ޑޮކްޓަރެއްގެ ސަބަބުން ކުޑަ ކުއްޖަކަށް އެޗްއައިވީ ޖެހުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ޑެޕިއުޓީ ޗީފް މިނިސްޓަރ، ބްރަޖޭޝް ޕަތަކް ބުނެފައިވަނީ ކުއްޖަކަށް އެޗްއައިވީ ޖެހުނު މައްސަލައެއް ބަލަމުން އަންނަނިކޮށް، އެކުއްޖާއަށް އެ ބަލި ޖެހިފައިވަނީ ޑޮކްޓަރަކު އެހެން މީހުންނަށް ބޭނުން ކުރި ސިރިންޖެއް ބޭނުން ކުރުމުގެ ސަބަބުންކަން އެނގިފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މިމައްސަލައާއި ގުޅިގެން އެކުއްޖާގެ އާއިލާއިން ބުނެފައިވަނީ ހޮސްޕިޓަލުން ވެސް ގިނަ ކުދިންނަށް އެ ސިރިންޖް ބޭނުން ކޮށްގެން އިންޖެކްޝަން ޖެހި ކަމަށް ކޯޓުގައި ބުނެފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ އެންމެ ޑޮކްޓަރެއްކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި މައްސަލަ ފެންމަތިވި ކުއްޖާ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އަދި ހެދި ޓެސްޓްތަކުން ކުއްޖާ އެޗްއައިވީއަށް ފައްސިވުމުން ހޮސްޕިޓަލުން ބޭރުކޮށްލާފައިވާ ކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

މިމައްސަލަ ބަލަމުން އަންނަ ގާޒީ ވެސް ވަނީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އެކަމުގައި ޝާމިލުވާ މީހުންނާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. އަދި މައްސަލަ ބަލައި ނިމެންދެން އެކަން ކުރި ޑޮކްޓަރު ސަސްޕެންޑް ކުރުމަށް ވެސް އޭނާ ވަނީ އަމުރު ކޮށްފައެވެ.