ދިރިއުޅުމުގައި ކޮންމެ މީހަކީވެސް ލޮތްބާއި އަޅާލުން ބޭނުންވާނެ މީހެއްކަން ޔަޤީނެވެ. އަދި ބައެއް މީހުންނަކީ މީހެއްގެ ފަރާތުން ލޮތްބާއި އަޅާލުމަށް ވަރަށް ބޮޑަށް ފެންބޮަވައިގަނެފައިވާ މީހުންނެވެ. ވަަރަށް ގިނަ ފަހަރު ގޯސް މީހާ ދެކެ ލޯބި ވެވިގެން އެކަމުގެ ޝަކުވާ ކުރެވޭތަން އާދެއެެވެ. އަދި އަބަދު ތިމަންނާއަށް ގޯސް މީހެއްދެކެ ލޯބިވަނީ ކީއްވެބާއޭ ހިތަށް އަރާފާނެއެވެ.

ޖަވާބުތައްވެސް ސައިކޮލޮޖިސްޓުންގެ އެހީގައި ހޯދިފައި އެބަހުއްޓެވެ. ބައެއް މީހުންނަކީ ނޭނގި ނަމަވެސް އެ މީހުންނަށް ގޯސް މީހުން ބައިވެރިންގެ ގޮތުގައި އިޚުތިޔާރު ކުރުމުގެ އާދަ އަށަގަނެފައިވާ ބައެކެވެ.

ފަހަރުގައި ގޯސް ބައިވެރިން އިޚުތިޔާރުވާ ސަބަބަކީ އަމިއްލަ މީހާ ކަމަށް ވެސް ވެދާނެއެވެ. ވަރަށް ގިނަ ފަހަރު ލޯބީގެ ގޮތުން މީހަކާއި ގުޅުމުގެ ކުރިން އޭނާގެ ހުންނަ އުނި ސިފަތައް ބަދަލު ކުރެވިދާނެ ކަމަށް ޤަބޫލު ކުރެވެއެވެ. އެކަމަކު މިއީ ވަރަށް މަދަކުން ނޫނީ ނުވާނެ ކަމެކެވެ.

މީހަކު ބަދަލުވެދާނެ ކަމަށް މީހެއްދެކެ ލޯބިވުން އެއީ ގޯސްކޮށް ކުރެވޭ ކަމެކެވެ. އަނެއް ކަމަކީ މާ އަވަހަށް ލޯބިވުމެވެ. ކިރިޔާ މީހަކު ރީތިކޮށް ވާހަކަދައްކާލާ އިރަށް ނޫނީ ކިޔާ މީހަކު ހެޔޮބަހެއް ބުނެލާ އިރަށް އެ މީހަކާއި މެދު ގަޔާވެވޭނަމަ އެއީ ގޯހެކެވެ. ފަހަރުގައި މިހެން ވަނީ ތިމާ އެދޭ ވަރަށް އެހެން މީހުންގެ ފަރާތުން އަޅާލުމާއި ސަމާލުކަން ނުލިބޭތީކަމަށް ވެދާނެއެވެ. އެއީ ކުޑަ އިރުއްސުރެ ބޭނުންވި އަޅާލުން ނުލިބުމުންވާ ގޮތަކަށްވެސް ވެދާނެއެވެ.

އަދި މިއީ އާއިލާ ތެރެއިން ހަގީގީ ލޯބި ނުލިބުމުން ވާގޮތަކަށް ވެސް ވެދާނެއެވެ. ޒުވާބު ކުރުމާއި ހަޅޭކުގެ ތެރެއަށް ބޮޑުވާ ނަމަ އެއީ މާބޮޑު މައްސަަލައެއް ކަމަށް ނުވިސްނިދާނެއެވެ.

އެހެންވީމަ ތިމާގެ އަގު ތިމާ ކަނޑައަޅާށެވެ. ކިރިޔާ ހެޔޮކަމެއް ކޮށްދީގެން ތިމާގެ ލޯބި ލިބިދާނެ ކަމަށް އެހެން މީހުންނަށް ޤަބޫލުކުރަން ފުރުސަތު ނުދޭށެވެ. އެއަށް ވުރެ ހަންބޯވާށެވެ. އެކުވެރިވެ އެ މީހަކާއި ވާހަކަދައްކަން ވަގުތު ހޭދަކުރާށެވެ. އޭރުން ފުރަތަމަ ކޮޅު ނުފެންނަ ގޯސް ސިފަތައް ވެސް ފާހަގަ ވާނެއެވެ.

އަދި ތިމާއަކީ ހިތްހެޔޮ މީހެއް ނަމަ ގޯސް މީހުންނަށް ހިތްދެވުމަކީ ތޮބީއީކަމެކެވެ. ސަބަބަކީ އަޅާލުން ނުލިބިވާ މީހުންނަށް އަޅާލާން މަސައްކަތް ކުރުމުގެ ތެރޭގައި އެ މީހުންނަށް ތިބާގެ ހިތް ދެވޭގޮތްވުމެވެ. އަދި މި ހާލަތުގައި ލޯބިވުމަށް ފަހު އެ މީހަކު ޖެއްސި ހާލެއްގައި ކެތް ކުރުމަކީ ބައެއް ފަހަރު ހޮތްހެޔޮ މީހުންނަށް ނޭނގި ނަމަވެސް ކުރެވެ ކަމެކެވެ.

އެހެންވީމަ އެހެން މީހަކު ތިމާއަށް ވަގުތު ނުދޭވަރަކަށް ވަގުތު ނުދޭށެވެ. އެ މީހަކު ތިމާ އާއި މެދު އަމަލު ކުރާ ގޮތް ދެވަނަ ނަޒަރަކުން އަޅާ ކިޔާށެވެ. ކޮންޓްރޯލްކޮށް އަނިޔާކޮށްފާނެހެން ހީވާކަހަލަ ސިފަތައް ހުރިތޯ ބަލާށެވެ. ޚާއްސަކޮށް ރުޅި އައީމަ ވާހަކަދައްކާ ގޮތް ފާހަގަކުރާށެވެ. މި ކަންކަން ބެލުމަށް ފަހު ގޮތެއް ނިންމާށެވެ.