ނ. ވެލިދޫގެ ޒުވާނުންތަކެއް އިސްނަގައިގެން މުޖްތަމައުގެ ހުންނަ ނޭދެވޭ ކަންކަމުގެ މައްޗަށް އަލި އަޅުވާލައިގެން ފިލްމެއް ނެރުމަށް ތައްޔާރުވެއްޖެއެވެ.

"ހަސްކާ"ގެ ނަމުން ނަން ދީފައިވާ ފިލްމު އުފައްދާފައި ވަނީ ހަމަ އެރަށުގެ "ސިމް އޯ ސިސް" ނަމަކަށް ކިޔާ ޕްރޮޑަކްޝަނަކުންނެވެ. މިފިލްމެ ޝޫޓިން ނިންމައި ޕޯސްޓަރު އަދި ފިލްމްގެ ފުރަތަމަ ޓީޒާ ވެސް މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.

"ވަގުތު"އަށް މައުލޫމާތު ދެމުން ފިލްމުގެ ޕްރޮޑަކްޝަން "ސިމް އޯ ސިސް" ގެ ފައުންޑަރ އަލީ ސިމާޙް (އޮންބެ) ބުނީ މި ފިލްމަކީ 100 އިންސައްތަ ވެލިދޫ މީހުންގެ ހުނަރު ދައްކުވައިދޭ ވެލިދޫގައި ހިނގާފައިވާ ބައެއް ހަގީގީ ހާދިސާތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް ކަމަށެވެ.

އެގޮތުން އެކްޓަރުންނާ ހިސާބުން ފެށިގެން ގޮސް ބެކްމިއުޒިކް ފަދަ މުހިއްމު ހުރިހާ ކަމެއް ވެސް ކޮށްފައިވަނީ ވެލިދޫގެ ޒުވާނުން ކަމަށް އޭނާ ފަޙްރުވެރިކަމާ އެކު ބުންޏެވެ.

https://www.facebook.com/2209350175993930/posts/2593899920872285/

"ވާހަކަ އަދި ސްކްރީން ޕްލޭއިން ފެށިގެން ކެމެރާ ކުރުމާ ހުރިހާ ކަމެއް ވެސް ކޮށްފައި ވަނީ ވެލިދޫގެ ހުނަރުވެރިން،" އޮންބެ ބުންޏެވެ.

"ވަގުތު"އަށް މައުލޫމާތު ދެމުން ވާހަކަ އަދި ސްކްރީން ޕްލޭ ތައްޔާރުކޮށްފައިވާ އަޙްމަދު ރިޝާން (ރިޗީ) ބުނީ މިއީ ރަށްފުށުގައި ހިންގާ ވަށްކަމާއި ބައެއް ނޭދެވޭކަންކަމުން ހޭލުންތެރިކުރުވުމަށް ލިޔެފައިވާ ވާހަކައެއް ކަމަށެވެ.

‎"ފިލްމްގެ ޕްރަޑަކްޝަން ޓީމް އިން ބޭނުންވީ ވަރަށް މަޖާގޮތަކަށް ހަގީގީ ކަންކަމުގެ މައްޗަށް މުޖްތަމައު ހޭލުންތެރި ކުރުވުމަށް ފިލްމެއް ހެދުމަށް. މަޖާ ސްކްރީން ޕްލޭއެއްވީމަ ޑައިލޮގުން މަޖާކުރެވޭނެ ގޮތަކަށް ވިސްނައިގެން ލިއުނީ. އެއްވެސް ކެރެކްޓާއެއް އޯވަ މަޖާނުވާ ގޮތަކަށް ގިނަ ރަހަތަކެއް ހިމަނައިގެން ގެނެސްދެވޭތޯ ވަރަށް ބޮޑަށް ބަލާފައިވާނެ،" އޭނާ ބުންޏެވެ.

އޮންބެ ބުނި ގޮތުގައި ވެލިދޫގައި މިފަދަ އިތުރު މަސައްކަތްތަކެއްވެސް ކުރުމަށް ވަނީ ރާވާފައެވެ. ‎މިފިލްމްގެ ޑަބިންގ އަދި އެޑިޓިންގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާއިރު ފިލްމް ޕްރިމިއަރ ކުރުމަށް ހަމަޖެހިފައި ވަނީ ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު ވެލިދޫ "މަގޭ ސިނަމާ"ގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައެވެ.

އޭނާ ބުނީ ސިމް އޯ ސިސްއުން މި ފިލްމް ނެރުމުގައި ހާއްސަ އެހީތެރިކަމެއްވެދިން އާމިން(އާނު)، ނޫނު ފޮޓޯ، ޝާޒިން(ދި އައިލެންޑް އާރޓިސްޓް)، މިއުޒިކް ކޮމްޕޯޒް ކޮށްދީފައިވާ ސޮފްވާން(ސޮއްޕެ)ގެ އިތުރުން މިއްމި، އަދި އިއްމައާއި ފިލްމުގެ ހުރިހާ އެކްޓަރުންނާއި އެކްޓްރެސުން، އަދި ވެލިދޫގެ ހުރިހާ ރައްޔިތުނަށް ޝުކުރުއަދާކުރާ ކަމަށެވެ.