ތަފާތު އެކި ކަންކަމުގައި އެހީއަށް އެދި އާދޭސް ކުރާ މީހުން އުޅެ އެވެ. މަގުމަތީގައި ސަލާން ޖަހާ އުޅޭ މީހުންވެސް އެބަތިއްބެވެ. އާއްމުކޮށް މިހެން މަގުމަތިން ދިމާވާ، މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންވެސް ހިމެނެއެވެ. މިފަދަ މީހުންނަށް އެހީއެއް ދޭން އެހެން މީހުން ބޭނުން ނުވަނީވެސް، އެކަމުގެ ނާޖާއިޒް ފައިދާ ނަގާނެތީ އެވެ، އެ މީހުންގެ ތެރެއިން ގިނަ މީހުންނަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންކަމަށްވުމުން، އެމީހުން އެ ފައިސާ ބޭނުން ކުރާނީ އެކަމަށް ކަން ޔަގީންވާތީ އެވެ. އެފަދަ މީހުން މަގުމަތިން ދިމާވާ މީހުން ކައިރީގައި އަދޭސްކޮށްގެން އެކި ކަންކަމުގައި ފައިސާ ހޯދައެވެ.

ކޮވިޑް-19ގެ މި ހާލަތުގައިވެސް މާލޭގައި މިފަދަ އެތައް ބަޔަކު އެބަ ތިއްބެވެ. އެތަން މިތަނަށް ބިއްޖެހި، އެކިއެކި މީހުންގެ ފަހަތުން ދުވަނީ އެވެ. އާދޭސް ކުރަނީ އެވެ. ދޮގުހަދައި،އޮޅުވާލައިގެން ފައިސާ ހޯދަނީ އެވެ.

މިގޮތަށް ދާދީ ފަހުން ދިމާވި ކަމެއްގެ ވާހަކަ ހިއްސާކޮށްފައި މި ވަނީ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ "އެހީ ޖަމިއްޔާ"ގެ ރައީސް އަހުމަދު އިގްބާލް އެވެ.

އިގްބާލް މީސް މީޑިއާގައި ލިޔެފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މާލޭ އައިސް ރަށަށް ނުދެވި ތާށިވެފައި ކާނެގޮތެއްވެސް ނެތިފައިކަމަށް ބުނެ ސަލާންޖަހާ މީހުންނާ މަގުމަތިން ދިމާވާ ކަމަށެވެ. އަދި މިފަދަ ދެ މީހަކާއި މި ފަހުން ދިމާވި ކަމަށާއި، ދެ މީހުންނަށްވެސް ކޮންމެވެސް ގޮތަކަށް ކެއުމުގެ ކަންތައް ހަމަޖައްސާ ދެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިގޮތަށް އިއްޔެ ދިމާވި 56 އަހަރުގެ މީހެއްގެ ވާހަކަ ހިއްސާ ކުރަމުން، އިގްބާލް ވިދާޅުވީ، އެ މީހާގެ ފޯނާއި އަތުގަ ހުރި ފައިސާކޮޅުވެސް ބަޔަކު ވަގަށް ނެގީ އޭނާ ބުނި ކަމަށެވެ.

"އަޅުގަނޑުމެން EHEE ޖަމިއްޔާއިން ކުރަމުން ގެންދާ މައިގަނޑު އެއް މަސައްކަތަކީ ނިކަމެތިން ހޯދާ ޔަގީންކޮށް އެ ބަޔަކަށް ފޯރުކޮށްދެވޭނެ އެހީ އެންމެ ފުރިހަމަކޮށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުން ކަމަށް ވާތީވެ މި މީހާއަށް ވެސް އެގޮތަށް ކަންތައް ކޮށްދިނުމަށް އެހީގެ ޓީމުން މަސައްކަތް ފެއްޓި. ކެއުމުގެ ކަންތަކާއި ރަށަށް ދެވެންދެން ހުންނާނެ ތަނަކާއި ގުޅޭނެ ފޯނެއްވެސް ހަދިޔާކުރަން ނިންމިން". އިގްބާލް ފޭސްބުކްގައި ލިޔުނު ޕޯސްޓުގައި ވެއެވެ.

އިގްބާލް ވިދާޅުވީ، މައުލޫމާތު ސާފުކުރުމަށް ކުރެވުނު ސުވާލުތަކަށް ދެފަހަރު އެއް ޖަވާބެއް އޭނާއަށް ދެވޭނެ ގޮތް ނުވި ކަމަށެވެ. އަދި އިތުރަށް މަޢުލޫމާތު ބެލުމުން ސާފުވީ އެ މީހުން ކައިރީ ދެއްކި ވާހަކަތަކަކީ އޭގައި އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އިގްބާލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި،އެ މީހާއަށް ނަސޭހަތް ދެވުނެވެ. އަދި މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް ވެސް އިލްތިމާސްކޮށްފައި ވާނެ އެވެ.

"މި ވާހަކަ ހިއްސާކޮށްލަން މި ޖެހުނީ މިގޮތަށް ސަލާންޖަހާ މީހުންގެ ތެރެއިން ބައެއް މީހުންނަކީ މަސްތުވާތަކެތި ބޭނުން ކުރުމަށް ފައިސާ ހޯދުމުގެ ގޮތުން އެގޮތަށް އެކި ފާޑުގެ ހިތާމަވެރި ވާހަކަ ކިޔައިދީ ފައިސާ ހޯދުމަށް މަސައްކަތް ކުރާ ބަޔަކަށް ވާތީ". އޭނާ ކުރި ޕޯސްޓުގައި ވެއެވެ.

އިގްބާލް ވަނީ އެހީއަށް އެދި އެހީ ޖަމިއްޔާގެ ހޮޓްލައިން 7803433 އަށް ގުޅާލެވޭނެ ކަމަށެވެ. އަޅުގަނޑުމެން ހާލުގައި ޖެހިފައިވާ ފަރާތްތަކަަށް އެހީ ފޯރުކޮށްދެވޭނެ ކަމަށްވެސް އިގްބާލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ރީނދޫ މީހުންގެ ވެރިކަމެއްގައި ވެސް ސަލާންޖަހާ މީހުންއުޅޭތަ ؟ ހާދަގަބޫލުކުރަންދަތި ވާހަކައެކޭތީ ހަސަންލަތީފުގެ ނޫ އިގުތިސޯދު އުތުރިއަރާއިރު މީހުން ނިކަމެތިވެ ފަގީރުވެ އަނގަޔާ އަތާދިމާނުވެ ސަލާން ޖަހާތަ ؟ ދިވެހިން ހައްގުވާ މިންވަރުދޭން އިބޫ ވެރިކަމަށް އައީ ބުހުތާން ދޮގުވާހަކަ ނުދައްކާ ....