ހިރާސް ބޮޑު ފަރުވާ އެއް ކަމަށްވާ، ސްޓެމް ސެލް ޓްރާންސްޕްލާންޓަށް ފަހު މީހަކު، އެޗްއައިވީ އިންނާއި، އަދި އޭނާ އަށް ޖެހިފައިވާ ލޭގެ ކެންސަރު (ލުކީމިއާ) އިން ރަނގަޅު ވެއްޖެ ކަމަށް ސައިންޓިސްޓުން އިއްޔެ ބުނެފިއެވެ.

ސައިންޓިސްޓުން، "ޑަސެލްޑޯފް ޕޭޝަންޓް" ގެ ނަމުން ނަންދީފައިވާ 53 އަހަރުގެ ބަލިމީހާ އަކީ، މި ކެންސަރަށްވެސް ފަރުވާ ލިބޭ ތަހުލީލީ އަދި ހިރާސް ބޮޑު ފަރުވާ އަށް ފަހު، އެއިޑްސް ބަލި ޖައްސާ އެޗްއައިވީ ވައިރަސް އެއްކޮށް ނައްތާލެވުނު ތިން ވަނަ މީހާއެވެ.

މީގެ ކުރިންވެސް އެޗްއައިވީ އާއި ކެންސަރު ޖެހިފައިވާ ދެ މީހަކު، ލަންޑަން އިންނާއި ބާލިން އިން، މި ފަރުވާ އަށްފަހު ރަނގަޅުވެފައިވާ ކަމަށް ސައިންޓިފިކް ޖާނަލް ތަކުގައި ރިޕޯޓް ކޮށްފައި ވެއެވެ.

މިފަހަރު ޑަސެލްފޯޑް ބަލިމީހާގެ ފަރުވާ އާއި ގުޅޭ މައުލޫމާތު ހާމަ ކޮށްފައިވަނީ 'ނޭޗަރ މެޑިސިން' ޖާނަލް ގައެވެ.

އެމީހާ އެޗްއައިވީ އަށް ޑައިގްނޯޒް ކުރެވުނީ 2008 ވަނަ އަހަރުއެވެ. އަދި އޭގެ ތިން އަހަރު ފަހުން، ލޭގެ ކެންސަރުގެ ނުރައްކާތެރި ވައްތަރެއް ކަމަށްވާ އެކިއުޓް މައިލޮއިޑް ލުކީމިއާއަށް އޭނާ ޑައިގްނޯޒް ކުރެވުނެވެ.

2013 ވަނަ އޭނާ ވަނީ، ސީސީއާރް5 ޖީން ގައި މަދުން ފެންނަ މިއުޓޭޝަން އެއް ހުރި އަންހެނެއްގެ ސްޓެމް ސެލް ބޭނުން ކޮށްގެން ބޯން މެރޯ ޓްރާންސްޕްލާންޓް ހަދާފައެވެ. އެ މިއުޓޭޝަން އަކީ އެޗްއައިވީ ވައިރަސް ސެލްތަކަށް ވަނުން ހުއްޓުވާ މިއުޓޭޝަން އެއްކަން ވަނީ ދެނެގަނެވިފައެވެ.

ޓްރާންސްޕްލާންޓަށް ފަހު އޭނާ ވަނީ ކީމޯތެރަޕީ ވެސް ނަގާފައެވެ.

2018 ވަނަ އަހަރު އެ މީހާ ވަނީ އެޗްއައިވީ އަށް ނަގާ ފަރުވާ ކަމަށްވާ އެންޓި ރެޓްރޯ ވައިރަލް ތެރަޕީ ހުއްޓާލާފައެވެ. އެ ތެރަޕީ އަކީ ހަށިގަނޑުގައި ވައިރަސް މަދު މިންވަރެއްގައި ހިފަހައްޓައިދޭ ފަރުވާއެކެވެ.

ފަރުވާ ހުއްޓާލިތާ 4 އަހަރު ފަހުންވެސް، އޭނާގެ ހަށިގަނޑުން އެޗްއައިވީ ފެނިފައެއް ނުވެއެވެ.

މި ދިރާސާ ގައި ބުނެފައިވަނީ "އެޗްއައިވީ އަށް ފަރުވާ ކުރެވުނު މި ތިން ވަނަ ކޭސް އިން ކުރިއަށް އޮތްތަނުގައި މި ބައްޔަށް ފަރުވާ ހޯދުމަށް އިތުރު މައުލޫމާތު ތަކެއް ލިބިގެން ދިޔަ" ކަމަށެވެ.

ބަލީމީހާގެ ބަޔާނެއް ގައި އޭނާ ބުނެފައިވަނީ، އެޗްއައިވީ އާއި އަދި އެއާއި އެކުގައި ލުކީމިއާއިންވެސް ފަރުވާ ހޯދުމުގައި ކާމިޔާބު ހޯދި ބައިނަލްއަގުވާމީ ޑޮކްޓަރުންގެ ޓީމާއި މެދު ވަރަށް ފަހުރުވެރިވާ ކަމަށެވެ.

އަދި އޭނާގެ ޓްރާންސްޕްލާންޓަށް 10 އަހަރުވުން، މިދިޔަ ހަފްތާގައި ކުލަގަދަ ކޮށް ފާހަގަ ކުރި ކަމަށާއި، އެ މުނާސަބަތުގެ ޝަރަފުވެރި މެހެމާނަކީ އޭނާއަށް ސްޓެމް ސެލް ހަދިޔާ ކުރި މީހާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ކުރިން އެޗްއައިވީ އިން ރަނގަޅުވި ދެމީހުންގެ ވާހަކަ އިއުލާނު ކޮށްފައިވަނީ މިދިޔަ އަހަރު އޮތް ދެ ސައިންޓިފިކް ކޮންފަރެންސް ގައެވެ. ނަމަވެސް އެ ދެ ކޭސް އާއި ގުޅޭ ގޮތުން އަދި މައުލޫމާތު ޝާއިއު ކޮށްފައެއް ނުވެއެވެ.

އެޗްއައިވީ އަށް ފަރުވާ އެއް ހޯދުމަށް ސައިންޓިސްޓުން މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެފައިވާއިރު، މި ކޭސްތަކުގައި ބޭނުންކުރި ބޯން މެރޯ ޓްރާންސްޕްލާންޓަކީ ވަރަށް ބޮޑު، އަދި ނުރައްކާތެރި އޮޕަރޭޝަނެކެވެ. އެހެންކަމުން މި ފަރުވާ އެކަށީގެންވަނީ ހަމައެކަނި އެޗްއައިވީ އާއި ލޭގެ ކެންސަރާއި ދެ ބަލި ޖެހިފައިވާ ވަރަށް މަދު މީހުންނަށެވެ.

އަދި މީގެ އިތުރުން ސީސީއާރް5 ޖީންގައި މަދުން ފެންނަ މިއުޓޭޝަން ހުންނަ ބޯން މެރޯ ޑޯނަރުން ހޯދުމަކީވެސް ވަރަށް ބޮޑު ގޮންޖެހުމެކެވެ.

މި ދިރާސާގައި އިސްކޮށް އުޅުއްވި އެއް ފަރާތް ކަމަށްވާ، ފްރާންސްގެ ޕާސްޓިއަރ އިންސްޓިޓިއުޓްގެ އެސިއަރ ސައީޒް ސިރިއޮން ވިދާޅުވީ، ޓްރާންސްޕްލާންޓް ހަދާއިރު، ބަލިމީހާގެ ދިފާއީ ސެލްތައް (އިމިއުން ސެލްތައް) އެއްކޮށް ޑޯނަރ ސެލްތަކަށް ބަދަލު ކޮށްލަނީ ކަމުގައެވެ. އެޗްއައިވީ ވައިރަސް ހަމަލާދެނީ ދިފާއީ ސެލްތަކަށް ކަމަށްވާތީ، މި ގޮތަށް ކަންތައް ކުރުމުން ވައިރަސް އިން އިންފެކްޓް ވެފައިވާ ގިނަ ސެލްތައް ހަށިގަނޑުން ނައްތާލައެވެ. އަދި މިއުޓޭޝަންގެ ސަބަބުން އާ ސެލްތަކަށް މި ވައިރަސް ވަނުން ހުއްޓުވައެވެ.

ސްޓެމް ސެލް ތެރަޕީއަކީ އާންމުކޮށް ލޭގެ ކެންސަރަށް ބޭނުން ކުރާ ފަރުވާއެވެ.