އެޗްއައިވީ ކޮންޓްރޯލް ކުރުމަށް ފުރަތަމަ ތަހްލީލްތަކުން ވަރަށް ބޮޑެތި އުއްމީދުތަކެއް ގެނެސްދިން ވެކްސިންގެ އެންމެ ފަހު ތަހްލީލްތަކަށް ފަހު އެވެކްސިން އަކީ ފެއިލިއާއެއް ކަމަށާއި އެވެކްސިނުން އެޗްއައިވީ ކޮންޓްރޯލް ކުރަން އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށް ސައިންސްވެރިން ނިންމައިފިއެވެ.

މޮސައިކޯގެ ނަން ދީފައިވާ ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރީ އެމެރިކާ ސަރުކާރާއި ބޭސް އުފައްދާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޖެންސެން ގުޅިގެން ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕެއްގެ ދަށުންނެވެ.

ވެކްސިންގެ އެންމެ ފަހުގެ ދިރާސާތައް ފެށީ 2019 ވަނަ އަހަރު އެވެ. ޔޫރަޕްގެ އަށް ގައުމަކާއި އެމެރިކާގައި މި ދިރާސާތައް ކުރިއަށް ގެންދަން 3900 ފިރިހެނުން ނެގިއެވެ. އެއީ ފިރިހެނުންނާއި ޖިންސީ ގުޅުން ހިންގާ ފިރިހެނުންނާއި އަދި ޓްރާންސް ޖެންޑާ މީހުންނެވެ.

އެމީހުންނަށް ވެކްސިން ދިނުމަށް ފަހު ނިކުތް ނަތީޖާ ދިރާސާކޮށް އަޅައި ކިޔުމަށްފަހު މިނިވަން މޮނިޓަރިން ބޮޑީއަކުން ބުނީ މި ވެކްސިން ދިނުމުގެ ސަބަބުން އެޗްއައިވީ އިން ރައްކާތެރި ކޮށްދޭކަމަށް އެއްވެސް މިންވަރަކަށް ފާހަގަނުވި ކަމަށެވެ.

މިވެކްސިންގެ އެންމެ ފަހުގެ ދެ ޓްރިއަލްއަށް ވެސް 56 މިލިއަން އެމެރިކާ ޑޮލަރު ވަނީ ހަރަދު ކޮށްފައެވެ.

އުއްމީދީ ވެކްސިން ފެއިލް ވުމުން އެމެރިކާގެ ޕަބްލިކް ހެލްތުގެ ތަޖުރިބާކާރު ޑރ.އެންތަނީ ފައުޗީ ވިދާޅުވީ އެޗްއައިވީއަށް އުފެއްދި ވެކްސިން ފެއިލްވި ނަމަވެސް އަދިވެސް އެޗްއައިވީ ކޮންޓްރޯލް ކުރަން ވަރަސް ގިނަ މަގުތައް އެބަހުރި ކަމަށެވެ. "އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެޗްއައިވީ އަށް ވެކްސިނެއް އުފައްދަން ކުރަމުން އަންނަ މަސައްކަތުގައި ވެސް އަދި ކުރެވޭނެ ގިނަ ކަންތައްތަކެއް އެބަހުރި. މިއީ އަދި މަސައްކަތް ހުއްޓާލަން ޖެހޭ ސަބަބެއް ނޫން." ފައުޗީ ވިދާޅުވިއެވެ.

ފައުޗީ ނޭޝަނަލް އިންސްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީސްގެ އިސްވެރިޔާގެ މަގާމުން އިސްތިއުފާ ދެއްވާނީ އެޗްއައިވީ އާއި ދެކޮޅަށް އެންމެ ކުޑަވެގެން %50 އެފިސެންސީގެ ވެކްސިނެއް އުފެއްދިގެން ކަމަށް އޭނާ ކުރިން އައީ ވިދާޅުވަމުންނެވެ. ނަމަވެސް މިދިޔަ މަހު އޭނާ ވަނީ އެއުއްމީދު ހާސިލްނުވެ އެންމެ ފަހުން ރިޓަޔާ ކޮށްފައެވެ.