ދިއްލީ ފުލުހުން ބުނާގޮތުގައި ބޭންކުން 61 ލައްކަ ރުޕީސްގެ ލޯނެއް ނެގުމަށްފަހު ވެސް ގަހަނާ ވިއްކާ މީހާއަށް އޭނާގެ ވިޔަފާރިން އެއްވެސް ފައިދާއެއް ނުކުރާތީ އޭނާ ހުރީ އެކަމާ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފައެެވެ. މި ލޯނު އަދާކުރެވޭނެ ގޮތެއް ނެތުމުން، އެލޯނު އަދާނުކުރުމަށް އޭނާގެ ދެ ރަހުމަތްތެރިންގެ އެހީއާއި އެކު އޭނާގެ އަމިއްލަ ވިޔަފާރިން ވަނީ ވައްކަން ކޮށްފައެވެ.

މި ވައްކަން ކުރުމަށް ދިޔައީ އޭނާގެ ރަހުމަތެރި މުންނާއެވެ. މުންނާ ހުރީ ބުރުގާ އަޅާފައި ކުޅޭކުޅޭ ބަޑިއެއް ހިފައިގެންނެވެ. މިކަން ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދިއްލީގެ ޗާންދްނީ މަހަލްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ވައްކަން އަސްލާއި އެއްގޮތް ކުރުމަށް ފިހާރާއިގެ ވެރިފަރާތަށް ވަނީ އަނިޔާކޮށް އަދި ވާގަނޑަކުން ބަނދެލާފައެވެ. ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ސަންޖޭ ބާޓިއާ ބުނެފައިވާ ގޮތުގައި މި ވައްކަމުގެ ހަގީގަތް ބެލުމަށް ސީސީޓީވީ ފްޓޭޖުތައް ވެސް ބެލިކަމަށެވެ. ބެލި ބެލުމުން އެނގުނީ މިއީ ފިހާރައިގެ ވެރިފަރާތުން އޭނާގެ ރަހުމަތްތެރިންނާއިއެކު ރާވާގެން ކުރި ކަމެއްކަމެެވެ.

ފުލުހުން ވަނީ ވިޔަފާރީގެ ވެރިފަރާތްކަމުގައިވާ އަބީޖީތް ސަމަންތާއާއި އޭނާގެ ދެ ރަހުމަތްތެރިންކަމަށްވާ ފަރުހާނާއި މުންނާ ހައްޔަރުކޮށްފައެވެ. ބުރުގާއާއި ބަޑި ހޯދާފައި ވަނީ ފަރުހާނެވެ. އަދި ވައްކަން ކުރުމަށް ގޮސްފައިވަނީ މުންނާއެެވެ.

އުމުރުން 40 އަހަރުގެ ސަމަންތާއަކީ ރަނުން ގަހަނާ ހަދައިގެން ދިއްލީގެ ފިހާރަތަކަށް ވިއްކާ މީހެކެވެ. 2017 އަދި 2018 ވަނަ އަހަރު ވިޔަފާރި އިތުރަށް ކުރިއެރުވުމަށް ތިން ބޭންކަކުން 61 ލައްކަ ރުޕީސްގެ ލޯނު ނަގައިގެންވެސް އޭނާގެ ވިޔަފާރިން އެއްވެސް ފައިދާއެއް ނުލިބެއެވެ.

ކޮވިޑް-19 ގެ ފުރަބަންދާއި ގުޅިގެން ވިޔަފާރި އިތުރަށް ދަށްވެ ބޭންކުގެ އެންގުންތައް ގިނަވާން ފެށުމުން ސަމަންތާ ހީކުރީ އޭނާގެ ގަހަނާތައް ވަގަށް ނެގުމުން އެލޯނު އަދާ ކުރަން ނުޖޭނެކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު 6 ގަޑިއިރު ވަންދެން ފުލުހުންވަނީ ސަމަންތާއާއި ސުވާލުކޮށްފައެވެ. ގަހަނާތަކާއި ވައްކަން ކުރުމުގައި ބޭނުންކުރި ބުރުގާއާއި ބަޑި މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަވާހިރު

    ސާބަހޭ

  2. ދަރަނި ދަންތުރަ

    އިންޑިޔާ ދޯ އިބޫ އަށް އޯކޭވާނެ

  3. އިބްރާ

    މި ގައުމުގެ ކޮރަޕްޝަން ހުއްޓުވަންއަންނަނީ މިވެރިންނޯލަ.