އިންޑިއާގައި ރޭޕްގެ ޝިކާރައަކަށްވި އަންހެން ކުއްޖަކު ބިހާރްގެ ޕޮލިސް ސްޓޭޝަން ތެރޭގައި ވިހައިފިއެވެ.

ސީނިއާ ފުލުހުންގެ އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، 16 އަހަރުގެ އެ އަންހެން ކުއްޖާ ފުލުހަށް ދިޔައީ، އޭނާ ރޭޕް ކުރި މައްސަލާގައި ވިލޭޖް ކޯޓު މެދުވެރިކޮށްވެސް އިންސާފު ނުލިބިގެން އެ މައްސަލަ ހުށަހެޅުމަށެވެ.

އެ ކުއްޖާ ވިހެއި މަންޒަރު ފެނުނު މީހާއަކާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، ކިޝަންގަންޖް ޑިސްޓްރިކްޓުގައި ހުންނަ ފުލުހުންގެ އޮފީހަށް އެ އަންހެން ކުއްޖާ ދިޔައީ ހަވީރުގެ ވަގުތެއްގައި ކަމަށާއި، އެ ކުއްޖާ އެތަނަށް ގޮސް އެ ވާހަކަ ކިޔާދޭން އުޅުމުގެ ތެރޭގައި ކުއްލިއަކަށް ބަނޑުގައި ރިއްސައިގަތް ކަމަށެވެ. އަދި އޭނާ އެތަނަށް ވިހާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ނޫސްތައް ބުނާގޮތުގައި، އެ ކުއްޖާ ވިހަން އުޅޭކަން އެނގުމުން އަންހެން ފުލުހުން ވަނީ އެހީތެރިވެދީފައެވެ. އެގޮތުން އެ މަންޒަރު އެހެން މީހުންނަށް ނުދެއްކުމަށް އެ މީހުންގެ އަންނައުނު ބޭނުންކޮށްފައި ވެއެވެ. އަދި އެ ފުލުހުން އެ ދަރިފުޅުވެސް ބެލެހެއްޓި ކަމަށް ވެއެވެ.

އަދި އެމްބިއުލާންސްއެއް ގެނެސް، އެ ކުއްޖާ ސަރުކާރު ހޮސްޕިޓަލަކަށް ގެންދިޔައެވެ. އެ ކުއްޖާ ބެލި ޑޮކްޓަރުން ބުނީ، ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

އެ ކުއްޖާ ކިޔާދިން މައުލޫމާތުތަކަށް ބިނާކޮށް، ފުލުހުން ވަނީ އެ ކޭސް ރެޖިސްޓަރކޮށްފައެވެ. އަދި އެކަމުގައި ޝާމިލްވާ މީހާ ހައްޔަރު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

"އަހަރެން އޮފީސްގައި ހުއްޓާ ރޭޕްގެ ޝިކާރައަކަށްވި އެ ކުއްޖާ ވިހެއީ، އަހަރެން އޯޑަރު ދިނީ، ވަގުތުން އެކަމުގައި ޝާމިލްވާ މީހާ އަދި އެ މައްސަލަ އޮއްބާލަން މަސައްކަތް ކުރި ލޯކަލް ވިލޭޖް ކޯޓުގެ މެންބަރުންނާއި ދެކޮޅަށް ކޭސްއެއް ރެޖިސްޓަރކުރުމަށް. މިކަމުގައި އެއްވެސް މީހަކަށް ދުލެއް ނުދެވޭނެ". އެ ޑިސްޓްރިކްޓުގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ކުމާރް އަޝިޝް މީޑިއާތަކަށް ބުނެފައި ވެއެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި ހިމެނޭ މީހާގެ އާއިލާ އުޅެނީ ފިލައިގެން ކަމަށެވެ. ނަމަވެސް އެ މީހުން ހޯދާނެ ކަމަށްވެސް ބުނެފައި ވެއެވެ.