ނެޓްފްލިކްސްގެ އެންމެ މަގްބޫލް އެއް ޝޯގެ ގޮތުގައި ފެނިގެންދިޔަ "މަނީ ހެއިސްޓް"އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބައެއްގެ ހިތް ދަމައިގަތް މޮޅު ސީރީޒްއެކެވެ. ޑައިރެކްޓިން އާއި ވާހަކަ އަދި އެކްޓަރުންގެ ގާބިލްކަމާ ހުރެ އެ ސީރީޒްއަށް ބޮޑު ތަރުޚީބެއް ވަނީ ލިބިގެން ގޮސްފައެވެ.

އިނގިރޭސި ބަސް ނޫން ބަހަކުން ކުރިއަށް ގެންދާ ސީރީޒްއަކަށް މިފަދަ ބޮޑު ތަރުޚީބެއް ލިބުނު މިއީ ފުރަތަމަ ފަހަރު ކަމަށް ވާއިރު އެ ސީރީޒްގެ ވާހަކަ އާއި ކެރެކްޓަތަކަށް ވަނީ ވަރަށް ބޮޑު ތަރުޚީބެއް ލިބިގެން ގޮސްފައެވެ. ސްޕެނިޝް ނަމުން ނަމަ "ލަ ކާސާ ޑި ޕަޕެލް" ނަމަކަށް ކިޔާ މި ސީރީޒްގެ ކުރިއަށް އޮތް ސީޒަން އަކީ މި ޝޯގެ ފަހު ސީޒަންއެވެ.

ސްޕެއިންގެ އެތައް ނޫހަކުން ވަނީ މި ސީރީޒްގެ އިތުރު ބައިތަކެއް ނުފެންނާނެ ކަމަށް ރިޕޯޓްކުރި ހިސާބުން އާއްމުން ތިބީ ވަރަށް ދެރަވެފައެވެ. ނަމަވެސް މިހާރު ލިބޭ ޚަަބަރުތަކަކީ ފޭނުންނަށް އުފާވެރި ޚަބަރުތަކަކަށް ވެދާނެއެވެ.

އެއީ މި ސީރީޒްގެ މަގްބޫލް ބައެއް ކެރެކްޓަރތައް ހިމެނޭ އާ ސީރީޒްތަކެއް ފެނުން ގާތްކަން ޕްރޮޑަކްޝަން ޓީމުންވެސް ޔަގީންކޮށްދިނުމެވެ. އެގޮތުން ބާލިން އާއި އެކު ފެންނަ ސީރީޒް އެއްގެ ވާހަކަ މިހާރު ވެސް ދަނީ ދެކެވެމުންނެވެ. ނަމަވެސް އެ ޝޯގައި ޕްރޮފެސަރު އަދާކުރާނީ ކިހާވަރެއްގެ ރޯލެއްކަން އަދި ޕްރޮޑަކްޝަން ޓީމުން ހާމައެއް ނުކުރެއެވެ.

މި ސީރީޒުން ފެނިގެން ދަނީ، ޕްރޮފެސަރެއްގެ މާސްޓާ ޕްލޭންގެ ދަށުން ކުށްވެރިންތަކެއް ފައިސާ ހޯދައި، އޭގެ ފަހުން ފުލުހުންނާއި ދެމެދު ހިނގާ ކަންކަމެވެ. މި ސީރީޒްގެ ތަރިންނަށް ނަން ދީފައި ވަނީ ދުނިޔޭ އެކި ގައުމުތަކުގެ ސިޓީތަކަށް ކިޔާ ނަމެވެ. މަނީ ހައިސްޓުގައި ގިނަ ބަޔަކު ދަހިކޮށްލާ ކަމަކީ ކޮންމެ ސީރީޒް އެއްވެސް ނިމޭއިރު ދެން ވާނެ ގޮތެއް އާދަޔާ ޙިލާފަށް ބޮޑަށް ބަލަން ބޭނުންވެފައި ތިބުމެވެ.