ބަންގްލަދޭޝްގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު، އަދި އެޤައުމުގެ ޤައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން، މަޝްރަފޭ ބިން މޮޓާޒާ ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިކަން ހާމަކޮށް އޮފިޝަލަކު ނޫސްތަކުން ބުނެފައި ވަނީ، މަޝްރަފޭއަށް ކޮވިޑް-19 ޖެހިފައިވާކަން އެނގުނީ އޭނާ ހުން އައިސް ބަލިވެ އުޅޭތާ ދުވަސްތަކެއް ވެފައި ވަނިކޮށް ހުކުރު ދުވަހު ހެދި ޓެސްޓުގެ ނަތީޖާ އިއްޔެ ލިބުމުން ކަމަށެވެ.

މިކަމާއި ގުޅިގެން މިހާރު އޭނާ އެކަހެރިކޮށް އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސް ފަރުވާދެމުންދާ ކަމަށްވެސް އޮފިޝަލް ވަނީ ބުނެފައެވެ. އޭނާގެ ދެވަނަ ޓެސްޓެއް ހެދުމަށްޓަކައި ސުންކު (ސާމްޕަލް) ނަގާފައި ވާއިރު، އަދި އެ ޓެސްޓުގެ ނަތީޖާ ނުލިބެއެވެ.

މަޝްރަފޭއަށް ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދިޔަނަމަވެސް އޭނާގެ ހާލާއި ބެހޭ ގޮތުން އޮފިޝަލުން އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކޮވިޑް ޖެހިފައިވާކަން އެނގުމުގެ ކުރީން އޭނާގެ ހާލު ގޯސް ކަމަށް އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނެއެވެ.

އުމުރުން 36 އަހަރުގެ މަޝްރަފޭ ކޮވިޑް-19 އަށް ފައްސިވެފައި މިވަނީ، ބަންގްލަދޭޝްގައި މި ބަލި ހަލުވިކަމާއެކު ފެތުރެމުދާ މި ދަނޑިވަޅުގައި ހާލުގައި ޖެހޭ މީހުންނަށް އެހީތެރުވުމުގެ ގިނަ ހަރަކާތްތައް ހިންގައި އެކަންކަމުގައި އަމަލީގޮތުން ބައިވެރިވަމުން ދަނިކޮށެވެ.

ގިނަ ބައެއްގެ މަޤުބޫލުކަން މަޝްރަފޭ ހޯދާފައި ވަނީ ބަންގްލަދޭޝްގެ ޤައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިއެއްގެ ގޮތުންނެވެ. އޭނާގެ ކެޕްޓަން ކަމުގެ ދަށުން 2019 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑްކަޕް ވެސް ކުޅެފައި ވެއެވެ. އެއަށްފަހު ފަހުން އޭނާ ވަނީ ކްރިކެޓް ކުޅުން ހުއްޓާލުމަށްފަހު ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާން ފަށާފައެވެ.

ބަންގްލަދޭޝް އަކީ ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވަމުން އަންނަ އެއް ޤައުމެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 108,775 މީހަކަށް މި ބަލި ޖެހި، ބަލީގައި 1425 މީހަކު މަރުވެފައި ވެއެވެ.