އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝިރަންއަކީ ގިނަބަޔަކު ސަޕޯޓުކުރާ އެއް ފަންނާނަށްވާއިރު އޭނާގެ ލަވަތަކަކީ ދުނިޔޭގެ އެކި ހިސާބުތަކުގައިވެސް ޖަހާ ރީތި ލަވަތަކެކެވެ. ގިނަ ބައެއްގެ ސަޕޯޓު އަބަދުވެސް އެޑް ޝިރަން އަށް ލިބޭއިރު ފާއިތުވި އޭނާ މިވަނީ އަހަރުގެ ކޮންމެ ދުވަހަކަށް ލައްކައެއްހާ ޕައުންޑުގެ ފައިދާއެއް ހޯދާފަ އެވެ. އެގޮތުން ފާއިތުވި އަހަރު ޖުމްލަ 36 މިލިއަން ޕައުންޑު އޭނާއަށް ވަނީ ލިބިފަ އެވެ.

ލިބުނު ބޮޑު ކުރިއެރުމާއި އެކު އެޑް ޝިރަން ވެގެންދާނީ ދުނިޔޭގެ ސޮލޯ އާޓިސްޓުންގެ ތެރެއިން ތިންވަނައަށް އެންމެ މުއްސަންދި މީހާއަށެވެ. ދުނިޔޭގައި މިހާރު އެންމެ މުއްސަންދި ސޮލޯ އާޓިސްޓުންނަކީ ޓެއިލާ ސްވިފްޓާއި ކެންޔޭ ވެސްޓެވެ.

ބުދަ ދުވަހު އެޑް ޝިރެންގެ ކުންފުނި އެޑް ޝިރެން ލިމިޓެޑުން ނެރުނު ފާއިތުވި އަހަރު އެ ކުންފުންޏަށް ލިބުނު ޢާމްދަނީގެ ރިޕޯޓު ދައްކާ ގޮތުން އެ އަހަރު އެ ކުންފުންޏަށް ޖުމްލަ 36,456,811 ޕައުންޑު ލިބިފައި ވެއެވެ. އެއީ ދުވާލެއްގެ މައްޗަށް ބަލާއިރު 99،881 ޕައުންޑެވެ.

29 އަހަރުގެ ޝިރެންގެ މިލްކިއްޔާތުގައި މިހާރު 200 މިލިއަން ޕައުންޑު ހުރި އިރު އޭނާ އަކީ އިނގިރޭސިވިލާތުގައި 30 އަހަރުން ދަށުގެ އާޓިސްޓުންގެ ތެރެއިން އެންމެ މުއްސަންދި އާޓިސްޓެވެ. 2017 ވަނަ އަހަރުން ފެށިގެން ލަވަލިޔައިގެން އަދި ލަވަ ކިޔައިގެން އެޑް ޝިރެން ވަނީ 87 މިލިއަން ޕައުންޑުގެ ފައިދާއެއް ހޯދާފައެވެ. އަދި ފާއިތުވި އަހަރު އެކަނިވެސް އޭނާ ވަނީ 6,931,700 ޕައުންޑު ޓެކުސް ގެ ގޮތުގައި ދައްކާފަ އެވެ.

އެޑް ޝިރެންގެ 150 މިލިއަން އަލްބަން ދުނިޔޭގެ އެކި ހިސާބުތަކުގައި ވިކިފައިވާއިރު އޭނާގެ މިލްކިއްޔާތުގައި 27 ފްލެޓު، ގެތައް، މެންޝަންތައް އަދި 16 އެކްޓަރުގެ ބިމެއް އެބަ އޮތެވެ. އޭނާގެ ވަރަށް ގިނަ ފޭނުން ރާއްޖޭގައި ތިބިކަންވެސް މީސްމީޑިޔާއަތް ބަލާލުމުން އެނގިގެން ދެއެވެ.