އެއިޑްސް ޖެހޭ މީހުންނަށް ދިނުމަށް އުފައްދާފައިވާ ބޭހެއް ތަހްލީލު ކުރުމުގެ ގޮތުން ބޭސް ދިން ބްރެޒިލް މީހެއްގެ ހަށިގަނޑުން އެޗްއައިވީ ވައިރަސްގެ އަސަރެއް ނުފެންނަތާ މިހާރު އަހަރެއް ވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އޭނާ އަށް ބޭސްދިން ސައިންސްވެރިން މިކަން ހާމަކުރި ނަމަވެސް އެހެން ސައިންސްވެރިން ބުނާ ގޮތުގައި ތަހްލީލް ކުރުމަށް ބޭސް ދީގެން ކުރިއަށް ގެންދިޔަ ތަހްލީލްތައް ކުރިއަށް ގެންދިޔަ ގޮތް މިނިވަން ފަރާތަކުން ކަށަވަރު ކުރަން ޖެހެއެވެ.

ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ޑރ.މޮނިކާ ގާންދީ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިބޭހުގެ ތަހްލީލުތައް އަދި އޮތީ ވަރަށް ކުރީކޮޅުގައި ކަމަށާއި އެހެންކަމުން އިތުރު ދިރާސާތައް އަދި ބޭނުންވާ ކަމަށެވެ. "އަދި މިބޭހުން ނަތީޖާއެއް މިފެނުނީ އެންމެ މީހެއްގެ ގައިން. އިތުރު ހަތަރު މީހަކަށް މިބޭސް ދިނުމުން ނަތީޖާއެއް ނުފެނޭ. ނަމަވެސް ވައިރަސްގެ އަސަރު މިހާރު ނުފެންނަ މީހާގެ ކޭސް އަކީ ވަރަށް ޝައުގުވެރި ކޭސްއެއް. އިތުރު ދިރާސާތައް ބޭނުންވާ ކޭސްއެއް މިއީ." ޑރ.ގާންދީ ވިދާޅުވިއެވެ.

ބްރެޒިލް މީހާގެ ގައިން އެޗްއައިވީ ވައިރަސް ނެތިގެން ދިއުމުން އޭނާ ވެފައި ވަނީ ބޭހެއް ދީގެން އެޗްއައިވީ ވައިރަސް ހަށިގަނޑުން ނައްތާލެވުނު ފުރަތަމަ މީހާ އަށެވެ. މީގެ ކުރިން ބައެއް މީހުންގެ ހަށިގަނޑުން ވައިރަސް ނައްތާލެވިފައި ވަނީ ބޯންމެރޯ ހަދައިގެން ނުވަތަ ސްޓެމް ސެލް ޓްރާންސްޕްލާންޓް ކޮށްގެންނެވެ.

ބްރެޒިލް މީހާ އަށް ދިން ބޭސް ޖުމްލަ 60 މީހަކަށް ދީގެން ތަހްލީލްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްއައިވީ އަށް އަދި މިހާތަނަށް ބޭހެއް އުފެއްދިފައި ނުވި ނަމަވެސް ސައިންސްވެރިން ބުނާ ގޮތުގައި އެޗްއައިވީ އަށް ބޭހެއް އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތުގައި ބޮޑެތި ކުރިއެރުންތައް އަންނަނީ ލިބެމުންނެވެ.

1981 ވަނަ އަަހަރު ފާހަގަ ކުރެވުނު އެޗްއައިވީ ޖެހިގެން މިހާތަނަށް 32 މިލިއަން މީހުން ވަނީ މަރުވެފައެވެ. މިހާރު ވެސް އެޗްއައިވީ ޖެހިފައި ތިބި 44 މިލިއަން މީހުން ދުނިޔޭގައި ތިބޭނެ ކަމަށް ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީހާ

    އޭނާ ވެފައި ވަނީ ބޭހެއް ދީގެން އެޗްއައިވީ ވައިރަސް ހަށިގަނޑުން ނައްތާލެވުނު ފުރަތަމަ މީހާ އަށެވެ.

    މިއީ ތެދު މައުލޫމާތެއް ނޫން. ރަނގަޅަށް ރިސާޗް ކުރޭ.

  2. އެމަންޖެ

    އަންނީ މިގައުމުގަ ޓެސްޓު ކުރަންވީނުން އަވަހައް ތިޔަ ގެންގުޅޭ ލާދީނިއްޔަތުކަން ފަތުރަން.