މަދުން ނޫނީ މީގެ ކުރިން ދުނިޔެއިން ފެނިފައިނުވާ ފަދަ ގެއްލުންދެނިވި ޖަރާސީމަކުން އިންފެކްޓުވެފައިވާ މީހަކު އެމެރިކާގެ ފްލޮރިޑާއިން ފެނިއްޖެއެވެ.

މިކަން ހާމަކޮށް ފްލޮރިޑާގެ ޑިޕާޓްމެންޓް އޮފް ހެލްތުން ބުނެފައި ވަނީ އެންމެ ސެލްއަކުން އުފެދިފައިވާ މި ޖަރާސީމުން އިންފެކްޓުވެފައިވާ މީހަކު އެ ސްޓޭޓުން ފެނިފައިވަނީ މިދިޔަ ހަފްތާ ތެރޭގައި ކަމަށެވެ. "ނައިގްލޭރިއާ" ނަމަކަށްކިޔާ މި އިންފެކްޝަނަކީ އިންސާނާގެ ސިކުނޑީގެ ސެލްތަކާއި ޓިޝޫތަކަށް ގެއްލުންދީ، ސިކުނޑީގެ ސެލްތައް ކާލާ އިންފެކްޝަނެއް ކަމަށް ވެސް އެ ޑިޕާޓްމެންޓުން ބުނެފައި ވެއެވެ.

މި އިންފެކްޝަން ޖެހުނު މީހާ އާއި ބެހޭ މަޢުލޫމާތެއް އިދާރާތަކުން ހާމަކޮށްފައި ނުވާއިރު، ބައެއް މަސްދަރުތަކާއި ހަވާލާދީ ނޫސްތައް ބުނާގޮތުން އޭނާއަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ. އެއީ އޭނާއަށް އިންފެކްޝަންގެ އަސަރު ވަރަށް ބޮޑަށް ކޮށްފައި ވުމުން ކަމަށް ނޫސްތަކުން ބުނެއެވެ.

މީގެ ކުރިންވެސް ފްލޮރިޑާ އިން މި އިންފެކްޝަން ޖެހިފައިވާ މީހުން ފެނިފައި ވެއެވެ. ނަމަވެސް 1962 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފްލޮރިޑާއިން ފެންމަތިވީ މި ހާލަތާއި ގުޅުންހުރި 37 ވޭދަނަ (ކޭސް) ކަމަށް އިދާރާތަކުން ބުނެއެވެ. ހަމަ އެހެންމެ އަހަރުގެ މި ދުވަސްވަރަކީ އިންފެކްޝަން އެންމެ ބޮޑަށް އާލާވާ ކަމަށް ބެލެވޭ ދުވަސްވަރު ކަމަށް އެފަރާތްތަކުން ބުނެއެވެ.

އާންމު ގޮތެއްގައި އިންސާނުންނަށް މި އިންފެކްޝަން ޖެހެނީ، ސާފު ފެން ހިމެނޭ ކޯރުތަކާއި ފެންކަނޑުތަކުން ކަމަށް ވެއެވެ. މިގޮތުން ފެނުގައި ހުންނަ، މި އިންފެކްޝަނަށް މެދުވެރިކުރާ އެމީބާ، އިންސާނާގެ އަނގައިން ނުވަތަ ނޭފަތުން ހަށިގަނޑުގެ ތެރެއަށް ވާސިލްވެއްޖެނަމަ ސިކުނޑިއާއި ހަމައަށް ދަތުރުކޮށް އިތުރަށް އާލާވެ ސިކުނޑިއަށް ގެއްލުންދޭން ފަށާކަމަށް ވެއެވެ.

އާންމު ގޮތެއްގައި މި އިންފެކްޝަން ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި، ބޮލުގައި ގަދައަށް ރިއްސުމާއި، ހުންގަދަވުމާއި ކަރަށް ތަރުވުމާއި، ހޮޑުލެވުން އަދި ހަމައަށް ކޮޅަށް ނުހުރެވުމާއެކު ޚިޔާލީ މަންޒަރުތައް ސިފަވުންފަދަ ހާލަތުތައް މެދުވެރިވެއެވެ. އަދި ފަރުވާ ނުކުރެވިއްޖެ ނަމަ ހާލަތު ގޯސްވެ، ފުރާނައަށް ނުރައްކާ ވުމުގެ ފުރުސަތުވެސް އޮވެއެވެ. އެހެންކަމުން އާންމު ގޮތެއްގައި ފަތަން ގޮސް އުޅޭ މީހުންނަށް، މިއިން އަލާމާތެއް ފެންނަ ނަމަ ވަގުތުން ޑޮކްޓަރެއްގެ ލަފާ ހޯދަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ކޮންމެ އެއްޗެއް ހެކިދެނީ ﷲ ގެ މަތިވެރި ކަމާ ކުޅަދުން ވަންތަ ކަމެވެ މާތްﷲ ގެ ރަހްމަތްވަންތަ ކަމުން އިންސާނުން ސަލާމަތް ކުރައްވައެވެ ﷲ ގެ އަމުރު ފުލަށް ނޫނީ އެތަކެއްޗަށް ވެސް ހަރަކާތްތެރިވެ އުޅުމުގެ ބާރު ނުލިބެއެވެ ފާފަ ކުރާ އިންސާނާ ބިރުވެތިވެ ކުށް ކުރުން ހުއްޓާލާ