ލިޔުނީ: އައްބާސް

އިރުއޮއްސެމުންދިޔައިރު އަހަރެން މަޑުކޮށްލައިގެންއިނީ ރަސްރަނި ބަގީޗާގައި ހުރި ޖޯއްޔެއްގައެވެ. ކުޑަކުދިންނާއި ބޮޑެތި މީހުން އެސަރަޙައްދުގައި ކުޅުމާއި، މަޖަލުގައި ޙަރަކާތްތެރިވަމުންދިޔައެވެ. ނަމަވެސް އަހަރެންގެ ނަޒަރު ހުއްޓިފައިހުރީ އޮއްސެމުންދިޔަ އިރަށެވެ.

އަނެއްކާވެސް ދުވަހެއް ނިމިގެން ދިޔައީއެވެ. އިރުގެ ފުރިހަމަ ވާޖިބު އަދާކުރުމަށްފަހު އޮއްސެމުންދާއިރު އުޑަމައްޗަށް އަރަމުންއެދާ ރީތިކުލަތަކަށް އަހަރެން ހިތް ދޫކޮށްލައިގެން އިން އިރު ކަރީގައި މީހަކު އިންކަމުގެ އިޙްސާސެއްވެސް ނުކުރެވުނެވެ.

"އަހަރެން ޝަމާ ދެކެ ވަރަށް ލޯބިވޭ" ޝަޒީލް އަހަރެންއަތުގައި މަޑުމަޑުން ހިފާލުމަށްފަހު ބުނެލިއެވެ.

ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައެވެ. ބުނާނެ އެއްޗެއް ނޭންގިފައި އަހަރެން ޝަޒީލަށް ބަލާލީމެވެ. މިއީ އަހަރެން އުއްމީދު ކުރަމުންއައި ގޮތެއް ނޫނެވެ. އަދި މިފަދަ ޖެހިލުންކުޑަގޮތަށް ޝަޒީލް އެހެން ބުނެފާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ. އަހަރެން މަޑުމަޑުން ޝަޒީލްގެ އަތްތެރެއިން އަހަރެން އަތް ދަމާގަތީއެވެ.

"ނޫން ޝަޒީލް.... ނޫން..." އަހަރެން އެކަމަށް އެއްބަސްވާކަމަށް ބޭނުމެއް ނުވިއެވެ.

"އެއީ ކީއްވެ؟ ބުނެބަލަ.. ކީއްވެތަ؟ ޝަމާވެސް އަހަރެންދެކެ ލޯބިވާކަން އަހަންނަށް އިޙްސާސް ކުރެވޭ!" ޝަޒީލް އަނެއްކާވެސް އަހަރެންގެ އަތުގައި ހިފާލުމަށްފަހު ބުނެލިއެވެ.

"ނޫން ޝަޒީލް... ކުށްހީތައް ނުކޮށްބަލަ.... ޖަވާބު ނުދެވޭ ބައެއް ސުވާލު ހުންނާނެ.. އަހަންނަކީ މީހެއްގެ ލޯބި ޙައްޤުވާ ވަރުގެ މީހެއް ނޫނޭ. ޝަޒީލަށް މާރަނގަޅު ކުދިންވާނެ.. ތިހިޔާލު ދޫކޮށްލާ.." އަހަރެން ފެންކަޅިވިއެވެ. ނަމަވެސް އެކަން ޝަޒީލަށް ސިއްރުކުރީމެވެ.
އެވަގުތު ޝަޒީލްގެ ލޮލުން ކަރުނަ ހިލިގެންދިޔަތަން ފެނުމުން އަހަންނަށްވެސް އަސަރު ކުރިއެވެ. ދެވަނަ ފަހަރަށްވެސް ޝަޒީލް އަހަރެންގެ އަތުގައި ހިފުމުން އަހަރެން އަތްދަމައިގަތީމެވެ.

"ޝަމާ.. ކީއްވެތަ..؟ ޕްލީސް..." ޝަޒީލު ވަރަށް އަސަރާއެކު ބުނެލިއެވެ.

އެވަގުތު އަހަންނަން ވަރަށްބޮޑަށް އަސަރުކުރިއެވެ. ޝަޒީލްއިނީ ސީދާ އަހަރެންގެ ލޮލަށް ބަލާށެވެ. އަހަންނަކަށް ކެތެއް ނުކުރެވުނެވެ. އަހަރެންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލުމަށްފަހު ތެދުވެގެން ދާން ހިނގައިގަތީމެވެ. ޝަޒީލް އިސްޖަހާލައިގެން އިންއިރު އޭނާގެ ލޮލުން ކަރުނަތައް އޮހެރޭތަން ފެނުމުން އަހަންނަށް ވަރަށް އަސަރު ކުރިއެވެ.

ގެޔަށްގޮސް ކޮޓަރިއަށް ވަނުމާއެކު އަހަންނަށް ބާރަށް ރޮއިގަނެވިއްޖެއެވެ. ދޮރުގައި ލެނގިލައިގެން ހުއްޓާ ގައިން ބާރުދޫވެ ތިރިވެގެންގޮސް ބިންމަތީގައި އިށީނދެވުނެވެ. ރޮއިރޮއި އެތައްއިރަކު އަހަންނަށް އިނދެވުނެވެ.

އެވަގުތު ކުއްލިއަށް ހަނދާންވީ ނިއުޝާދު މަތިންނެވެ. އަހަރެން މަޑުމަޑުން ތެދުވެގޮސް ކަބަޑުގައިހުރި ފޮތްތައް ހާވަން ފެށީމެވެ. ފޮތުގެ ތެރެއިން ނިއުޝާދުގެ ފޮޓޯއެއް ނެގުމަށްފަހު އެފޮޓޯއަށް ބަލާލީމެވެ. މިވީ ތިންއަހަރެއްހާ ދުވަހުގެތެރޭގައި ފުރަތަމަ ފަހަރަށް އެލޯތްބަށް އެދެވުނީ ކީއްވެ ކަމެއް ނޭގެއެވެ. އަނެއްކާވެސް އަހަރެންގެ ލޮލުން ކަރުނަ ފައިބަން ފަށައިފިއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮޓޯއަށް އެޅެމުންދިޔައެވެ.

އެއީ ހިނިތުންވެފައިވާ އުޖާލާ މޫނެކެވެ. އެހިނިތުންވުން އަހަރެންގެ ހިތާ ގުޅިފައިވަނީ ކީއްވެކަމެއް ނޭނގެއެވެ. އަހަރެންގެ ދެކޭގޮތުގައި އެއީ އަހަރެންގެ ހިތާއި ފުރާނައިގެ ދިރުމެވެ. އެފޮޓޯގަނޑު މޭގައި ޖައްސަލާލެވުނީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. މީގެ ދެތިން އަހަރުގެ ކުރީގެ ޚިޔާލުތަކެއް އެވަގުތު ކުރިމަތިން ސިފަވެގެން ދިޔައެވެ.

އެއީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްތަކެވެ. ނިއުޝާދު އާއި އަހަރެން ސްކޫލް ދައުރުގައި އެއް ކްލާހެއްގެ އުޅުމުގެ ނަތީޖާ އަކަށްވީ، ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވުމެވެ. ނިއުޝާދާއެކު ހަނދާން ނުނެތޭ އެތައް ވަގުތުތަކާއި، ދުވަސްތަކެއް އަހަރެންވަނީ ހޭދަކޮށްފައެވެ. އަހަރުމެން ދެމީހުން އެކުގައި ހޭދަކުރި ކޮންމެ ވަގުތަކީ އަހަރެން ހިތް އުފަލުން ފޮޅުނު ވަގުތުތަކެކެވެ.

ސްކޫލް ނިމުމުން އަހަރެންގެ މައިންބަފައިން ބޭނުންވީ އަހަރެން މަތީ ތަޢުލީމު ޙާޞިލް ކުރުމަށްޓަކައި މާލެ ފޮނުވުމަށެވެ. އަހަރެންވެސް ބޭނުންވީ އިތުރަށް ކިޔަވާ މޮޅުމީހަކަށްވުމަށެވެ. އަބަދުވެސް އަހަރެން އުއްމީދު ކުރަމުންދިޔައީ ރަނގަޅު ވަޒީފާއެއް ހޯދައިގެން ޤައުމަށް ޚިދުމަތް ކުރުމަށެވެ.

އެއްރެޔެއްގެ އިރާކޮޅުގެ ވަގުތެވެ. އަހަންނާއި ނިއުޝާދު އެރޭވެސް ތިބީ އަބަދުވެސް އަހަރުމެން ލޯބީގެ ބައްދަލުވުންތައް ބާއްވަމުން ގެންދިޔަ ތުނޑީގެ ދޮންވެލިގަނޑުމަތީއެވެ. އަހަރެންގެ އުނގުގައި ބޯއަޅާލައިގެން އަހަރެންގެ މޫނަށް ބަލަހައްޓައިގެން ނިއުޝާދު އޮތެވެ.

"ނިއުޝާދު........ އަހަރެން މާލެދާން ނިންމައިފިން........ މަންމަމެންވެސް ބޭނުންވަނީ އަހަރެން އިތުރަށް ކިޔަވަން މާލެ ދިއުމަށް.... " އަހަރެން ނިއުޝާދުގެ ދަތްދޮޅީގައި ހިފާލާފައި ބުނެލީމެވެ.

"އަހަރެން ކިހިނެތް ޝަމާ އާއި ވަކިން އުޅޭނީ... ޝަމާއަށް އަހަންނާ ވަކިން އުޅެވިދާނެތަ؟......" ނިއުޝާދު ކުރީ ސުވާލެކެވެ.
"ނިއުޝާދުވެސް އިތުރަށް ކިޔަވަން މާލެ ދާންވީނު.... އޭރުން ރަނގަޅު ވަޒީފާއެއްވެސް ލިބޭނީ... އެއްވެސް މަސައްކަތެއް ނުކޮށްހުރީމަ ކިހިނެއް ލާރި ހޯދާނީ.. ރަނގަޅު ދިރިއުޅުމެއްވެސް އުޅެވޭނީ ލާރިއެއް ލިބިގެންނެއްނު" އަހަރެން މިހެންބުނީ އަހަންނަކީ މުއްސަނދި ދިރިއުޅުމަށް ލޯބިކުރާ ކުއްޖަކަށްވާތީއެވެ. އަހަންނަކީ އަބަދުވެސް ހުވަފެން ދެކޭ ކުއްޖެކެވެ. ޙަޔާތުގައި ކާމިޔާބު މީހަކަށްވާން ބޭނުންވާއިރު އަހަރެންގެ ޙަޔާތަށް ގެންނަންވެސް ބޭނުންވަނީ އެފަދަ ކާމިޔާބު މީހެކެވެ.

"އަހަރެން ޝަމާދެކެ ވަރަށް ލޯބިވޭ... އެކަމަކު ކިހިނެއް އަހަރެން މާލެދާނީ... ޝަމާއަށްވެސް އެނގޭނެ އަހަރެން ވަރަށް ކުޑައިރު ބައްޕަވަނީ ނިޔާވެފައި.. އަހަރެންގެ ކުޑަޔަށް މަންމަގެ ތިންކުދިން އެބަތިބި... އަހަންނާއި ކޮއްކޮމެންނަށް ކިޔަވައިދޭށާއި، ބޭނުންވާ ކަންކަން ކޮށްދިނުމަށްޓަކައި މަންމަ އެކުރާ ބުރަ މަސައްކަތް އަހަންނަށްފެނޭ... އަހަރެން މިހާރު ބޭނުންވަނީ ވަޒީފާއެއް ހޯދައިގެން ކޮއްކޮމެންނަށް ކިޔަވައިދޭން މަސައްކަތް ކުރަން.. އެމީހުންނަށް ރަނގަޅު ގޮތެއް ހޯދައިދޭން މަސައްކަތް ކުރަން.. ރަށު އޮފީހުން އިޢުލާންކޮށްފައޮތް ޖޮބަށް މިއަދު އެޕްލައިކޮށްފިން.." ނިއުޝާދު އަސަރާއެކު ބުނެލިއެވެ.

އެރޭ ގެއަށް އައިސް އަހަރެން ނިއުޝާދު ދެއްކި ވާހަކަތަކާ ދޭތެރޭ ވަރަށް ވިސްނީމެވެ. އަހަރެން ނިއުޝާދު ދެކެ އިންތިހާޔަށް ލޯބިވެއެވެ. ނަމަވެސް އަހަރެންނަކީ އަބަދުވެސް މުއްސަނދި ކަމަށް ލޯބިކުރާ ކުއްޖަކަށްވާތީ، ނިއުޝާދުގެ ފެންވަރަކީ އަހަރެންނާ އެކަށީގެންވާ ފެންވަރެއް ނޫންކަން ވިސްނުނީ ކީއްވެބާއެވެ. އަހަރެންނަށް މަޑުމަޑުން ނިއުޝާދާއި ދުރަށްދާން މަސައްކަތް ކުރެވެންފެށީ އިޚްތިޔާރުން ބޭރުގައެވެ.
އަހަރެން މާލެއަށް ފުރަންއޮތް ދުވަހުގެ ކުރީރެއެވެ. ނިއުޝާދު އަހަންނާ ބައްދަލުކުރަން ބޭނުންވެގެން އަހަރެން ހިތާދެކޮޅަށް ނަމަވެސް ނިއުޝާދާއި ބައްދަކުރީމެވެ. އަހަރުމެން އަބަދުވެސް ބައްދަލުކުރާ ތުނޑީގެ ދޮންވެލިގަނޑު މަތީއެވެ. އަހަރުމެން ދެމީހުން ތިބީ ވެލިގަނޑުމަތީ އިށީނދެލައިގެންނެވެ.

"ޝަމާ އަހަރެން ދޫކޮށްލާފަ ހަމަދަނީތަ..... ؟ ނައުޝާދު މަޑުމަޑުން އަހާލިއެވެ.

"އަހަރެން ބޭނުން ކިޔަވައިގެން މޮޅު މީހަކަށްވެ އަހަރެން ފަރާތުން ޤައުމަށް ރަނގަޅު ޚިދުމަތެއްކޮށްދޭން.. އަދި މުއްސަނދި ދިރިއުޅުމެއް އުޅުމަކީ އަހަރެން އުއްމީދު... އެހެންވެ އަހަރެން ނައުޝާދު ކައިރީ ކުރިންވެސްބުނީ މާލެއަށްދާން ހިގާށޭ...!" ޝަމާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

"ޝަމާއަށްވެސް އިނގޭނެ މާލެއަށްގޮސް އިތުރަށް ކިޔަވާނެ ފެންވަރެއް އަހަރެންގެނެތްކަން......" ނިއުޝާދު ދެރަވެލާފައި މިހެން ބުނުމުންވެސް އަހަންނަށް އެއްވެސް އަސަރެއް ނުކުރީ ކީއްވެކަމެއް ނޭގެއެވެ.

ނިއުޝާދު އެރޭ އެތައް ޝަކުވާއެއް ކުރިއެވެ. ނަމަވެސް އެޝަކުވާތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު އަހަރެން ގެއަށްދާން ހިނގާގަތްއިރު ނިއުޝާދުގެ މޫނުވަނީ ކަރުނުން ފުރިފައެވެ.

އަހަރެން މާލެއައީ ނިއުޝާންގެ ހަނދާންތަށް ފޮހެލުމަށްފަހުގައެވެ. މާލެ އަންނަން އަހަރެން ފުރިއިރު ނިއުޝާދު ދުރުގައި ފެންކަޅިވެފައި ހުއްޓެވެ. އެދުވަހު ނިއުޝާދުގެ ކަރުނައިން ފުރިގެންވީ މޫނު އަހަރެން އަދިވެސް ހަނދާން އެބަހުއްޓެވެ. ނިއުޝާދު އަހަރެން ގާތުގައި ކުރިއާދޭހާއި، ރުއި ރުއުމަށް އަހަރެންދިނީ ބީރުކަންފަތެކެވެ. މާލެ އައި ދުވަހު ނިއުޝާދު ދެތިން ފަހަރު އަހަންނަށް ފޯނުވެސް ކުރިއެވެ. ނަމަވެސް އަހަރެން ނިއުޝާދުގެ ފޯނުކޯލްތަކަށް އެއްވެސް ޖަވާބެއް ނުދެމެވެ. އަހަރެން ބޭނުންވީ އަހަރެން ދިރިއުޅުން އެއްކޮށް ބަދަލުކޮށް މުޅިން އާ ހަޔާތެއް ފެށުމަށެވެ. އަހަރެންގެ ހިތް އެދޭގޮތަށެވެ.

މާލެއައިސް އަހަރެން ކިޔެވުމާއިގެން ކުރިއަށް ދިޔައިމެވެ. ކޮލެޖުން ދިމާވީ މުޅިންވެސް ތަފާތު މީހުންނެވެ. އަހަރެން ކުރީގެ ދިރިއުޅުން ހަނދާން ނައްތާލުމަށްފަހު އަލަށް ލިބުނު ރަޙްމަތްތެރިންނާއެކު އުޅެމުންގެންދިޔައީ އުފާވެރި މަޖާ ދިރިއުޅުމެކެވެ. ފުރަތަމަ ދުވަސްކޮޅު ނިއުޝާދު ވަރަށް ގިނައިން ފޯނުކުރިއެވެ. ނަމަވެސް އެކޯލްތަކަށް އަހަރެން އެއްވެސް ޖަވާބެއްނުދެމެވެ.

ކޮލެޖްގައި ކިޔަވަމުންދިޔައިރު ޒުވާން ފިރިހެން ކުދިންގެ ކަޅި އަހަންނަން އަމާޒުވަމުންދިޔައެވެ. އޭގެ ތެރެއިން އެކަކީ ޝަޒީލްއެވެ. ޝަޒީލްއަކީ ވަރަށް ތަފާތު ސަކަ މިޒާޖެއްގެ ކުއްޖެއްކަން ފުރަތަމަ ދުވަހުވެސް އަހަންނަށް ފާހަގަވިއެވެ. އެހެން ކުދިންނާއި ޚިލާފަށް ގިނައިން ވާހަކަދައްކާ މަޖާ ކުއްޖެކެވެ. ކޮލެޖް ނިމިގެން ގެއަށްދާއިރު ކޮންމެ ރެޔަކުވެސް ސަރަކާތް ގަންނަމުން އެކުގައި ގެޔާ ހަމަޔަށް ދެއެވެ. ޝަޒީލް އަހަރެންދެކެ ލޯބިވާކަން އެދުވަސްކޮޅު އަހަންނަށް ފާހަގަ ކުރެވުނެވެ. ދައްކާ ވާހަކަތަކުންނާއި، އުޅުން ހުންނަގޮތުންނެވެ. އަހަރެންވެސް ޝަޒީލްއާ ގާތްގުޅުމެއް ބޭއްވޭތޯ މަސައްކަތް ކުރަމުން ގެންދިޔައިމެވެ.

ހިޔާލީ ދުނިޔެއިން ނިކުތުމަށްފަހު އަހަރެން އަނެއްކާވެސް އެ ފޮޓޯއަށް ބަލާލީމެވެ. އެއީ ނިއުޝާދުގެ ފޮޓޯއެކެވެ. އަހަރެން އަމިއްލަ ހިތާ ސުވާލުކުރަން ބޭނުންވިއެވެ. ކުއްލިއަކަށް މިވަގުތު ނިއުޝާދުގެ މަތިން ހަނދާންވީ ކީއްވެހެއްޔެވެ. އަހަރެންވަނީ ނިއުޝާދު ހަނދާން ނައްތާލާފައެވެ. އިއްޔެ ހަވީރު ބޭރަށްދިއުމަށްފަހު ގެއަށްއައި މަގުމަތީގައި ނިއުޝާދާއި ވައްތަރު ގޮތެއް ހުރި މީހަކު އަހަންނަށްވަނީ ފެނިފައެވެ. ކުއްލިއަކަށް ނިއުޝާދު މަތިން ހަނދާންވީ އެހެންވެ ކަމަށްވެސް ވެދާނެއެވެ. އިއްޔެ އޭނާ ފެނުނީންސުރެ ނިއުޝާދާއި ދޭތެރޭ ވިސްނެން ފަށައިފިއެވެ. ނިއުޝާދާއެކު ހޭދަކުރި އުފާވެރި ވަގުތަކެކެވެ. އެދޮންވެލި ތުނޑިއެވެ. މިއަދު ހަތަރުދަމުވެސް އެކަމާ ވިސްނަވިސްނާ ހުއްޓާއި، މިއަދު ޝަޒީލް ދެއްކި ވާހަކައަކުން މުޅިން ބޯހާސްވެއެޖެއެވެ. ހިތްފުރެންދެން ރޯން ބޭނުންވިއެވެ.

މީހަކު ދޮރުގައި ޓަކިޖަހާލި އަޑަށް ޝަމާ ސިއްސައިގެން ގޮސް ކާކުތޯ އަހާލިއެވެ.

"ޝަމާ.... ކާން އާދެބެލަ... !" އެ އިވުނީ ދައްތަގެ އަޑެވެ.

ޝަމާ މާލޭގައި ހުންނަނީ ޝަމާގެ ބޮޑުދައިތައެއްގެ ކައިރީގައެވެ.

ޝަމާ ފާޚާނާއަށް ވަނުމަށްފަހު މޫނު ދޮވެލައިގެން ބޭރަށް ނުކުތެވެ.

"ހާދަލަސްވީ.. އަވަހަށް ހިނގާ ކާން.. ދައްތަވެސް މިހިރީ އަދި ނުކައި... ޝަމާގެ ފޯނަށް ނުގުޅިގެން މަންމަ ދެންމެފޯނުކުރި... ފޯނު ނިވިފަޔޯ އޮތީ..." ބޮޑުދައިތަ އެއްފަހަރާ ހުރިހާ ވާހަކައެއް ބުނެލިއެވެ.

"އާން.... ފޯނު ޗާޖު ހުސްވެފަ އޮތީ.. މިއަދު ޗާޖު ކުރަން ހަނދާން ނެތިގެން...."

ޝަމާގޮސް ކާން އިށީނނެވެ. އެވަގުތު އަނެއްކާވެސް ބޮޑުދައިތަގެ ފޯނު ރިންގވާން ފެށިއެވެ.

"މިވެސް ޝަމާއަށް އަންނަ ކޯލެއް... ޔުންމާ...." ބޮޑުދައިތަ ފޯނު ޝަމާއަށް ދިއްކޮލަމުން ބުންޏެވެ.

ޔުމްނާއަކީ ޝަމާއާއި ކޮންމެވެސް ވަރަކަށް ތިމާގެ ކުއްޖެކެވެ.

"ހެލޯ...." ޝަމާ ބޮޑުދައިތަ އަތުން ފޯނުއަތުލުމަށްފަހު ބުނެލިއެވެ.

"ހިނގާބަލަ މަށާއެކީ ފޮތިކޮޅެއް ގަންނަން ފިހާރައަކަށް... ބުރުގާއަށް އަދި ފޮތިކޮޅެއް ބޭނުންވެޔޯ އެބަ... މިރޭ ކޮންމެހެންވެސް ފޮތިކޮޅެއް ގަންނަންޖެހޭ" މާދަންރޭ އަށެއް ޖަހާއިރު ކައިވެނި ކޮށްދޭ މީހުން އަންނާނެ... މިރޭ ފޮތިކޮޅު ނުދީފިއްޔާ ނުވާނެޔޯ ފަހާމީހާބުނީ..." ޔުމްނާ އެއްނޭވާއިން ހުރިހާ ވާހަކައެއް ބުނެލިއެވެ.

"ކައިގެން މިދަނީ އިނގޭ... އެކަމު އަދިވެސް ތި ވާންއުޅޭ ފިރިމީހާ ދައްކާލެވޭ ވަރެއް ނުވިއެއްނުދޯ... ކިޔަވާ ނިމިގެން މާލެއައިމަ ދައްކާނަމޭ ބުނިމީހާތީ... މިހާރު އަޙްމަދު މާލެ އައިވާހަކަ ބުނިތާވެސް ފަނަރަ ވަރަކަށް ދުވަސްވެދާނެ.. އަދިވެސް އިންޓްރޮޑިއުސް ނުކޮށްދި ތިއުޅެނީ...." ޝަމާ ސަމާސާގޮތަކަށް ޝަކުވާކޮށްލިއެވެ.

"ތިކަންވެދާނެއެއްނު އަދި.. ހަމަ ގައިމުވެސް މާދަންރޭ ފެންނާނެތާ ޕާޓީން.... އަސްލު އަޙްމަދު މާލެއައިންސުރެ ކައިވެނީގެ ކަންތަކާ ވަރަށް ބިޒީކޮން އުޅެނީ... އެހެންވެ އިނގޭ.... ދެން އަވަހަށް އާދޭ އަނގަނުތަޅަ.. ފިހާރަތައް ބަންދުކުރާގަޑި ޖެހެނީ އެއޮށް..." ޔުންމާ ބުނެލިއެވެ.
ކައިނިމިގެން ކޮޓަރިއަށްގޮސް ތައްޔާރުވެލައިގެން ޝަމާ ދިޔައީ ޔުންމާމެން ގެއަށެވެ. ޝަމާ އެގެޔާ އަރާ ހަމަވިއިރު ޔުންމާހުރީ ލަސްވެގެން ބޭރަށްނުކުމެއެވެ.

"ސާބަސް.. ހާދަލަހޭ.. ކޮބައިތަ ފޯނު.... ނުވެސްގުޅެ.." ޔުމްނާ ލަސްވެގެން ޝަކުވާކޮށްލިއެވެ.

"ފޯނު ނިވިފައޮތީ ޗާޖުގޮސްގެން.. ޗާޖުކުރާނެ ވަގުތުނެތީމަ ޗާޖަށް ޖަހާފަ ބާއްވާފަމިއައީ... ހިނގާ އަވަހަށްދާން..." ޝަމާ ބުނެލިއެވެ.
ފިހާރައަށްގޮސް ގަންނަން ބޭނުންވާ ސާމާނުގަނެގެން ގެޔާދިމާއަށް މިސްރާބު ޖެހިއެވެ. ޔުމްނާމެންގެއާއި ކައިރިވަމުންދިޔައިރު އެގޭ ދޮރުކައިރީގައި ތިބި ދެމީހުން ޝަމާއަށް ފާހަގަވިއެވެ.

އޭގެ ތެރެއިން އޮރެންޖު ކުލައިގެން ޓީޝާޓަކައި، ނޫކުލައިގެ ޖިންސެއްލައިގެން އެހެރީ އަހަރެން ދަންނަ މީހެވެ. ދެލޯ ބޮޑުވެގެން ދިޔައީ އެއީ ނިއުޝާދުކަން އެނގުމުންނެވެ. ނަމަވެސް ނިއުޝާދަށްވަނީ ވަރަށްބޮޑު ބަދަލެއް އައިސްފައެވެ. ވަރުގަދަ ބިޔަ ހަށިގަނޑެކެވެ. ތުނބުޅި މަތިމަސް ކުޑަކޮށް ދިގުކޮށްލާފައިހުރި އޭނާގެ ފިރިހެންވަންތަކަން އިތުރަށް ފުރިހަމަވެގެން ދެއެވެ. އަހަންނަށް ހުއްޓުންއެރިއެވެ.

"އޭ.. ނަސީބު ގަދައެއްނު.... ޝަމާ ބޭނުންވެގެން އުޅުން ކަންތައްތައް މިވީނު... އާދޭ އިންޓްރޮޑިއުސް ކޮށްދޭނަން..." ހުއްޓުން އަރާފައިހުރި ޝަމާގެ އަތުގައި ހިފައިގެން ޔުމްނާ އެދިމާއަށް ހިނގާގަތެވެ.

ޝަމާ... މިއީ އަޙްމަދު........... އަޙްމަދު ނިއުޝާދު... އަހަރެންގެ ވާންއުޅޭ ފިރިމީހާ....... ޔަޤީން ޝަމާއަށް އަޙްމަދު އިނގޭނެ... ރަށު ކުއްޖެކޭމީ...... އަސްލު ކުރިން ހަމަނުބުނީ ސަޕްރައިޒެއް ދޭންވެގެން..... އާދެބަލަ މިކޮޅަށް........" ހުއްޓިފައިހުރި ޝަމާއަތުގައި ހިފާ ޔުމްނާ ދަމައިގަތެވެ.

"އަޙްމަދު.. މިއީ ޝަމާ.... ތިމާގެ ކުއްޖެއް...." ޔުމްނާ އަޙްމަދަށް ޝަމާ އިންޓްރޮޑިއުސްކޮށްދިނެވެ.

ޝަމާ ހުރިފިޔަވަޅުމަތީ ނިއުޝާދާއި ދިމާއަށް ބަލަންހުރެވުނީނެވެ. އެވަގުތު ޝަމާގެ ފައިދަށުން ބިންގަނޑު ދަމައިގަންހެން ހީވިއެވެ. ޔުމްނާ ނިއުޝާދަށް ޝަމާ އިންޓްރޮޑިއުސް ކޮށްދިނުމާއެކު ސަލާން ކޮށްލުމަށްޓަކައި ނިއުޝާދު ޝަމާއާއި ދިމާއަށް އަތްދިއްކޮލިއެވެ. ޝަމާ މަޑުމަޑުން ނިއުޝާދުގެ އަތުގައި ހިފާ ސަލާން ކޮށްލިއެވެ. އެވަގުތު ޝަމާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ.

"ހިނގާ އެތެރެއަށް... އެއްޗެއް ބޯލައިގެންދާނީ ދޯ..." ޔުމްނާ ޝަމާއަށް އިޝާރާތްކޮށް ބުނެލިއެވެ.

"ނޫނޭ... މާލަސްވެއްޖެ މިހާރު...." ޝަމާ ބޭނުންވީ އަވަހަށް އެތަނުންދާށެވެ.

"އަޙްމަދު... ހިނގާ ޝަމާ ގެއަށްލައިދޭން ދާން... މާލަސްވެއްޖެއެއްނު މިހާރު.. " ޔުމްނާ ބޭނުންވީ ޝަމާއާއެކު އެގެޔާ ހަމައަށް ދާށެވެ.
"ނޫނޭ ރަނގަޅުވާނެ... މާދުރެއްވެސް ނޫނެއްނު.. އެކަނި ހިނގާދާނަމޭ.... ޝަމާ މަސައްކަތްކުރީ ހިނިތުންވެވޭތޯއެވެ.

"އުހުން... އަހަރުމެންދާނަން... ހިނގާ... " ޝަމާއާއެކު ޔުމްނާ އާއި ނިއުޝާދު ހިނގައިގަތެވެ.

ހިނގަމުންދިޔައިރު ޝަމާގެ ހިތަށް އެތައް ސުވާލުތަކެއް އަރާފައިބަމުންދިޔައެވެ. ނިއުޝާދަށް އެވަނީ ހާދަބޮޑު ބަދަލެއް އައިސްފައެވެ. ރާއްޖޭން ބޭރަށް ކިޔަވަންދިޔައީ ކިހިނެއް ހެއްޔެވެ. މިކަހަލަ އެތައް ހިޔާލެއް ޝަމާގެ ހިތުތެރޭގައި އެނބުރެމުންދަނިކޮށް ޝަމާ ސިހިގެންދިޔައީ ޔުމްނާގެ އަޑެވެ.

"އިނގޭތަ....... އަޙްމަދު މިއީ ވަރަށް ނަސީބުގަދަ ކުއްޖެކޭ ދޯ...." ޝަމާއަށް އިނގޭތަ.. ސަރުކާރުން އިޢުލާންކުރި ސްކޯލަރޝިޕަކަށް އެޕްލައިކޮށްގެން، އެމެރިކާއަށް ގޮސް ޕައިލެޓްކަން ކިޔަވައިގެން އެއައީ... އެމެރިކާގަ ހުއްޓަ ފޭސްބުކްއިން އަހަރުމެން ރައްޓެހިވީ... ދެން އެކަމު ކުރިންވެސް ދަންނަންދޯ... " ޔުމްނާ މަޖާވެލާފައި ބުނެލިއެވެ.

އެވަގުތު އަހަންނަށް ނިއުޝާދާއި ދިމާއަށް ބަލާލެވުނެވެ. ނިއުޝާދުވެސް ހުރީ އަހަންނާ ދިމާއަށް ބަލާށެވެ. ލޮލުގައިވަނީ ނަފުރަތުކަން އެވަގުތު އަހަންނަށް ފާހަގަ ކުރެވުނެވެ. ނިއުޝާދުގެ ރުހުން ދުވަހަކުވެސް ދެން ނުލިބޭނެކަން އަހަންނަށް ޔަޤީނެވެ.

ގެއަށްގޮސް ކޮޓަރިއަށް ވަނުމާއެކު އަހަންނަށް ރޮވެންފެށިއެވެ. ނިއުޝާދު ދޫކޮށްލީ އަހަރެން އަމިއްލައަށެވެ. ދެން ރުއިމުގެ މަގުޞަދަކީ ކޮބައިހެއްޔެވެ. ދުވަހަކުވެސް ނިއުޝާދު ދެން އަހަންނަކަށް ނުލިބޭނެއެވެ. މާދަމާއިން ފެށިގެން އޭނާއަކީ އެހެން މީހެއްގެ ޙައްޤެކެވެ.

ނިއުޝާދުގެ ކިބައިން ދެން އެއްވެސް އުފަލެއް އަހަންނަކަށް ނުހޯދޭނެއެވެ. އަހަރެން ރުއިން ހުއްޓާލީމެވެ. ބޭނުންވީ އަވަހަށް ނިދާލާށެވެ. އޭރުން ހުވަފެނުން ނަމަވެސް ހިތަށް ފިނިކަމެއް ނުވަތަ ހަމަޖެހުމެއް ލިބިދާނެ ކަމަށް ބަލާފައެވެ. އެއީ ކުށެއް ކަމަކަށް އަހަރެން ނުދެކެމެވެ. މޮޔަކަމެއް ކަމަކަށްވެސް ނުދެކެމެވެ. ނިދޭތޯ އަހަރެން ލޯމަރާލީމެވެ.

އާދުވަހެކެވެ. އެދުވަހު އަހަރެން ކުލާހަށް ދިޔައީ ކިޔަވާ ހިތަކުން ނޫނެވެ. ހަމައެކަނި އެޓެންޑެންސް މާރކް ކޮށްލުމަށެވެ. ބޮލުގައި ރިއްސާވަރުން ބޮލުގައި އައިތް އަޅައިގެން އިންދާ މީހެއްގެ ހިލަމެއްވީހެން ހީވެގެން އިސް އުފުލާ ބަލާލީމެވެ. ކުރިމަތިން ފެނުނީ ޝަޒީލްއެވެ. އޭނާހުރީ ދެރަވެފައެވެ.

"ޝަމާ ކިހެނެތް...؟" ޝަޒީލް އަހާލީ އަހަރެންގެ ޙާލެވެ.

"އޯކޭ ހަމަ...!" އަހަރެންވެސް ހަމަޖެހިލާގޮތް ދައްކާލުމަށްފަހު ބުނީމެވެ.

ޝަޒީލް އެހެން ބުނެލުމަށްފަހުގޮސް ގޮނޑީގައި އިށީނދެވެ. އަހަރެން އިސްޖަހާލައިގެން އިނީ ނިއުޝާދާ ދޭތެރޭގައި ވިސްނާށެވެ. ނިއުޝާދަށް އެވަނީ ހާދަބޮޑު ބަދަލެއް އައިސްފައެވެ. އަހަރެން ނިއުޝާދު ދޫކޮށްލީ ކީއްވެހެއްޔެވެ؟

އާދައިގެ މަތިން އެދުވަހުވެސް ޝަޒީލް އަހަރެން ގެޔަށްލައިދެން އައެވެ. ހިނގާފައި ދިޔައިރު ދެމީހުންގެ ދޭތެރޭ އެއްވެސް ވާހަކަ އެއް ނުދެކެވެ. ދެމީހުންވެސް ހިނގަމުންދިޔައީ އިސްޖަހައިގެން މަޑުމަޑުންނެވެ.

"ޝަމާ.... އިއްޔެވީ ކަންތައްތަކާ ވަރަށްބޮޑަށް ސޮރީ އިނގޭ..... " އަހަރެން ގެޔަށް ވަދެވަދެ ހުއްޓާ ޝަޒީލް ބުނެލިއެވެ.

"އިޓްސް އޯކޭ......." އަހަރެން ބުނީމެވެ.

ގެއަށް ވަނުމަށްފަހު އަހަރެން ދިޔައީ ކޮޓަރިއަށެވެ. ބޮލުގައި ރިއްސާތީއެވެ. އެއްޗެއްކާހިތެއްވެސް ނުވިއެވެ. އެވަގުތު ދައްތަވެސް ގޭގައި ނެތުމުން ކާން މަޖުބުރުކުރާނެ އިތުރު މީހަކުވެސް ނެތެވެ. ބޮލުގައި ރިއްސާތީ ބޭސްގުޅައެއް ކާލައިގެން އެނދުގައި އޮށޯވެލީމެވެ. އިރުކޮޅެއްފަހުން ފޯނުރިންގވާހެން ހީވިއެވެ. ފޯނަށް ބަލާލީމެވެ. ޔުމްނާގެ ކޯލްކެވެ. އަހަރެން އެކޯލް ނަގަން ބޭނުންނުވީ ކީއްވެހެއްޔެވެ. ފޯނާދިމާއަށް ބަލަން އޮވެވުނީއެވެ. ފޯނު ނަގާކަށް ބޭނުމެއް ނުވިއެވެ. އިރުކޮޅެއްފަހުން ދެވަނަ ފަހަރަށް ފޯނު ރިންގވާން ފެށިއެވެ. ހަމަ ޔުމްނާ އެވެ.

"ހެލޯ........ !" އަހަރެން އެންމެފަހުން ފޯނު ނެގީމެވެ.

"ސާބަސް... ނިދަނީތަ..؟ ވެޑިން ޑްރެސް ކުޑަކޮށްދޫ... ވަރަށްހަޑި.. ފަތިޖަހާލަން ޖެހޭނީ.... އާދެބަލަ...!" ޔުމްނާ ބުނެލިއެވެ.

"ބޮލުގަ ރިއްސާތި މިއޮތީ...! ހިޔެއްނުވެ ދެވޭނެހެނެއް.." އަހަރެން ބުނީމެވެ.

"އަޅެ.. ޕްލީޒް އާދެބަލަ..! ޝަމާ ނެތިއްޔާ މިކަންކޮށްލަދޭން ކާކު ދެންހުރީ...." ޔުމްނާ ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.

"ވަރަށް ބޯކޮށް ވާރޭވެސް ވެހޭ އެބަ.... ! ކިހިނެއްދާނީ...!" ޝަމާ އަނެއްކާވެސް ނުގޮސްވޭތޯ މަސައްކަތް ކުރިއެވެ.

"އާން.... ވަރަށް ވިއްސާރަ....! އެކަމު ކޮންމެސް ގޮތަކުން އާދެބަލަ... ޕްލީސް... މީހަކު ބަލާވެސް ފޮނުވަފާނަމޭ..." ޔުމްނާ ބުނެލިއެވެ.
ދިޔުން ނޫން އެހެންގޮތެއް ނެތިގެން އެގެއަށް ދިއުމަށް ޝަމާ އެއްބަސްވިއެވެ. ފާހާނާއަށް ވަދެ ފެންވަރައިގެން ނިކުމެ ޑްރެސިންގ ޓޭބަލް ކައިރީގައި ރީތިވާން އިންދާ ގޭގެ ބެލް އެޅި އަޑު ޝަމާއަށް އިވުނެވެ. ދައްތަ ގެއަށް އައީކަންނޭގެއެވެ. ޝަމާ ހިތަށްއެރިއެވެ. އޭރުވެސް ވަރަށް ބޯކޮށްވާރޭ ވެއެވެ. ޝަމާ ކޮޓަރިން ނިކުމެގެން ގޮސް ގޭގެ ދޮރު ހުޅުވާލިއެވެ. ލިބުނީ ކުއްލި ސިހުމެކެވެ. ބިންގަނޑު ހީވީ ފައިދަށުން ދެމިގެން ހެންނެވެ. ކުރިމަތީގައި އެހެރީ ދެވަނަ މީހެއް ނޫނެވެ. ނިއުޝާދެވެ. ލައިގެންހުރި ހުދުކުލައިގެ ޓީޝާޓް ތެމިގެން ގައިގައި ތަތްލާފައިވާއިރު އޭނާގެ ފިރިހެންވަންތަކަން ވަރަށް ފުރިހަމައެވެ. ކުޑަކޮށް ދިގުވެފައިވާ ނިއުޝާދު އެރީތި އިސްތަށިގަނޑު ތެމިފާ ހުންނަ އިރު އަދި ވަކިން ރީއްޗެވެ. ނިއުޝާދު ހިނިތުންވެލިއެވެ. އަހަރެން ހިތަށްވީގޮތް ބުނެދޭންވެސް ނޭގުނެވެ. ނިއުޝާދުގެ އެތޫނު ލޮލަށް ބަލަހައްޓައިގެން އަހަންނަށް ހުރެވުނީއެވެ.

"ތެމެނީ މިއޮށް....... ޝަމާ ބަލައޭ މިއައީ.... އެތެރެއަށް ވަންނާކަށް ނުބުނާނަންތަ...؟" ނިއުޝާދު މިހެން ބުނެލީ ހިނިތުންވުމާއެކުގައެވެ.
އަހަންނަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. ދޮރުކައިރިން އެއްފަރާތަށް ޖެހިލީމެވެ. އެވަގުތު ނިއުޝާދު ގޭތެރެއަށް ވަނެއެވެ.

"އެއްކޮން ތެމިއްޖެ... ފެން ހިއްކާލަން ތުވާއްޔެއް ލިބިދާނެތަ...؟" ސީދާ އަހަރެންގެ ލޮލަށް ބަލަހައްޓައިގެންހުރެ ނިއުޝާދު ބުނެލިއެވެ.
ވައިރޯޅިއެއް އައިސް އަހަރެންގެ ހިތުގައި ފިރުމާލި ކަހަލަ އަސަރެއް އެވަގުތު ކުރިއެވެ. ނިއުޝާދަށް ތުވާއްޔެއް ދިނުމަށްޓަކައި އަހަރެން މަޑުމަޑުން ހިނގާފައި ކޮޓަރިއަށް ދިޔާއިމެވެ. އަލަމާރި ހުޅުވާލުމަށްފަހު ތުވާއްޔެއް ނަގައިގެން އެބުރިލިއިރު ނިއުޝާދު ކޮޓަރީގައި ހުރުމުން އަހަރެން ސިހިގެން ދިޔައިމެވެ. މަޑުމަޑުން އަހަރެން ނިއުޝާދާއި ދިމާއަށް ތުވާލި ދިއްކޮށްލީމެވެ. އޭނާ ތުވާލި ހިފުމާއެކު ބޮލުން ފެންހިއްކަން ފެށިއެވެ. އަހަރެން އަނެއް ފަރާތަށް އެނބުރުނީ ނިއުޝާދާއި ދިމާއަށް ބަލަން ހުންނަން ނުކެރިގެންނެވެ. ކުއްލިއަކަށް އަހަންނަން ނޭވާގެ ހޫނުކަން އިޙްސާސްވާން ފެށުމާގުޅިގެން އެނބުރިލެވުނެވެ. އެވަގުތު އަހަރެން ވިންދު ހިނގުން އަވަސްވެގެން ދިޔައެވެ. ނިއުޝާދު ހުރީ އަހަރެންގެ ގައިގާ ޖެހޭ ހިސާބު ކައިރީގައެވެ. އަހަރެން އަނެއްކާވެސް އަނެއްފަރާތަށް އެނބުރެން މަސައްކަތްކުރި ވަގުތު ނިއުޝާދު އަހަރެންގެ އަތުގައި ހިފިއެވެ. އަހަންނަށް ލިބުނީ ޙައިރާން ކަމެކެވެ. ނިއުޝާދު އަހަރެން ގެންގޮސް އޭނާގެ މޭގައި ޖައްސާލިއެވެ. އެވަގުތު ވާންވީ އުފާ ކަމެއް ނުވަތަ ވާންވީ ދެރަކަމެއްވެސް އަހަންނަކަށް ނުވިސްނުނެވެ. އަހަރެންވެސް ނިއުޝާދުގެ ކޮނޑުގައި ބޯއަޅައިލީމެވެ. ދުރަށްދާކަށް މަސައްކަތެއް ނުކުރަމެވެ. ނިއުޝާދު މަޑުމަޑުން އަހަރެން ގެންގޮސް އެދުމަތީ ބޭންދުމަށްފަހު އަހަރެން ކައިރީ އިށީނެއެވެ. އަދި އަހަރެންގެ ދަތްދޮޅީގައި ހިފާލުމަށްފަހު އަހަރެންގެ މޫނު އޭނާގެ މުނާކައިރި ކޮށްލިއެވެ. އެވަގުތު ފޯނު ރިންގވާން ފެށިއެވެ. އަހަންނަށް ލޯހުޅުވާލެވުނެވެ. އަހަރެން އޮތީ އެނދުގައެވެ. ކޮޓަރީގައި އެކަކުވެސް ނެތެވެ. މާތްކަލާކޯ.. މި ފެނުނީ ކޮންކަހަލަ ހުވަފެނެއް ހެއްޔެވެ. ހުރިހާ ހުވަފެން ހަޤީޤަތަކަށް ނުވާނެއެވެ. ހިތުން ފޮހެލަންޖެހޭ އުއްމީދުތައްވެސް ހުންނާނެއެވެ. އަހަރެން ފޯނާއި ދިމާއަށް ބަލާލީމެވެ. ފޯނުކުރަނީ ޔުމްނާ އެވެ.

"ހެލޯ... !" އަހަރެން ފޯނު ނެގީމެވެ.

"ކިހާއިރަކު އާދެވޭނީ...؟" ޔުމްނާ ބޭނުންވީ އަހަރެންދާނެ ގަޑިއެއް ސާފުކުރާށެވެ.

އަހަރެން އެޕާޓީއަށް ދާކަށް ބޭނުމެއްނުވިއެވެ. ނަމަވެސް ދައްތައާއި ޔުމްނާ ޕާޓީއަށްދާން ކީވަރުން އެނޫން އެހެން ގޮތެއް ނެތިގެން އަހަރެން ޕާޓީއަށް ދިޔައިމެވެ. ކައިވެނީގެ ހެދުމުގައި ޔުމްނާ ހުރިއިރު އޭނާ ވަރަށް ރީއްޗެވެ. އަދި ޔުމްނާގެ އަތުގައި ހިފާލައިގެން ހުދުކުލައި ކޯޓުފަޓުލޫނުގައި ހުރި ނިއުޝާދު ފެނުމުން އަހަރެންގެ ހިތުގެ ވިންދު އަވަސްވިއެވެ. މުޅިގައިން ދާހިއްލަން ފެށިއެވެ. އަތްފައި ފިނިވެ ތުރުތުރު އަޅަން ފެށިއެވެ. އަނބުރާލައިފައި ގެއަށްދާންވެސް ހިތަށްއެރިއެވެ. ނަމަވެސް އައިސްފައި އެނބުރި ދާކަށްވެސް ނުކެރުނެވެ. ހިތްވަރުކޮށްފައި ޔުމްނާ އާއި ސަލާންކޮށްލުމަށްފަހު ނިއުޝާދުއާއި ސަލާން ކުރުމަށްޓަކައި އަތްދިއްކޮށްލީމެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލު ވެގެންދިޔައެވެ. ނިއުޝާދުގެ ދެލޮލުން އަހަންނަށް ފެނުނީ އިންތިހާ ދަރަޖައިގެ ނަފުރަތެވެ. އެބޮޑު ދެލޯ ފެނުމުން އަހަރެންގެ ހިތް ބާރަށް ތެޅެންފެށިއެވެ. ފިނިވެފައިވާ އަހަރެންގެ އަތް ނިއުޝާދުގެ އަތުގައި ބީހުނު ވަގުތު އަހަރެންގެ އެންމެ ހިމަނާރަށްވެސް އަސަރު ކުރިއެވެ. ނިއުޝާދުގެ އަތުން ދޫކޮށްލުމަށްފަހު އެނބުރި ވަގުތު ޕާޓީ ތެރެއިން ޝަޒީލް ފެނުނެވެ. ޝަޒީލްހުރީ އަހަންނާ ދިމާއަށް ބަލަހައްޓައިގެންނެވެ.

އަހަރެން ޝަޒީލް ނުފެންނަ ކަމަށްހެދީ ގަސްތުގައެވެ. ޝަޒީލްގެ ކުރިމައްޗަށް އަރާނެ ހިތްވަރެއްވެސް އަހަރެންގެ ނެތުމުންނެވެ.
ރަށު ކުދިންކޮޅެއް ފެނުމާއެކު އަހަރެންގޮސް އެކުދިން ކައިރީގައި އިށީނީ ގައިން ވަރުދޫވާހެން ހީވާތީއެވެ. އޭރުވެސް ޝަޒީލް އަންހަންނާ ދިމާއަށް ބަލަމުންދާކަން އަހަންނަށް އިޙްސާސް ކުރެވުނެވެ. ނިއުޝާދު އޭނާގެ އުފާވެރި ހިނިތުންވުމާއެކު ޕާޓީއަށް އަންނަ މީހުންނާއި ސަލާން ކުރަމުން ގެންދިއިރު އަހަރެން އިނީ ނިއުޝާދާއި ދިމާއަށް ބަލާށެވެ. ނިއުޝާދުފަދަ ފުރިހަމަ އިންސާނެއް ބީވެގެން ދިއުމަކީ އަހަންނަށް ކުރެވުނު ބޮޑުމޮޔަކަމެއް ކަމުގައި އެވަގުތު ވިސްނުނެވެ. ޔުމްނާ އާއި ނިއުޝާދު އަތުގުޅުވާލައިގެން މަޖާކުރަމުންދާތަން ބެލުމަށް އަހަންނަށް ކެތެއް ނުކުރެވުނެވެ. އަހަރެން ބޭނުންވީ އެނބުރި ދިއުމަށެވެ. އަހަރެން ޕާޓީން ނިކުތީ އެތަނުގައި އިތުރަށް ހުންނާނެ ހިތްވަރު ނެތުމުންނެވެ.

"ދަނީތަ....؟" ފަހަތުން އިވުނީ ޝަޒީލްގެ އަޑެވެ.

އަހަންނަން ދޭނެ ޖަވާބެއް ނޭގުނެވެ. ފަހަތް ބަލާލުމަށްފަހު އިތުރު އެއްޗެއް ނުބުނެ އަނެއްކާވެސް ކުރިއަށް ހިނގާގަތީމެވެ. ޝަޒީލް އައިސް އަހަންނާ އެއްވަރު ކުރިއެވެ.

"ތިނަން ހިތަކުން ނުފިލާނެ... ! ވަރަށް ލޯބިވޭ.. ! ހުރިހާ ހުވަފެން ހަޤީޤަތަކަށް ނުވާނެކަންވެސް އިނގޭ.. ! ހިތުލާ ހުރިހާ ކަންކަމަކީ ކާމިޔާބުވާނެ ކަންކަމެއްވެސް ނޫން... ! ނުވާކަންކަން ހަނދާން ނައްތާލުންކަންނޭގެ އެންމެ ރަނގަޅުވާނީ... އެކަމަކު އަހަރެންގެ ހިތަކުން ޝަމާގެ ނަމެއް ފޮހެއެއް ނުލެވުނު..." ޝަޒީލު ވަރަށް އަސަރާއެކު ބުނެލިއެވެ.

އޭނާއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަން އަހަންނަށް ފާހަގަ ކުރެވުނެވެ. އަހަންނަށް އެއްޗެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ. އަނެއްކާވެސް ވާހަކަ ދެއްކީ ޝަޒީލް އެވެ.

"ލޯތްބަކީ އަމިއްލަ ބާރު ފޯރުވޭ އެއްޗެއްނޫން... އަހަރެން ޝަމާގެ ހިޔާލުތަކާ ދުރުވެވޭތޯ ވަރަށް މަސައްކަތްކޮށްފިން... އެކަން އަހަންނަކަށް ކާމިޔާބެއް ނުވި.. މިރޭ ޕާޓީ ތެރޭގައި ކަންކަން ހިނގިގޮތުން ޝަމާ އާއި ނިއުޝާދާއި ދޭތެރޭ ގުޅުމެއްވާކަންވެސް އަހަން ފާހަގަ ކުރެވުނެވެ..." ޝަޒީލް މަޑުމަޑުން ބުނެލިއެވެ.

ޝަޒީލްގެ މިވާހަކަތަކުން އެއްޗެއް ބުނަން ޝަމާއަށް މަޖުބޫރުވިއެވެ.

"އަހަންނަކީ މީހެއްގެ ލޯބި ލިބުން ހައްޤު މީހެއްނޫން... ނިއުޝާދަކީ ރަށުކުއްޖެއް... ކުރިން އަހަރެމެންގެ ދެމެދުގައި ގުޅުމެއް އޮތް... ވެދާނެ އަހަންނަށް ޝަޒީލްގެ ލޯބި ޤަބޫލު ނުކުރެވުނީ އެ ސަބަބުތަކަށްޓަކައި ކަމަށްވެސް... އެކަމަކު ޔުމްނާގެ ފިރިޔަކަށް ނިއުޝާދު ވުމާއެކު އަހަރެންގެ ހިތުގައިވާ ލޯބި ކަފުންކޮށްފިން" ޝަމާއަށް ގިސްލެވުނެވެ.

މިހާ ހިސާބަށް ވާހަކަ ދިޔައިރު ޝަމާއަށް ގެޔާހިސަބަށް ދެވިއްޖެއެވެ.

"ޝަމާ.. ! އަދިވެސް އެއްފަހަރު ބުނަން... އަހަރެން ވަރަށް ލޯބިވޭ...!" ޕްލީޒް އަހަންނަށް ޖަވާބެއްދީ....؟ މިފަހަރު ޝަޒީލް އެހެންބުނީ ޝަމާގެ އަތުގާ ހިފާލާފައެވެ.

ނަމަވެސް ޝަމާ ޖަވާބެއްނުދީ ވަނީ އެތެއަށެވެ. ކޮޓަރިއަށްވަދެ ހިތް ފުރެންދެން ރުޔެއެވެ. މިފަދަ ގޮތެއް ދިމާވާން މިޖެހުނީ އަމިއްލައަށް ކުރެވުނު ކަންތައްތަކެއްގެ ސަބަބުންކަން ޝަމާއަށް ވިސްނުނެވެ. ނިއުޝާދު ދޫކޮށްލުމަށްފަހު ޝަމާ މާލެއައީ މުއްސަނދި ދިރިއުޅުމަކަށް އުއްމީދުކޮށްގެންނެވެ. އެކަމު މިއަދު މިވަނީ ވަރަށް ބޮޑަށް ނިކަމެތިވެފައެވެ. ޝަމާއަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން ނިދުނީ ކިހާއިރެއްވީ ފަހުންކަމެއްވެސް ނޭގެއެވެ.

ޖެހިގެން އައި ދުވަހު ބޮލުގައި ރިއްސާތީ ޝަމާ ކްލާހަކަށް ނުދެއެވެ. ކްލާހަށްދާ ކޮންމެ ދުވަހަކީ ޝަޒީލް އާއި ދިމާވާ ދުވަހަކަށްވާތީ، ފުރަތަމަ ފަހަރަށް އެދުވަހު ޝަމާއަށް ޝަޒީލް މިސްވިއެވެ. ކުލާހަށް ނުދެވުނަސް ފޯނުން ގުޅާލަން ހިތަށް އެރިއެވެ. ނަމަވެސް ކަންތައް ދިމާވި ގޮތުން ގުޅާނެ ހިތްވަރެއް ނުލިބުނެވެ.

ސްކޫލްތައް ބަންދުވުމާއެކު ޝަޒީލްގެ ފެމިލީން ރާވާފައިއޮތީ ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ރާއްޖޭން ބޭރަށް ދިއުމަށެވެ. ޝަޒީލްވެސް ކޮލެޖުން ސެމިސްޓަރ ބްރޭކް ލިބުމާއެކު މަންމަމެންނާއެކު ރާއްޖޭން ބޭރަށްދާން ނިންމީ ޝަމާގެ މަތިން ހަނދާން ނައްތާލެވޭނީ ޝަމާއާއި ވީހާވެސް ދުރަކަށް ގޮސްގެން ކަމަށްވާތީއެވެ. ޗުއްޓީ ފެށުނު ދުވަހު ޝަޒީލްއާއި ޝަޒީލްގެ ފެމިލީ ފުރައިގެން ދިޔައީ އިންޑިއާގެ ނިއުދިއްލީއަށެވެ. ނިއުދިއްލީގައި އެމީހުންގެ ތިމާގެ ބަޔަކު ދިރިއުޅޭތީއެވެ.

ނިއުދިއްލީގެ ފިނިމިންހުރީ ދެ ސެންޓިގްރޭޑުގައެވެ. ދުންފިނީގެ މުށުތެރޭގައި ހައްޔަރުވެފައިވާ ގަސްތައް ހީވަނީ، ކުރަހާފައިވާ ކުރެހުމެއް ހެންނެވެ. ފިނިން ސަލާމަތްވުމުގެ ނަސީބު ލިބިފައިނެތް މީހުން ފިންޏާ ހަނގުރާމަ ކުރަމުންދާއިރު ޝަޒީލްއަކީ މިއަދު ނަޞީބުވެރިއެކެވެ. ޝަޒީލްއިނީ ނިއުދިއްލީގެ ނެހުރޫ ޕާރކުގައި ބަލްގިސް ގައިގައި ބައްދާލައިގެންނެވެ. އާއެކެވެ. ބަލްގިސްއަކީ ޝަޒީލްގެ މިހާރުގެ ލޯބިވެރިޔާއެވެ.

ޝަޒީލްއާއި ބަލްގިސްއަކީ ކުރިންވެސް ދެ ރައްޓެހިންނެވެ. ބަލްގިސް ދިރިއުޅެނީ އިންޑިޔާގައި ކަމަށްވާތީ، ބައްދަލުވުމުގެ ފުރުޞަތު މާބޮޑަށް ލިބިފައިނެތް ނަމަވެސް ބަލްގިސް މާލޭގައި އުޅުނުއިރު އެދެމީހުންވަނީ ކޮންމެ ވަރަކަށް ބައްދަލުވެ އެކުވެރިކަން ބަދަހިވެފައެވެ. މިއެކުވެރިކަން ލޯތްބަށް ބަދަލުވީ ޝަޒީލް ނިއުދިއްލީއަށް ދިޔަތާ ދެތިން ދުވަސްފަހުންނެވެ. ބަލްގިސް ލޯބި ހުށަހެޅުމުން އެއީ އެންމެ ރަނގަޅުގޮތް ކަމަށް ޝަޒީލް ނިންމީ ކުރިން ލިބިފައިވާ ފިލާވަޅުގެ ސަބަބުންނެވެ. އަދި ޝަމާގެ ހަނދާންތައް ނައްތާލެވޭނީވެސް އެހެން ކުއްޖަކު ހަޔާތަށް ގެނައުމުން ކަމުގައިވާތީއެވެ.

މިވީ ދުވަސްކޮޅުގެ ތެރޭގައި ޝަމާ ޝަޒީލްއާއި ގުޅަން ވަރަށް މަސައްކަތް ކުރިއެވެ. ފޭސްބުކާއި މެސެންޖަރ މެދުވެރިކޮށްވެސް ޝަޒީލްއާއި ދިމާވޭތޯ މަސައްކަތް ކުރިއެވެ. ފޭސްބުކުން ޝަޒީލްވަނީ ޝަމާ ބްލޮކް ކޮށްފައެވެ. އެއްގޮތަކަށްވެސް ޝަޒީލްއާއި ދިމާވާގޮތެއް ނުވިއެވެ. ކްލާސް ކުއްޖަކާއެކު ޝަޒީލްމެންގެއަށްވެސް ޝަމާ ދިޔައެވެ. ގެއަށް ދިއުމުން އެނގުނީ ޝަޒީލް ރާއްޖޭގައި ނެތްކަމެވެ. ދިއްލެމުންދިޔަ ހުޅުކޮޅު ރަނގަޅަށް ނުދިއްލެނިސް ނިވުނީއެވެ. ޝަޒީލް، ޝަމާދެކެ ލޯބިވާ މިންވަރު އެތައް ފަހަރަކު ހާމަކުރިއެވެ. ނަމަވެސް އެހުރިހާ ފަހަރަކު އެލޯތްބަށް ޝަމާ ދިފައިވަނީ ބީރު ކަންފަތެކެވެ. އެންމެފަހުން އެލޯބިވެސް ބީވެގެން ދިޔައީއެވެ.