ރާއްޖޭގައި އަމިއްލައަށް ވެންޓިލޭޓަރެއް އުފެއްދި އެންމެ އުމުރުން ހަގު ޒުވާނާ އަހުމަދު އަޝްހަމަކީ އެ ރަށު ގިނަ ބަޔަކު ދެކޭ ގޮތުގައި ހުނަރުވެރި ޒުވާނެކެވެ. އެތައް ބަޔަކު ހައިރާންކޮށްލާފައި އޭނާ އެންމެ ހަތް ދުވަހުން ހެދި ވެންޓިލޭޓަރަށް އާންމުންގެ ސަމާލުކަން ވަނީ ލިބިފައެވެ. އެތައް ބަޔަކު އަޝްހަމަށް ތާއީދުކޮށް، ހިތްވަރު ދިނެވެ. އަދި އޭނާގެ ހުނަރު އިތުރަށް ބަލަން ބޭނުންވެފައި ތިބި މީހުން މަދެއް ނޫނެވެ.

ށ. ގޮއިދު އަށް އުފަން އަޝްހަމް ވެންޓިލޭޓަރު އުފެއްދިތާ މާ ގިނަ ދުވަސްތަކެއް ނުވެ، ރަށު ކައުންސިލުން ވަނީ އެރަށުގެ ފުޓު ބޯޅަ ދަނޑުގައި ވިނަ ކޮށާނެ މެޝިނެއް ނުވަތަ "ލޯން މޯވަ" އެއް ތައްޔާރުކުރުމަށް އަޝްހަމަށް ހުށަހަޅައިފައެވެ.

https://www.facebook.com/ahmed.ashham.14/videos/737289053708339/

އެ ހުށަހެޅުމަށް އޭނާ އިޖާބަދީ، އެންމެ ތިން ދުވަސް ތެރޭގައި ވިނަ ކޮށާ މެޝިނެއް ހެދިއެވެ. އަދި ޓެސްޓްތައް ކާމިޔާބުކުރިއެވެ. އަޝްހަމް ވަނީ ވިނަ ކޮށާ މެޝިން މަސައްކަތް ކުރާ ގޮތުގެ ވީޑިއޯއެއް ފޭސްބުކްގައި ދައްކާލައިފައެވެ. އެއީ 29 ސިކުންތުގެ ވީޑިއޯއެކެވެ.

އަޝްހަމް ބައެއް މީޑިއާތަކަށް ކިޔައި ދިން ގޮތުގައި އެ މެޝިން ހަދާފައިވަނީ ގޮނޑަށް އުކާލާފައިއޮތް ބްލެންޑަރެއް ނުވަތަ މިކްސަރެއްގެ މޯޓަރުބައި މަރާމާތުކޮށްގެންނެވެ. އަދި ވިނަ ކޮށާ ތިލަ ހަދާފައިވަނީ ދެ ކޮޅުގައި ބޭންދުމަށް ފަހު، ވެލްޑިންކޮށްގެންނެވެ.

އަޝްހަމްގެ މިހާރުގެ އަމާޒަކީ އެ މެޝިން އަޕްގްރޭޑް ކުރުމާއި ޓްރަބަލްޝޫޓުކުރުމުގެ މަސައްކަތްތަކެވެ. އޭރުން ރަށުގެ ފުޓްބޯޅަ ދަނޑުގެ ވިނަތައް ގަޑިއިރެއްހާ އިރުގެ ތެރޭގައި ކޮށާލެވޭނެ ކަމަށް އަޝްހަމް ގަބޫލު ކުރެއެވެ.

އަޝްހަމް ވެންޓިލޭޓަރު އުފެއްދި ހަބަރާ އެކު، ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ފޯނުން ގުޅުއްވައި ހިތްވަރު ދެއްވައިފައެވެ. އަދި ފެނަކަ ކޯޕަރޭޝަނުން ވަނީ އަޝްހަމަށް ވަޒީފާގެ ފުރުސަތު ވެސް ހުށަހަޅައިފައެވެ.

މީގެއިތުރުން ޕްރޮފެސަރު އުގައިލް ވެސް ވަނީ އަޝްހަމަށް ހިތްވަރު ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙުސައިން

    ސާބަސް!

    18
    2
  2. ޑީ

    ސާބަހޭ ދަރިއާ. ކިޔަވައިގެން އަމިއްލަ ޤައުމަށް ފައިދާކޮށްދޭނެ ތިކަހަލަ ކުދިން ބޭނުންވަނީ. އެއްބަޔަކު ކިޔަވައިގެން ރާއްޖޭން ބޭރަށް ގޮސް ތިބެ ފޮނި އަނގަ ތަޅާނެ.

    29
    2
  3. ޢަބޫ

    މާޝާﷲ ހުނަރުން ފުރިފައިވާ ވަރަށް ތޫނުފިލި ކުއްޖެއް. އަޝްހަމް އަށް ފާގަތި މުސްތަޤުބަލަކަށް އެދެން

    25
    1
  4. ދިވެހިސޮރު

    ތިޔައިން އެއްޗެއް ކޮށޭތަ އެބަ

    7
    3
  5. އަލިނާ

    ސާބަހޭ ޒުވާނާ! ތިޔައީ ޤަައުމަށް ބޭނުންވާ ޒުވާނުންނަކީ. ޑިމޮކްރަސީގެ ނަމުގައި ޓްވިޓަރގައި މީހުންނަށް ބަދުބަސްބުނެ ޒުވާބުކުރަން ރީންދޫ ޕާޓި ކުދިން ތިބެނީ.
    ތިބާއަށް އިތުރު ކާމިޔާބީއަށް އެދެން

    10
    3
  6. މާޝާ

    ސާބަހޭ!! ގައުމަށް ހިދުމަތް ކުރުމުގައި ދެމިހުންނާތި???