަވީލް އެ ބުނި ޙަޤީޤަތް ވެސް ހާމަކުރާށެވެ. އެހެނަސް ނަވީލްގެ ޠަބީޢަތަށް އައިސްފައި ހުރި ބަދަލުގެ ސަބަބުން ރީޝާއަށް އެ ފުރުޞަތު ނުލިބުނީއެވެ. އެ ފުރުޞަތު ލިބުނުނަމަ، ރީޝާގެ ދުލުން ބޭރުވީހީ ނަވީލް އެ ބުނި ލަފްޒުތައްކަން ޔަޤީނެވެ.

"އަހަރެން ކޮންއިރަކު އެހެން ބުނީ؟" ރީޝާ އަޖައިބުވެފައި ހުރެ ސުވާލުކުރިއެވެ. "ނަވީ ހަނދާން ނައްތާލާށޭ ބުނެފަ ފޮނުވައިލީމަ އަހަންނަށް ތި ވާހަކަ ދައްކާނެ ފުރުޞަތެއް ނުލިބުން."

ނަވީލަށް ޝައްކުގެ ނަޒަރުން ރީޝާއަށް ބަލައިލެވުނެވެ. އޭނާ އެތަނުގައި މަޑުކުރުވަން ރީޝާ ޤަޞްދުގައި ނޭނގޭކަމަށް ހަދަނީ ހެއްޔެވެ؟

"ތި އުޅެނީ ބައްޕަ ރުޅިއަރުވަން އަހަރެން މިތަނުގައި ބަހައްޓަންތަ؟" ނަވީލަށް ވިސްނުނީ އެހެނެވެ. ކުރިންވެސް އެފަދަ ގޮތަކަށް ރީޝާ ކަންތައްކޮށްފައި އޮތަތީއެވެ.

ރީޝާއަށް އެކައްޗެއް ވެސް ނުވިސްނުނެވެ. ނަވީލް ސަމާސާކުރަނީ އޭ ހީވި ނަމަވެސް އެ މޫނުގައި އެއްވެސް ވަރަކަށް ސަމާސާގެ ކުލަވަރެއް ނެތެވެ.

"ދެން ނެތް ހުރެވޭކަށް. ގަޑި ޖެހެނީ." ޖީބުގައި އޮތް ފޯނުނަގައި ބަލައިލަމުން ނަވީލް ބުނެލިއެވެ.

"އަހަރެން ކޮންއިރަކުތަ އެހެންބުނީ. ހަނދާންނުވެގެން މިއުޅެނީ ހަމަ." ރީޝާ އަނެއްކާ ވެސް އެހިއެވެ.

"ރޭ ދަންވަރު އަހަރުން ގެޔަށް އައިސް ބުނީ. ދެން ދަނީ. ބައި ލަވް." ރީޝާ އިތުރު ސުވާލެއް ކުރާނެ ފުރުޞަތު ނުދީ ނަވީލް ހިނގައިގަތެވެ.

ރީޝާ ހުއްޓުން އަރާފައި ހުރީއެވެ. އޭނާ ރޭ ދަންވަރު ޔަޤީނުން ވެސް ނަވީލްގެ ގެއަކަށް ނުދެއެވެ. އެކަމާ ސިކުނޑި ގާނަމުން ގެއަށް ވަންއިރު ނިހާދު އިނީ އުނދޯލީގައެވެ. މޫނު ކުޅަނދުރު ހަތައެއްހެން ހަދައިގެން އިނުމުން ރީޝާ އެތެރެއެތެރެއިން ހީނގަތެވެ. އިތުރަށް ރުޅި އަރުވާލުމަށް ރީޝާގެ ހިތް އެދުނެވެ.

"މަންމާ." ރީޝާ ބާރަށް ގޮވައިލިއެވެ. "އެއްވެސް އެއްޗެއް އެބަ އަނދާތަ؟ ކޮންމެވެސް ވަހެއް އެބަދުވާ. އެއްޗެއް ވަރަށް ގަދަޔަށް އަނދާވަސް. މަންމާ ކޯއްޗެއް ތި އަންދަނީ؟"

ބަދިގޭގައި އުޅުނު ފިރާޝާއަށް އެ އަޑު އިވިގެން އެއްވެސް އެއްޗެއް ނާނދާކަމަށް ބުނެ ޖަވާބު ދިނެވެ.

"އެކަމަކު އުނދޯއްޔާއި ދިމާއިން ހާދަ ދުމެކޭ މި އަރަނީ." ރީޝާ ހީނގަތެވެ.

ނިހާދުގެ ކެތްތެރިކަން ކޮޅުންލިއެވެ. އުނދޯލިން ތެދުވެގެން ގޮސް ރީޝާގެ ހިކަނދި މަސްގަނޑުގައި ހިފައިގަތްއިރު އޭނާ ތުރުތުރު އަޅައެވެ.

"މާ ހަޔާތްކުޑަވެގެން ނުތެޅިބަލަ." ދަތްކުނޑި ވިކައިލަމުން ނިހާދު ބުންޏެވެ. "ލަދު ހަޔަތޭ ބުނާ އެއްޗެއްވެސް ކަލޭގެ ނެތީތަ؟ އަމިއްލަ ބޭބެއާއޭ ހިތާވެގެން ތި ތެޅެނީ. މަ ބުނެފަ އޮންނާނީ ތި ގަނޑުގަންނަން މިގޭން ނުކުމެގެން ދާށޭ. މިގޭގައި ހުރެގެން ތި ލަދު ހުތުރު ވައްތަރަށް ތެޅޭނެކަމެއް ނެތް."

"ކަލެޔަށް މަށަކަށް އަމުރެއް ނުކުރެވޭނޭ މަވެސް ކުރިންވެސް ބުނެފައި އޮންނާނީ." ނިހާދުގެ އަތް ފޮޅުވައިލަމުން ރީޝާ ބުންޏެވެ. "އެ އަޑު ކަލެޔަށް ނީވެނީ ކީއްވެގެންތަ؟ އަދިވެސް މި ބުނަނީ މަ ކުރާކަންތަކަށް ފާޑުނުކިޔާ މަޑުންހުރޭ."

ނިހާދު އެއްޗެއް ބުނަން ކުރިޔަށް ޖެހިލިއެވެ.

"ޝޫޝް." ރީޝާ މަނާކުރީ އަތުގެ އިޝާރާތުންނެވެ. "ކަލޭ ސައިޒުގަ ހުރޭ. ނޫނީ ގަދަކަމުން ސައިޒަށް ތިރިކުރަން ޖެހިދާނެ. މަށަށް އެކަން ކުރަންޖެހިއްޖެއްޔާ ވާނެގޮތް ކަލެޔަށް ވެސް އެނގޭނެ."

"ކަލެޔަކަށް ނުކެރޭނެ ތިކަންކުރާކަށް." ނިހާދު ގޮންޖެހިއެވެ. "ކުރަން ކެރޭނަމަ ތިހެން އަނގައަރުވާކަށް ނުހުންނާނެ. މިހާރު ކިހައި ދުވަހެއް ތި ހެކިތައް ފޮރުވައިގެން ހުންނަތާ. މަށަކަށް އަދި ޝިހާމަކަށް ވެސް ގޮތެއްވެއްޖެތަ؟ ނުވޭނު. އެއީ ކީއްވެގެންކަން މަށަށް ނުވިސްނޭހާ ގަމާރެއްނޫނޭ. ކަލޭ ބޭނުމެއްނުވޭ ކަލެޔަށް ދިމާވި ހާދިޘާތައް ކަލޭގެ މަންމައަށް އެނގޭކަށް. އެނގިއްޖެއްޔާ އެ ފަކީރު ހިތް ހުއްޓިގެން މަރުވެސް ވެދާނުން. އެހެންވެގެން އެކަމާ ބިރުން ތި ހުންނަނީ. ކަލެޔަށް ކުރެވޭނެ ހަމައެކަނި ކަމަކީ މޫނުމަތީގައި ޖަދަލުކުރުން. ޖެއްސުންކުރުން. އެނޫންކަމެއް ނުވާނެ. އެކަމަކު މަށަށް ކެރިދާނެ ކޮންމެފަދަ ކަމެއްވެސް ކުރަން. އެހެންވީމަ ވަރަށް ރީތި ގޮތުގައި މި ބުނަނީ ނަވީލާއި ތި އޮތް ގުޅުން ކަނޑައިލާ."

ނިހާދު ބުނީ މުޅިއަކުން ދޮގު ވާހަކައެއް ނޫނެވެ. ރީޝާގެ ހަޔާތުގެ އެ ކަޅު ޞަފްޙާ ފިރާޝާއަށް އެނގޭކަށް އޭނާ ބޭނުމެއް ނޫނެވެ. އަށް އަހަރު ކުރިން ރީޝާ މާލެ ފޮނުވައިލަން ފިރާޝާއަށް މަޖުބޫރުވީ ނިހާދުގެ ސަބަބުންނެވެ. އެއީ ނިހާދުގެ ފުށުން ލިބިދާނެ ޖިންސީ ގޯނާއަކުން ރީޝާ ސަލާމަތްކުރުމުގެ ނިޔަތުގައި ފިރާޝާ ނިންމި ނިންމުމެކެވެ. އެ ނިންމުމުގެ ސަބަބުން އެހެން "މިނިކާވަގެއް" ރީޝާ ރޮލައި ހަފަމުން ދިޔަކަން ފިރާޝާއަށް އެނގުމުން، އެ މައިމީހާގެ ލަގޮނޑިއަށް ކެތެއްނުވާނެއެވެ. ލިބޭ ޝޮކުގައި ދެރަގޮތެއްވުމަކީ ވެސް އެކަށީގެންވާކަމެކެވެ. އެކަމާމެދު ރީޝާއަށް ވެސް ފިކުރު ހިންގެއެވެ. އެހެނަސް ރީޝާ އެ ދެމީހުންނަށް ދޭންޖެހޭ ޙައްޤު އަދަބުނުދީ މަޑު ކުރަނީ އެ ބިރު ހިތުގައި އޮވެގެނެއް ވެސް ނޫނެވެ.

"ތީ ވަރަށް ބޮޑު ކުށްހީއެއް." ރީޝާ އެއްމިޔަކަނުން ހީނލިއެވެ. "ކަލޭމެން ބޮޑު ބޭޒާރަކުން ބޭޒާރުކޮށްލަން މަ މި އަންނަނީ ތައްޔާރުވަމުންނޭ. މީ ތޫފާން އައުމުގެކުރިން އަންނަ ހަމަހިމޭން ދުވަސްކޮޅު. މި ދުވަސްކޮޅު ހަމަހިމޭނުން ނުބޭއްވޭތޯ މި މަސައްކަތްކުރަނީ ވެސް. އެކަން ވަރަށް ރަނގަޅަށް ކާމިޔާބު އެބަވޭ."

"ނުވާނެ ތިކަމެއް. ކަލޭ ޖެހޭނީ މަ ބުނާގޮތް ހަދަން. ނޫނީ ނަތީޖާ މާ ރަނގަޅެއްނުވާނެ." ނިހާދު ކުޑަކޮށް ޖެހިލުންވި ނަމަވެސް އިންޒާރެއްދީފައި ހިނގައިގަތެވެ. އޭނާ ގާތަށް އަރާފައިވާ ފޯރިއާއެކު ދިޔަ ގޮތަށް ގޮސް ފިރާޝާއަށް އަމުރުކުރީ ރީޝާ މައިތިރިކުރުމަށެވެ. ނޫނީ އޭނާގެ އަތުން ފައިން ގޯހެއް ހެދިދާނެކަމުގައެވެ.

އަށް އަހަރުކުރިން ރީޝާ މާލެ ފޮނުވައިލުމާއެކު ފިރާޝާގެ ދިރިއުޅުން ކޮންމެވެސް ވަރަކަށް އަމާންވިއެވެ. ނިހާދުގެ މިޒާޖަށް ބަދަލުތަކެއް ނައި ނަމަވެސް ހިލޭ ފިރިހެނުންގެ ތުންފުއްސަކަށް ފިރާޝާ ހެދުން ހުއްޓުނެވެ. އެ ދެމުދައި ލޯބި ނެތް ނަމަވެސް ނިހާދުގެ ދަރިއަކަށް ފިރާޝާ ބަލިވެ އިނެވެ. އެ ހިސާބުން ނިހާދުގެ ހިތުގައި ފިރާޝާގެ މައްޗަށް ރަހުމު އުފެދޭނެކަމަށް ފިރާޝާ ހީކުރިއެވެ. ކުރެވުނު ކުށަށް މާފު ލިބޭނެކަމުގެ އުންމީދު ވެސް ބޮޑުވިއެވެ. އެހެނަސް އެ އުންމީދުތައް ވީ ފެނަށެވެ. ރިޝާމަށް ބައްޕައެއްގެ ލޯބި ލިބުނެވެ. ފިރާޝާއަށް ލިބެންޖެހޭ އަޅާލުމާއި ލޯތްބެއް ނުލިބުނެވެ. މާލޭގައި ހުރި ރީޝާ އަމާން އައްސޭރިއަކަށް ވާސިލުކޮށްދެވުނު ކަމުގެ އުންމީދާއެކު ފިރާޝާ ދިރިއުޅެމުން އައީ ހަމައެކަނި ރިޝާމަށް ޓަކައެވެ. ނަމަވެސް މިއަދު އަނެއްކާ ވެސް ހާލަތު ބަދަލުވާން ފަށައިފިއެވެ. ރީޝާ އެނބުރި ރަށަށް އައުމާއެކު ފިރާޝާގެ ހަޔާތް އިތުރަށް ހަލަބޮލިވެއްޖެއެވެ. އަބަދުވެސް ފިރާޝާއަށް ވިސްނައި ފިކުރު ކުރެވެނީއެވެ. ނިހާދުގެ ފަރާތުން އެ ދެމައިންނަށް ލިބިދާނެ ގެއްލުމަކާ މެދުއެވެ. ރީޝާގެ ބޯހަރުކަމުގެ ސަބަބުން އެ ދުވަސް ވެސް އޭނާ ދެކެންޖެހޭނެހެން ހީވެއެވެ.

"ރީޝާ ގާތު ބުނޭ މާލެ ފުރަން ތައްޔާރުވާށޭ." ނިހާދު ބަދިގެއިން ނުކުންނަމުން ބުނެލިއެވެ.

އެއީ ނިހާދު އެދުނު އެދުމެއް ނޫނެވެ. ކުރި އަމުރެކެވެ. ރާގު ހުރިގޮތުން ފިރާޝާއަށް އެކަން ފަހުމުވިއެވެ. އެހެންކަމުން ބުއްދިވެރީ އެކަމުގެ ރައްދުގައި ބަހެއް ނުކިޔުންކަން ފިރާޝާއަށް ވިސްނުނެވެ. އެހެނަސް އޭނާގެ ހިތަށް އެރިއެވެ. މީގެ ކުރިން ރީޝާ މާލެ ނުފޮނުވައި ގޮތަށް ނިންމީ ވެސް ނިހާދެވެ. ޝިހާމަށް ގުޅާފައި އެކަން އެންގީ ވެސް ޚުދު ނިހާދެވެ. ކުއްލިއަކަށް އެ ޚިޔާލު ބަދަލުކުރީ ކީއްވެގެން ހެއްޔެވެ؟

"ކީއްވެގެން އެއްޗެއް ނުބުނެ ތި ހުންނަނީ." ފިރާޝާ ބަހެއް ނުކިޔުމުން ވެސް ނިހާދަކަށް ކަމަކު ނުދިޔައެވެ.

"އަދި ދުވަސްކޮޅަކު ބަހައްޓަންވީނު." ބިރުންހުރެ ފިރާޝާ ބުންޏެވެ. "ޝިހާމް ގާތުވެސް ބުނީމެއްނު ރީޝާ ދެން މާލެ ނުފޮނުވާނަމޭ."

"ކަލޭ ގާތު މި ބުނީ މަށާ ދެކޮޅަށް އެއްޗެއް ބުނާށެކޭ ނޫނެ." ނިހާދު ވަގުތުން ރޭސް އެރިއެވެ. "މަ ނިންމި ނިންމުމަށް އާނ ބަސް ބުނާށޭ މިބުނީ. ރީޝާ ގާތު އެވާހަކަ ދައްކާ އޭނަ އެކަމަށް އެއްބަސްކުރުވާނަމޭ ބުނާށޭ މިބުނީ. އަދި އަނގަފުޅާކޮށްފަ ޝިހާމޭ، މުންޖޭ ބަހައްޓާށޭ އެބަކިޔާނު. ފިރާޝާ ބުނަން ރަނގަޅު ވާހަކައެއް! މި ފަހަރު މިކަމަށް ދެކޮޅު ހަދަން މަސައްކަތް ނުކުރާތި. އެހެންނޫނީ މަގޭ ނުލަފާކަން ދައްކައިލާނަން."

ރީޝާގެ އެދުމަށް އެކަމާ ދެކޮޅު ހެދި ދުވަހުގެ މަތިން ފިރާޝާ ހަނދާނެއް ނުނެތެއެވެ. އެއީ ބިރުވެރި ރެޔެކެވެ. ދުވާލު ވަގުތުގައި ދެވުނު އަނިޔާ ކުޑަވެގެން ނިހާދު ބޭނުންވީ ހިލޭ ފިރިހެނުންގެ ކަރުހިތްކުން ފިލުވައިދޭ "ބުއިމަކަށް" ވެސް ފިރާޝާ ހަދާށެވެ. އެރޭ އެތައް ފިރިހެނުންނަށް ނިހާދު ދަޢުވަތު ދިނީ ފިރާޝާ ކުރިމަތީގައި އިނދެގެންނެވެ. ނަމަވެސް ފުރަތަމަ މީހާ އައިސް ކޮޓަރިއަށް ވަނުމާއެކު ރީޝާ އައިސް ދޮރުގައި ތަޅައިގަތީއެވެ. އެ ހިސާބުން އެކަމަށް ހުރަސް އެޅުނީއެވެ. ނިހާދުގެ ރޭވުންތަކުގައި ސިއްކަ ޖެހުނީއެވެ. އޭގެފަހުން ފިރާޝާ ނިންމައިގެން ހުރީ ނިހާދާ ދެކޮޅަށް ޗުއްޕު ވެސް ނުބުނުމަށެވެ.

"މިއަދު އެ ވާހަކަ ދައްކާނަން." ފިރާޝާ މަޑުމަޑުން ބުނެލިއެވެ.

***

ކުއްލިއަކަށް ހުއްޓުންއެރި ރީޝާ ފެނުމާއެކު ޝިހާމަށް މަޑުޖެހިލެވުނެވެ. ސުވާލު އުފެދިފައި ހުރެ ރީޝާއަށް ބަލައިލިއެވެ. ރީޝާގެ އަތުގައި އޮތް ސިޓީއުރަ މަޑުމަޑުން ފުރަގަހަށް ލީ މަންޒަރު ޝިހާމްގެ ދެލޮލަށް ވަންހާނައެއް ނުވިއެވެ. އެޔާއެކު ރަބަރަށް ވާންކޮށްފައި ދޫކޮށްލި އުންޑައެއްހެން ރީޝާއާ ދިމާއަށް ދެވުނެވެ. ރީޝާ އަވަސްއަވަހަށް ފަހަތަށް ޖެހެމުން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕަން އުޅުނެވެ. އެހެނަސް ޝިހާމް އަތް ހިއްލައިލަމުން އެ ދޮރު ލެއްޕުނަ ނުދީ ހިފެހެއްޓިއެވެ. ދެން ވެސް ރީޝާ އެ ދޮރު ލައްޕަން މަސައްކަތްކުރިއެވެ. ކުއްލިއަކަށް ޝިހާމް ފަހަތަށް ދޮރުކޮށްޕައިލިއެވެ. ރީޝާ ދިޔައީ ވިއްސައިގެންނެވެ. ޝިހާމް ކޮޓަރި ތެރެއަށް ދެމިގަތެވެ. އެނދުމަތީގައި އޮތް ރިޒްމާއަށް އަވަސް ނަޒަރެއް ދީފައި ފުންމައިގެން ގޮސް ރީޝާގެ އަތުގައި އޮތް ސިޓީއުރަ ޖަހައިގަތެވެ. ރީޝާ ޝިހާމްގެ ގަޔަށް ބޮލަށް އަރައިގަތެވެ. ބޮލުގެ އިސްތަށިގަނޑަށް ދަމައި މޮޔައަކު ފަދައިން ހަޅޭލަވަން ފެށިއެވެ. އެންމެފަހުން ޝިހާމަށް ކެތްނުވެގެން ރީޝާގެ ކަންކަށިމަތީގައި ޖެހިއެވެ. އެންމެ ފަހަރަކު ނޫނެވެ. ރީޝާގެ ގަޔަށް އަރައިފައި ހުރި އައްސިގަނޑު ފިލަންދެން އޭނާ ރީޝާގެ ގައިގާ ތެޅިއެވެ. އެއީ ޝިހާމްގެ ފުށުން އެފަދަ އަނިޔާއެއް ރީޝާއަށް ލިބުނު ފުރަތަމަ ފަހަރެވެ.

"މަށަށް އަނިޔާކުރަން ނުކެރިގެންނެއް ނޫނޭ ކަލޭ ތެޅޭ ތުއި ބަލަން މި ހުންނަނީ." ޝިހާމް ހަޅޭއްލަވައިގަތެވެ. "ތި ވައްތަރަށް ތެޅިގެން ކަލެޔަށް ދުވަހަކު ވެސް ރަށަކަށް ނުދެވޭނެ. ނުވެސް ފޮނުވާނަން. މަ ފޮނުވިއްޔާއެއްނު ދެވޭނީ ވެސް."

ރީޝާއަށް ވަގުތުން ރޮވުނެވެ. އޭނާގެ ގައިގާ ޝިހާމް ޖެހީތީއެއް ނޫނެވެ. އޭނާ އެހައިވަރުން ރޭވިރޭވުންތައް ކުޑަހިނދު ކޮޅެއްގެ ތެރޭގައި ފެނަށްވެގެން ދިޔައީތީއެވެ. ދެން އެފަދަ ފުރުޞަތެއް ތަނަވަސްވުން އެއީ ނާދިރުކަމެކެވެ. ޝިހާމަށް ބިރު ދައްކައިގެން މެނުވީ އޭނާ ބޭނުން އެއްވެސް ކަމެއް ނުވާނެއެވެ.

އެ ދުވަހުގެ ފަހުން ސިއްރު ސިޓީއުރަ ރީޝާގެ ލޮލަށް ވެސް ނުފެނެއެވެ. އެ ހޯދަން ރީޝާ އެކިގޮތް ގޮތުން މަސައްކަތްކުރިއެވެ. ކާމިޔާބުވާ ގޮތެއް ނުވިއެވެ. ރިޒްމާގެ ގާތުން އެހީއަކަށް އެދުމުން އޭނާ ފާޅުގައި ހެދީ ދެކޮޅެވެ. ރީޝާ ދުވަސްތައް ގުނަމުން ދިޔައީ ވޭނާއި ހިތްދަތިކަމުގައެވެ. އަނިޔާއި ވޭނާއި ރިހުން އިޙްސާސްކުރަމުންނެވެ. އެވަރުން ވެސް އެ ހުރަގެއިން ސަލާމަތްވާނެކަމުގެ އުންމީދު ރީޝާ ގެއްލުވައެއް ނުލައެވެ. ނާޔާ ވަރަށް ހިތްވަރު ދިނެވެ. ޕޮލިހުންނަށް ރިޕޯޓުކޮށްގެން އެކަމުން މިންޖުވުމަށް ވެސް ޚިޔާލު ދިނެވެ. އެހެނަސް ރީޝާ ފުލުހުންނަކަށް އިތުބާރެއް ނުކުރެއެވެ. ޝިހާމް ރަނގަޅަށް ބައްދައިލެވޭވަރުގެ ހެތްކެއްނެތި ފުލުހުންނާ ހަމައަށް ދާކަށް ރީޝާ ބޭނުމެއް ނޫނެވެ. ޝިހާމަށް އަދަބު ލިބޭއިރު ނިހާދަށް ވެސް ޙައްޤު ސަޒާ ލިބެންޖެހޭނެކަމަށް ރީޝާ އަބަދު ވެސް ބުނެއެވެ. އެއްގާގަނޑުން ޖަހައި ދެދޫނި މަރާލެވުމުން މެނުވީ އޭނާއަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

ނާޔާގެ މަޝްވަރާއާއި ޚިޔާލާއެއްގޮތަށް ދެވަނަ މަޅިފަތި ޝިހާމްގެ ކަރަށް މަހައިލުމަށް ރީޝާ ތައްޔާރުވިއެވެ. އެކަމުގައި ރީޝާއަށް ބޭނުންވި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނީ ވެސް ނާޔާއެވެ. އެ ދަންތުރަ ބެހެއްޓީ ރީޝާގެ ކޮޓަރީގައެވެ. އެހެނަސް ޝިހާމްގެ ދެލޮލަށް ވަންހަނާވާ ގޮތަށެވެ. ޝިހާމަށް ވެސް އެނގުމެއްނެތި އެ ދަންތުރާގައި ޖެހި ހައްޔަރުވިއެވެ. ރީޝާއަށް ލިބުނު ކާމިޔާބުކަމާއެކު ދެވަނަ ހަރުފަތަށް އޭނާ ޖެހުނެވެ. އެއީ ރިޒްމާގެ އެހީ ހޯދުމެވެ.

ރިޒްމާއަށް ގޮވަމުން ރީޝާ ކޮޓަރިއަށް ވަނެވެ. ރިޒްމާ އިނީ ހެދުމެއް ފަހާށެވެ.

"މި އައީ ވަރަށް ބޮޑުކަމަކު ކިޔަން." ރިޒްމާގެ ގާތުގައި ހުއްޓިލަމުން ރީޝާ ބުނެލިއެވެ. ރިޒްމާ މަސައްކަތްކުރިޔަށް ގެންދަމުން ކޮންކަމެއްތޯ ސުވާލުކުރިއެވެ.

"އެ ސިޓީއުރަ ހޯދައިދީ." ރީޝާ އެދުނެވެ.

"މިހާރު ކިތައްދުވަހު ބުނެފިން ތިކަމެއް ނުވާނޭ." ރިޒްމާ ފެހުން ހުއްޓައިލައިފައި ބުންޏެވެ. "ތި ޚިޔާލު ދޫކޮށްލާ."

"ނުވާނެ ތިކަމެއް. ދައްތައަށް ދެންޖެހޭނީ މަށަށް އެހީވާން." ރީޝާ ވަގުތުން ބުންޏެވެ.

"ނުޖެހޭނެ." ރިޒްމާ ދެކޮޅު ހެދިއެވެ. ރީޝާގެ އަތުގައި އޮތް ފޯނު ނަގައި ރިޒްމާގެ ކުރިމަތީގައި ބޭއްވިއެވެ.

"މީ ކާކުދިން ފޯނެއް." ރިޒްމާ ސުވާލުއުފެދިފައި ރީޝާއަށް ބަލައިލިއެވެ.

"އަދި މަޑުކުރޭ. ހަމަޖެހިލާ." ރީޝާ ފޯނުގެ "ގެލަރީ" އިން ވީޑިއޯ ދައްކައިލިއެވެ. އެ ވީޑިއޯ އިން ފެންނަނީ ރީޝާގެ ނުރުހުމުގައި ޝިހާމްގެ އެދުންތައް ފުއްދަމުންދިޔަ މަންޒަރެވެ. ރީޝާ ރޮއެ ހޭރެމުންދިޔަ އިރުވެސް ޝިހާމް ދިޔައީ އެކަމަށް ފަރުވާނުބަހައްޓައި އޭނާގެ ބޭނުންތައް ޙާސިލުކުރަމުންނެވެ. ރިޒްމާގެ ހިތް ނުހަނު ބާރަށް ތެޅިގަތެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނީ ފޯނުވެސް ހިފައިގެންނެވެ. ރީޝާ ހުށިޔާރުކަމާއެކު ފޯނު ޖަހައިގަތެވެ.

"ދައްތައަށް މަ ދޭނީ ދެ ދުވަސް." ދެ އިނގިލި ދައްކައިލަމުން ރީޝާ ބުންޏެވެ. "ދެ ދުވަހުގެ ތެރޭގައި ސިޓީއުރަ މަ އަތަށް ނާރައިފިނަމަ މި ވީޑިއޯ ހިފައިގެން ޕޮލިހަށް ދާނީ."

ރިޒްމާގެ މޫނު ނުތަނަވަސްކަމުން ފުރިއްޖެއެވެ. އެ ވީޑިއޯ ލީކްވެއްޖެނަމަ އޭނާގެ ދުނިޔެ އެފުށް މިފުށަށް ޖެހޭނެއެވެ. އޭނާގެ ދަރިންތައް މަގުމަތިވާނެއެވެ. އޭގެ އިތުރުން ދުނިޔޭގެ ލަދާ ވެސް ކުރިމަތިލާން ޖެހޭނެއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ރިޒްމާއަކަށް ނުވިސްނުނެވެ. ދެލޯ ބޮޑުކޮށްގެން ރީޝާގެ އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީއެވެ. ކުއްލިއަކަށް އެ ފޯނުގައިވާ އެ ވީޑިއޯ ފުހެލުމުގެ ވިސްނުން އޭނާގެ ސިކުނޑިއަށް އަޔެވެ.

"މި ވީޑިއޯ އޮންނާނީ މި ފޯނުގައި އެކަނިކަމަށް ހީނުކުރާތި." ރީޝާ ބަލަހައްޓައިގެން ހުރީ ނުރައްކާތެރި ގޮތަކަށެވެ. "ޝިހާމަށް ވެސް މިކަން އެނގިގެން ނުވާނެ. މަ މިގޭ ތެރޭގައި ހައްޔަރުކުރަން ވެސް ނުވިސްނާތި. ވަރަށް ރަނގަޅަށް ރާވައިގެން ކޮށްފައި އޮތްކަމެއް މީ. 02 ދުވަސްތެރޭގައި މަށަށް އެ ސިޓީއުރަ ލިބި، ސިޓީއުރަ ލިބިއްޖެކަން މަ އަންގަންޖެހޭ މީހާއަށް ނާންގައިފިނަމަ އޭނަ ދާނެ މި ވީޑިއޯ ހިފައިގެން ޕޮލިހަށް. އޭރަށް ފުލުހުންގެ ޖިޕް ސީދާ ވައްޓައިލާނީ މިގެއަށް."

ރީޝާ ނުކުމެގެން ދިޔައީ، އެކަމުން މިންޖުވުމަށް ރިޒްމާގެ ވިސްނުން ދަތުރުކުރި ހުރިހާ މަގެއް ބަންދުކޮށްފައެވެ. ރިޒްމާގެ ހަތަރު އުދަރެސް ފެނުޖެހުނު ކަހަލައެވެ. ކުރަންވީ ކީއްކަމެއް ނޭނގިފައި އެތައް އިރަކު އޭނާ ހުއްޓެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައިޝާ

    މި ބައި ވެސް ވަރަށް ރީތި

  2. ޏަމްޏަމް

    ހެޔޮނުވާނެ ތަންކޮޅެއް އަވަހަށް އަޕްކޮއްދީ