ބޮލީވުޑުގެ ''ކިންގު ޚާން'' ޝާހުރުކް ޚާނާއި ގޯރީ ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާންއަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ކުއްޖެކެވެ. އޭނާގެ މޭކަޕް ކުރުމުގެ ހުނަރާއި ތަފާތު ގޮތްގޮތަށް ތަފާތު ހެދުންތައް އަޅައިގެން މޮޑެލްކޮށް ނަގާފައިވާ އެތައް ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށްފައިވެއެވެ. ސުހާނާގެ މި ފޮޓޯތަކަށް ކޮމެންޓް ކުރާ ބައެއް ފަރާތްތަކުން އޭނާއަކީ ކަޅު މީހެއް ކަމަށާއި ހުތުރު މީހެއްކަމަށް ބުނެމުންދެއެވެ.

އުމުރުން 20 އަހަރުގެ، ސުހާނާ އޭނާގެ ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށް ބުނެފައިވަނީ ހަމުގެ ކުލައިގެ ސަބަބުން އޭނާއަކީ ހުތުރު މީހެއް ކަމަށް ބުނެ އޭނާގެ އުމުރުން 12 އަހަރުން ފެށިގެން މީހުން އޭނާއަށް މަލާމާތްކޮށް އެކަމަށް ފާޑުކިޔާކަމަށެވެ. މިކަމަކީ ކަޅު ކޮންމެ އަންހެން ކުއްޖަކަށާއި ފިރިހެން ކުއްޖަކަށް ދިމާވާ ކަމެއްކަމަށް އޭނާ ބުނެފައެވެ. މި ފާޑުކިޔުންތައް ކިޔަނީ އެކި އުމުރު ފުރައިގެ އަންހެނުން އަދި ފިރިހެނުން ވެސް މެއެވެ.

އިންސްޓަގުރާމުގައި ހިއްސާކުރި މި ޕޯސްޓުގައި ބައެއް ފަރާތްތަކުން ކޮށްފައިވާ ކޮމެންޓްތަކުގެ ސްކްރީންޝޮޓް ވެސް ހިމަނައިފައިވެއެވެ.

ކުލައިގެ ތަފާތު ކުރުންތައް ނައްތާލުމާއި ގުޅޭ ގޮތުން އިތުރަށް ސުހާނާ ބުނެފައިވަނީ އިންޑިއާ ގިނަ މީހުންނަކީ ''ބްރޮއުން'' މީހުން ކަމަށެވެ. އަދި ރީތި މީހަކަށްވާނީ އިސްކޮޅުގައި 5 ފޫޓް 7 އިންޗި ހަމަވެ ހަމުގެ ކުލަ އަލިވުމުން ނޫންކަމަށް ސުހާނާ ގަބޫލު ކުރެއެވެ. ސުހާނާގެ އިސްކޮޅުގައި ހުންނަނީ 5 ފޫޓް 3 އިންޗިކަމަށާއި އަދި އޭނާއަކީ ''ބްރޮއުން'' ކުއްޖެއްކަމަށް އޭނާގެ ޕޯސްޓުގައިވެއެވެ. އެއީ އޭނާ އުފާވާ ކަމެއްކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.