އިންޑިއާގެ ޔަތީމް ހާނާއެއްގައި އެތައް ފަހަރެއް މަތިން ރޭޕް ކުރުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ހައިދަރްއާބާދުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންދިޔަ އުމުރުން 14 އަހަރުގެ އަންހެން ކުއްޖާ މަރުވެއްޖެއެވެ.

އެ ކުއްޖާ މަރުވީ އިއްޔެގެ ވަގޮތެއްގައި ނިލޫފާ ޗިލްޑްރެން ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އެ ކުއްޖާ އެ ހޮސްޕިޓަލްގައި ފަރުވާދެމުންދާތާ ހަފްތާއެއް ވަރު ވެދާނެއެވެ.

އެ ކުއްޖާއަކީ 2015 ވަނަ އަހަރު ފެށިގެން މަރުތީގެ ޔާތީމް ހާނާގައި އުޅެމުންދިޔަ ކުއްޖެކެވެ. އެ ކުއްޖާގެ މަންމަ އާއި ބައްޕަ ވަނީ މަރުވެފައެވެ.

އެ ކުއްޖާ ރޭޕް ކުރަން ފެށީ މިދިޔަ އަހަރު ފެށިގެންނެވެ. އެގޮތުން އެއް ދުވަހެއްގައި އެ ޔަތީމް ހާނާ ހިންގަމުންދާ އަންހެނަކު ވަނީ، އެތަނަށް ތަކެތި ފޯރުކޮށްދެމުން އަންނަ މީހަކާއި ބައްދަލު ކުރުމަށް އޭނާގެ އޮފީހަށް ދިއުމަށް ބުނެފައެވެ.

އަދި އެ ކުއްޖާ އޮފީހަށް ދިއުމުން އޭނާއަށް ޖޫހެއް ބޯންދިނުމަށްފަހު އެ ކުއްޖާ ރޭޕްކޮށްފައި ވަނީ އެތަނަށް އެހީވަމުން ދިޔަ މީހެއްކަމަށް ނަރެގްލާ ވެނުގޯޕަލް ރެޑީ އެވެ. އަދި އެކަންތައް ހިންގުމުން، އެ ވާހަކަތައް އޭނާ އެތަނުގައި ތިބޭ ބެލެނެވެރި ފަރާތްތަކަށް އެންގި ނަމަވެސް، އޭނާއަށް އިންޒާރު ދީފައި ވަނީ އެ ވާހަކަތައް ނުދެއްކުމަށެވެ.

އަދި އޭގެ ފަހުން ރެޑީ އެތައް ފަހަރަކު އޭނާއަށް ޖިންސީ ގޯނާ ކޮށް ރޭޕްކޮށް ހަދައެވެ. އަދި ރެޑީ އެތަން ބަލަހައްޓާ މީހާއަށާއި، އޭނާގެ ބޭބެއަށް ފައިސާ ދެމުންދިޔަ ކަމަށްވެސް ބުނެފައި ވެެއެވެ.

މިކަންތައް ފަޅާ އަރާފައި ވަނީ، ކޮވިޑް-19އާ ގުޅިގެން އިއުލާނުކޮށްފައިވާ ފުރަބަންދުގެ ސަބަބުން އެ ކުއްޖާ އާއިލާ މީހެއްގެ ގެއަށް ގެންދިޔަ ފަހުންނެވެ.

އަދި އެތަނަށް ދިއުމުން، އެ ކުއްޖާ މާބޮޑަށް މަޑުން ހުންނަ ކަމަށާއި، އެ ކަންތަކާއި ހެދި އެ ކުއްޖާގެ ބޮޑުބޭބެ އޭނާއަށް އަނިޔާކޮށް ހަދާތީ އޭނާ ވަނީ އާއިލާ އެހެން ގެއަކަށް ބަދަލުވެފައެވެ.

އެގޭގެ މީހުންނަށް އެ ކުއްޖާ ފެނުމުން އޭނާ ހިނގުމުގައި މައްސަލަތަކެއް ހުންނަ ކަމާއި، ހަށިގަނޑުގެ ވަރުދެރަވެފައިވާ ކަން އެނގުނެވެ. އެކަމާއި އެ ކުއްޖާއާ ސުވާލު ކުރުމުން ހުރިހާ އެއްޗެއް އޭނާ ވަނީ ކިޔާދީފައެވެ. އަދި ފުލުހުންނަށް އެ މައްސަލަ ހުށަހެޅި ޖުލައި 31 ވަނަ ދުވަހުއެވެ.

އެ މައްސަލާގައި ރެޑީ އާއި އެ ޔަތީމު ހާނާ ބަަލަހައްޓާ މީހާ ވަނީ ހައްޔަރުކޮށްފައެވެ.

އަދި އެ ކުއްޖާ ފަހުން ވަގުތީ ހިޔާއަކަށް ބަދަލު ކުރިއިރު، ފަހުން މެޑިކަލް ޗެކްއަޕް ހެދުމަށް ފޮނުވިއެވެ. ނަމަވެސް ފަހުން އޭނާ އަނބުރާގައިގެނެން ވެއްޓުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް މަރުވީ އިއްޔެ އެވެ.

އެ ކުއްޖާ މަރުވި ސަބަބު ކަމާއި ގުޅުން ހުރި އިދާރާތަކުން ދަނީ ބަލަމުންނެވެ.