ރާއްޖޭގައި އަމިއްލައަށް ވެންޓިލޭޓަރެއް އުފެއްދި އެންމެ އުމުރުން ހަގު ޒުވާނާ އަހުމަދު އަހުޝަމްއަކީ އޭނާގެ އަމިއްލަ އުފެއްދުންތަކުން އާއްމުންގެ ސަމާލުކަން ހޯދާފައިވާ ޒުވާނެކެވެ. އޭނާއަށް ބޮޑު ސަމާލުކަމެއް ލިބުނީ ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ބޯޑަރުތައް ބަންދުކުރުމާއި އެކު ވެންޓިލޭޓަރުތައް އެއް ގައުމުން އަނެއް ގައުމަށް ނުގެންދެވުމާއި ވެންޓިލޭޓަރުތައް އުފައްދާ ކުންފުނިތަކުން އެ މަސައްކަތް މަޑުޖައްސާލާފައި ވަނިކޮށް، ރާއްޖެއިން ލިބެން ހުރި ތަކެތި ބޭނުންކޮށްގެން ވެންޓިލޭޓަރެއް އުފެއްދުމުގެ ހުނަރުވެރި މަސައްކަތް އޭނާ ކުރި ހިސާބުންނެވެ. އެހެންނަމަވެސް ށ.ގޮއިދޫއަށް އުފަން މި ޒުވާނާ ވަނީ މިފަދަ އެތައް އުފެއްދުމެއް އުފައްދާފައެވެ. އެގޮތުން އޭނާ ވަނީ ވިނަ ކޮށާ މެޝިނެއް ވެސް އުފައްދާފައެވެ.

އަޝްހަމްގެ ވެންޓިލޭޓަރަށް ފަހު، މިފަހަރު ހެދީ ވިނަކޮށާ މެޝިނެއް!

މީގެ ކުރިން އަޝްހަމް އުފެއްދި އުފެއްދުންތަކުގެ ތެރޭގައި މަދިރި މަދުކުރުމަށް ދުން ޖަހާ މެޝިނަކާއ،ި ދަގަނޑު ކަނޑާ މެޝިނެއް ފާހަގަކޮށްލެވެއެވެ. އެ ހުރިހާއެއްޗެއް ވެސް އޭނާ ހަދާފައި ވަނީ ރާއްޖެއިން ލިބެން ހުރި ތަކެތި ބޭނުންކޮށްގެންނެވެ.

"އެ އެއްޗެހި އުފައްދާފައި ހުންނާނީ ގޮނޑުން ނަގާ އެއްޗެހިވެސް ބޭނުންކޮށްގެން. މޯޓަަރު އެއްޗެހި އެއީ މުޅިންވެސް އެހެން ނަގާފަ ހަދާފަ ހުންނާނީ. ބައެއް އައިޑިއާޒް ހުންނާނެ ހަދަން ބޭނުންވެފައި އެކަމަކު އެއްޗެހި ނެތީމަ ނުހެދިފަ. ކުރިއާލާ ރާވައިގެނެއް ނޫން ހަދަނީ ހަމަ އެ ޚިޔާލެއް އައީމަ ވިސްނާލާފަ މަސައްކަތް ފަށަނީ." އަޝްހަމް ބުންޏެވެ.

ގްރޭޑް ދޭއްގެެ ފުރަތަމަ ޓާމް އާއި ހަމައަށް ށ.ގޮއިދޫގައި ކިޔެވުމަށް ފަހު ގްރޭޑް ދޭއްގެ ދެވަނަ ޓާމް އަދި ގްރޭޑް ތިނެއް ކިޔެވީ ށ. ކޮމަންޑޫއިންނެވެ. އަދި ގްރޭޑް ހަތަރަކުން ފެށިގެން އޭނާ ތައުލީމް ހާސިލް ކުރީ އިމާދުއްދީންގައެވެ. އަދި 11-12ގައި ތައުލީމް ހާސިލްކުރީ ސީއެޗްއެސްސީގައެވެ.

ކޮންމެވެސް ވަރަކަށް އުފެއްދުންތެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން ހުރި ނަމަވެސް، އަޝްހަމް އަބަދުވެސް އެންމެ ބޮޑަށް ކުރިއަށް ދާން ބޭނުންވަނީ ޕައިލެޓްކަމުގެ ދާއިރާއިންނެވެ.

"ކުޑަ އިރުއްސުރެންވެސް އެންމެ ބޭނުންވަނީ ޕައިލެޓަކަށް ވާން. އެއްވެސް ފަހަރަކު އަދި ނުއެއްލަން. އަދި 12 ނިންމާފައި އައިސް ހަމަ ހުރީ ރަށުގައި. ފައިނޭންޝަލީ އެވަރު ނުވާތީ އަދި ނުވެފަ މިހުރީ. އެކަމަކު ވަރަށް ބޮޑު އުންމީދެއް އެއީ." އަޝްހަމް ބުންޏެވެ.

އަހުޝަމް ވެންޓިލޭޓަރު އުފެއްދި ހަބަރާ އެކު، ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ފޯނުން ގުޅުއްވައި ހިތްވަރު ދެއްވައިފައެވެ. އަދި ފެނަކަ ކޯޕަރޭޝަނުން ވަނީ އަހުޝަމަށް ވަޒީފާގެ ފުރުސަތު ވެސް ހުށަހަޅައިފައެވެ. މީގެއިތުރުން ޕްރޮފެސަރު އުގައިލް ވެސް ވަނީ އަހުޝަމަށް ހިތްވަރު ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ..

    ކަނޑިތީމް ގަ އުޅެޔޯ އަދި ވަރަށް މޮޅު މީހެއް..އޭނަ ވެސް ހެދި ވިނަ ކޮށާ އެއްޗެއް..