ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ މަގްބޫލު ހިޓް "ތިންކިން އައުޓް ލައުޑް" އަކީ ކުރީގެ ލަވަކިޔުންތެރިޔާ މާވިން ގޭގެ "ލެޓްސް ގެޓް އިޓް އޮން" ގެ ކޮޕީއެއް ކަމަށް ބުނެ ކޮށްފައިވާ ދައުވާ އެޑް ޝީރަންގެ ކޮޅަށް ނިމިއްޖެއެވެ.

މާވިންއާ އެކު "ލެޓްސް ގެޓް އިޓް އޮން" ލަވަ ލިޔުނު އެޑް ޓޯސެންޑުގެ ދަރިން ބުނާ ގޮތުގައި، ޝީރަން ވަނީ އެ ލަވައިން ބައެއް ކޮޕީކޮށްފަ އެވެ. އެޑް ޝީރަން އެކަމަށް އިންކާރުކޮށް ކޯޓުގައި ބުނީ، އޭނާގެ ލަވަތައް ލިޔަނީ ދިރިއުޅުމާއި އާއިލާގެ ވަރަށް ގިނަކަންކަމުން އިންސްޕަޔާވެގެން ކަމަށެވެ.

އެޑް ޝީރަން ޝަރީއަތުގައި ބުނި ގޮތުގައި "ތިންކިން އައުޓް ލައުޑް" ލިޔެފައިވަނީ 2014 ވަނަ އަހަރު އިނގިރޭސިވިލާތުގައި ހުރި އޭނާގެ ގޭގައި އިނދެ އެކުވެރި އޭމީ ވެޖްއާ އެކު ކަމަށެވެ.

ގްރެމީ އެވޯޑް ވެސް ހޯދާފައިވާ ލަވައަކީ އެޑް ޝީރަން ކޮޕީ ކޮށްފައިވާ ލަވައެއް ނޫން ކަމަށް ހުކުމް ކުރުމުން ކޯޓުގެ ބޭރުގައި ނޫސްވެރިންނާއި ބައްދަލުކޮށް އެޑް ޝީރަން ބުނީ ވަރަށް ކަންބޮޑުވުމާއި ހާސްކަން ކުރިމަތިވި ދުވަސްތަކަކަށް ފަހު އޭނާ އަށް އާދަޔާއި ހިލާފު އުފަލެއް ލިބިފައިވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި ކޯޓުގެ ނިންމުމަކީ މިނިވަންކަމާއިއެކު ލަވަ ލިޔާ މީހުންނަށް ވެސް ލިބުނު ކާމިޔާބެކެވެ.

މިއީ އެޑް ޝީރަން ކާމިޔާބު ކުރި ކޮޕީ ރައިޓްގެ ދެވަނަ މައްސަލަ އެވެ. 2017 ވަނަ އަހަރު ނެރުނު އޭނާގެ ލަވަ ޝޭޕް އޮފް ޔޫގެ މައްސަލައެއް ވެސް 2022 ވަނަ އަހަރު ވަނީ އެޑް ޝީރަން އާއި އެއްކޮޅަށް ނިމިފައެވެ.

ފަހަކަށް އައިސް ލަވަތަކުގެ ކޮޕީ ރައިޓް މައްސަލަތަކުގައި ދައުވާ ކުރުން އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.