ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމުން ސަލާމަތްވުމުގެ ބޭނުމުގައި، އެކަށީގެންވާ ގޮތެއްގައި މަރުޙަލާތައް ފުރިހަމަނުވާ ވެކްސިންތައް ބޭނުންކުރަން ފެށުމަކީ އެކަމުގެ ސަބަބުން ދުނިޔެ އިތުރު ނުރައްކަލަކަށް ހުށަހެޅިދާނެ ކަމެއް ކަމަށް އެމެރިކާގެ އިސް ޑޮކްޓަރަކު ބުނެފިއެވެ.

އިމަޖެންސީ ފިޒީޝަން، ޑރ. ލޭނާ ވެން މިކަމާއި ގުޅޭގޮތުން ނޫސްތަކުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ، ކޮވިޑް-19 ގެ ވެކްސިނެއް، ފޭސް ތިނެއްގެ ކްލިނިކަން ޓްރަޔަލް ފުރިހަމަނުކޮށް ބޭނުންކުރަން ފެށުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. އެހެންކަމުން މިފަދަ ވެކްސިނެއް ބޭނުންކުރުމުގެ ހުއްދަ ދިނުމަކީވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ވެން މިގޮތަށް ވިދާޅުވެފައި މިވަނީ، ކޮވިޑް ވެކްސިނެއްގެ ފޭސް ތިނެއްގެ ކްލިނިކަލް ޓްރަޔަލް ފުރިހަމަ ނުވެވެސް ބައެއް ހާލަތްތަކުގައި ވެކްސިން ބެނުންކުރެވިދާނެ ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ ކޮމިޝަނަރ، ޑރ. ސެޓެފަންހަން ވިދާޅުވުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވަމުންނެވެ.

ޑރ. ސްޓެފަންގެ ވާހަކައަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކޮށް ޑރ. ވެން ވިދާޅުވެފައި ވަނީ އެންމެ ފުރަތަމަ އެފްޑީއޭއިން ނިންމާފައި އޮތީ ޓްރަޔަލްތައް ފުރިހަމަ ކޮށްގެން މެނުވީ ވެކްސިނެއްގެ ހުއްދަ ނުދޭގޮތަށް ކަމަށާއި، ނަމަވެސް ފަހުން އެނިންމުން ބަދަލުވީ އިމަޖެންސީ ހާލަތްތަކުގައި އެފަދަ ވެކްސިން ބޭނުންކުރެވޭ ގޮތަށް ކަމަށެވެ. އަދި އެންމެފަހުން މިހާރު ވާހަކަ މުޅިން ބަދަލުވެ، ފޭސް ތިނެއްގެ ކްލިނިކަލް ޓްރަޔަލް އަކީ ފުރިހަމަވުން މުޙިންމު މަރުޙަލާއެއް ނޫންކަމަށްވެސް ސިފަކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެފްޑީއޭ ކޮމިޝަނަރުގެ ވާހަކަތަކާއި ގުޅިގެން ޑރ. ވެން ނުރުހުން ފާޅުކޮށްފައި މިވަނީ، ވެކްސިންގެ ފުރިހަމަނުވާ ޕްރޮޖެކްޝަންއަކުން ނުބައި ނަތީޖާއެއް ނިކުމެދާނެ ކަމަށް ސިއްޙީ މާހިރުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. އެފަރާތްތަކުން ވެސް ބުނަމުން ދަނީ ވެކްސިންއެއް އުފެއްދުމުގެ ޕްރެޝަރ ބޮޑު ނަމަވެސް، އުފައްދާ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި، އެކަމަށްޓަކައި ހުރިހާ މަރުޙަލާއެއް ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ.

އެމެރިކާގެ ސިއްޙީ ތަޖުރިބާކާރުންގެ މި ކަންބޮޑުވުންތައް އިތުރުވެފައި ވީނަމަވެސް ރަޝިޔާ އާއި ޗައިނާ އިން އަންނަނީ އެޤައުމުތަކުގައި ކޮވިޑް-19 އަށް އުފެއްދި ވެކްސިންތަކެއް އާންމުކޮށް ބޭނުންކުރަން ފަށަން ފަހުގެ ތައްޔާރީތައް ވަމުންނެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އެންމެ އަވަހަށް އުފައްދާނެ ޤައުމަކަށް އެމެރިކާ ވެގެންދާނެ ކަމަށް އެޤައުމުގެ ތަޖުރިބާކާރުން ބުނަމުން ދަނިކޮށް އެޤައުމާއި އެންމެ ވާދަވެރި ދެޤައުމުން ވެކްސިން އުފައްދައި އިއުލާނުކުރުމުން އެމެރިކާގެ އިސް ސައިންސްވެރިންނާއި ސިޔާސީ ބައެއް ފަރާތްތަކުން ވެސް އަންނަނީ އެހެން ޤައުމުތަކުން އުފައްދާ ވެކްސިން ރައްކާތެރި ނޫން ކަމަށް ބުނަމުންނެވެ.

އެމެރިކާގައި ކޮވިޑް-19 ގެ ވެކްސިން އުފެއްދުމުގެ މަސައްކަތް ގިނަ ކުންފުނިތަކުން މިހާރުވެސް ކުރަމުން ދާއިރު، އޭގެތެރެއިން އެންމެ އަވަހަށް ވެސް ވެކްސިނެއް ތައްޔާރު ކުރެވޭނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް އިދާރަތަކުން ބުނެއެވެ.