ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނައުތަކީ ސުރުހީތަކަށް އާ މީހެއް ނޫނެވެ. އޭނާ އަކީ ޖެހިލުމެއް ނެތި މީހުންނާ ދިމާލަށް ބަސް ބުނާ މީހަކަށް ވުމުން އޭނާއަށް އެތައް ބައެއްގެ ލޯބި ލިބޭ އިރު އެކަމުގެ ސަބަބުން އެތައް ބައެއްގެ ފާޑު ކިޔުން ވެސް އަމާޒުވެއެވެ.

އަނެއްކާވެސް މީޑިއާގައި ފެންމަތިިވި ސުރުހީއަކާއެކު ކަންގަނާ ވަނީ ހޫނު ފެނަށް ވެއްޓިފައެވެ. އޭނާ އަށް މިފަހަރު ފާޑުކިޔުން އަމާޒުވީ، އެގްރި-މާކެޓިން ބިލް ފާސްކުރުމުން މުޒާހަރާ ކުރި ދަނޑުވެރިންނަށް ނިސްބަތްކޮށް އޭނާ ދެއްކި ވާހަކަތަކަކުންނެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ބިލަކީ ދަނޑުވެރިންނަށް ފަހި ބިލެއް ކަމަށް ފާހަގަ ކުރައްވައިފައެވެ. އަދި ސަރުކާރުން ދަނޑުވެރިންނަށް ޚިދުމަތް ކުރާނެ ކަމަށާއި އެ މީހުންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައި ދޭނެ ކަމަށް އެމަނިކުފާނުގެ ޓްވީޓެއްގައި ވިދާޅުވިއެވެ.

އެ ޓްވީޓަށް އިޝާރާތްކޮށް ކަންގަނާ ބުނީ ނިދާފައި ތިބި ބަޔަކު ނޫނީ ކުށް ހީއެއްގައި ތިބި ބަޔަކު ހޭލައްވާލެވިދާނެ ކަމަށެވެ. ނަމަވެސް ރަނގަޅުކަމަށް ހެދިގެން އުޅޭ، ލޯމަރާލައިގެން ތިބޭ ބަޔަކާއި މެދު އަމަލު ކުރާނީ ކިހިނެތްތޯ އޭނާ ވަނީ ސުވާލު އުފައްދައިފައެވެ.

އެއީ ލޭއޮހޮރުވާލި ޓެރަރިސްޓުން ކަމަށް ކަންގަނާ ވަނީ ބުނެފައެވެ.

އެ ޓްވީޓް ގިނަ މީހުންނަކަށް ކަމަކު ނުދިޔައެވެ. އަދި ދަނޑުވެރިންނަށް ނިސްބަތްކޮށް ޓެރަރިސްޓުންކަމަށް ބުނެފައިވާ ކަމަށް ތުހުމަތުކޮށް ކަންގަނާއަށް އެތައް ބަޔަކު ވަނީ ނުރުހުމުގެ މެސެޖުތައް ރައްދުކޮށްފައެވެ.

ފާޑުކިޔުންތަކަށް ފަހު ކަންގަނާ ވަނީ އޭނާ ޓެރަރިސްޓުންނޭ ބުނީ ދަނޑުވެރިންނަށް އަމާޒުކޮށް ނޫން ކަމަށާއި އެއީ އޭނާ ދެއްކި ވާހަކަ އޮޅުވާލުން ކަމަށް ބުނެފައެވެ.

އަދި ދަނޑުވެރިންނަށް ނިސްބަތްކޮށް އޭނާ އެހެން ބުނިކަން ސާބިތުކޮށްދީފި ނަމަ މައާފަށް އެދޭނެކަމަށް ވެސް ކަންގަނާ ވަނީ ބުނެފައެވެ.

ކަންގަނާގެ މެސެޖަކީ ވަށްބަހުން، މާނަ ފުންކޮށް ލިޔުނު މެސެޖަކަށް ވުމުން ކަންގަނާ ޓެރަރިސްޓުންނޭ ބުނީ ދަނޑުވެރިންނަށް ނިސްބަތްކޮށް ކަމެއް ނޫނީ ސިޔާސީ މީހުންނަށް ކަމެއް ސާފެއް ނުވެއެވެ.

ކަންގަނާއަކީ ސިޔާސީ ކަންކަމަށް ވަރަށް ގިނައިން ހޫނުފެނަށް ވެއްޓޭ ތަރިއެކެވެ. ނަމަވެސް އޭނާ އަކީ ޚީޔާލު ފާޅުކުރަން ފަސްޖެހޭ މީހެއް ނޫނެވެ.