އިންޑިއާ މީހަކު ދެއަނތްބަށް ކައިވެނި ކުރަން އުޅުމުން އޭނާގެ މިހާރުގެ އަނބިމީހާ ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ. އަނބިމީހާ ދެކޮޅު ހެދުމުން ފިރިހެން މީހާ ވަނީ މަގުމަތީގައި އަނބިމީހާއަށް އަނިޔާކޮށް އޭނާގެ ނުލަފާކަށް ދައްކާލާފައެވެ. އެމަންޒަރު ފެންނަ ފޮޓޯތައް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އަނބިމީހާ އަށް އަނިޔާ ކުރީ ހުސައިނީ ކިޔާ މީހެއް ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ. ހުސައިނީ އަނބިމީހާ އަށް އަނިޔާ ކުރި މަންޒަރު އާއްމު ވުމުން އޭނާ އަށް ވަނީ ވަރަށް ބޮޑު ދެރައެއް ލިބިފައެވެ. އެއީ އޭނާ ދެއަނތްބަށް ކައިވެނި ކުރަން އުޅުނު އަންހެން މީހާގެ އާއިލާ އިން މިހާރު އެކައިވެންޏާއި ދެކޮޅު ހަދާފައި ވާތީއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ހުސައިނީގެ ވާން އުޅުނު އަނބިމީހާގެ އާއިލާ އިން މިހާރު ވަނީ އެކައިވެންޏަށް ހުރަސްއަޅައި ކައިވެނި ހުއްޓުވާފައެވެ.

އިންޑިއާ ފުލުހުން ބުނީ އަންހެނަކަށް އޭނާގެ ފިރިމީހާ އަނިޔާ ކުރި މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް ވީޑިއޯ އިން ފެންނަ މީހުން އަދި ދެނެގަނެވިފައި ނުވާތީ އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ހުސައިނީ އޭނާގެ އަނބިމީހާ މަގުމައްޗަށް ވައްޓާލައިގެން އަނިޔާ ކުރެއެވެ. އަދި ބޮލުގެ އިސްތަށިގަނޑުގައި ހިފައިގެން އަނބިމީހާ ދަމާފައި ވެސް ގެންދެއެވެ. އެކަން ހިނގިއިރު ކައިރީގައި ގިނަ ބަޔަކު ތިބި ނަމަވެސް އެކަން ހުއްޓުވަން އެއްވެސް މީހަކު މަސައްކަތެއް ނުކުރެއެވެ.

އިންޑިއާގައި އަންހެނުންނަށް ގެވެށި އަނިޔާ ކުރުމަކީ ވެސް ވަރަށް އާއްމު ކަމެކެވެ. ނަމަވެސް ވަރަށް މަދު ފަހަރެއްގައި ނޫނީ އަނިޔާ ކުރާ މީހުންނާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު