ގިނަ އަދަދަކަށް ގަނޑުފެން އަޅާފައިހުރި ޓޭންކެއްގެ ތެރޭގައި ދެގަޑިއިރަށްވުރެ ގިނައިރު ހޭދަކޮށްގެން އޮސްޓްރިއާ މީހަކު ރެކޯޑެއް ޤާއިމްކޮށްފިއެވެ.

އޮސްޓްރިއާގެ މެލްކް ސިޓީގެ "މެއިން ސްކެއާ"ގައި އާންމުންގެ ގިނަ ބައެއްގެ ހާޒިރުގައި އޭނާ މި ރެކޯޑް ޤާއިމްކޮށްފައި ވަނީ 1800 ކިލޯގެ އައިސްކިއުބު ހުރި ބިއްލޫރި ޓޭންކެއްގެ ތެރޭގައި ދެގަޑިއިރާއި 30 މިނެޓަށްވުރެ ގިނައިރު ހޭދަކޮށްގެންނެވެ.

މީގެ ކުރިން އެންމެ ގިނައިރުވަންދެން އައިސްކިއުބު ޓޭންކެއްގެ ތެރޭގައި ހުރެގެން ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައި ވަނީ ޗައިނާ މީހެކެވެ. 2014 ވަނަ އަހަރު އެ ރެކޯޑް ޤާއިމްކޮށްފައި ވަނީ އެއްގަޑިއިރާއި 53 މިނެޓަށް އައިސްކިއުބުތައް ތެރޭގައި ހުރެގެންނެވެ.

އޮސްޓްރޭލިއާގެ އުމުރުން 43 އަހަރުގެ ޖޯސެފް ކޯބާލް މި ރެކޯޑް މުގުރާލާފައި ވާއިރު، އޭނާ ނޫސްތަކުގައި ބުނެފައިވަނީ ރެކޯޑް ޤާއިމްކުރުމަށް މަސައްކަތްކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށެވެ. މިގޮތުން ރެކޯޑާއި ހަމައަށް އައުމުގެ ކުރީން، ތައްޔާރުވުމުގެ ގޮތުން ހެދި ޓްރޭނިންތަކުގެ ތެރެއިން ދެގަޑިއިރާއި 8 މިނެޓުވަންދެން ވެސް އައިސްކިއުބު ޓޭންކެއްގެ ތެރޭގައި ހުރިކަމަށް އޭނާ ވަނީ ބުނެފައެވެ.

ޖޯސެފް ބުނެފައިވަނީ މި ރެކޯޑް އޭނާ ހަދާފައި ވަނީ ގިނަބައެއްގެ ހާޒިރުގައި ވަރަށް ރަނގަޅަށް އިންތިޒާމްކޮށްގެން ކަމަށް ވާއިރު، ގިނެސް ވޯލްޑް ރެކޯޑް ފޮތުގައި ރެކޯޑް ހިމަނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މި ރެކޯޑް ހެދުމަށްޓަކައި އައިސްކިއުބް ޓޭންކުތެރެއަށް ފޭބިވަގުތު ޖޯސެފްގެ ފަޔަށްވެސް ވަނީ އަނިޔާވެސް ވެފައެވެ. މިގޮތުން ގިނަ އަދަދެއްގެ އައިސްކިއުބު އެއްފަހަރާ ޓޭންކުތެރެއަށް އެޅި ވަގުތު ފައިގެ ބައެއް އިނގިލިތައް ފިތިގެން އަނިޔާވެފައިވާ ކަމަށޤ އޭނާ ބުނެފައި ވެއެވެ.

އެ އަނިޔާ ނުލިބުނުނަމަ ޓޭންކު ތެރޭގައި "ތިންގަޑިއިރު ވަންދެން ހުރެވުނީސް" ކަމަށް ޖޯސެފް ބުނެއެވެ.