ސުޝާންތު ސިންގ ރާޖުޕޫތަކީ ޓެލެވިޜަން އިންޑަސްޓްރީއާއި ފިލުމު އިންޑަސްޓްރީގައި ވެސް އެތައް ކާމިޔާބެއް ހޯދައި، އެތައް ބައެއްގެ ލޯބި ހޯދައިފައިވާ ފަންނާނެކެވެ.

ޖޫން 14 ވަނަ ދުވަހު ސުޝާންތު ދަންޖެހިގެން މަރުވެފައި އޮއްވާ ފެނުމުން އޭނާގެ އާއިލާއިން ވަނީ އެކަން ދޮގުކޮށް ބަޔަކު އޭނާ މަރައިލީކަމަށް ތުހުމަތުކޮށްފައެވެ. މި މައްސަލައާއި ގުޅިގެން ސީބީއައިއިން ދަނީ ތަހުގީގުތައް ކުރަމުންނެވެ.

އެތައް ދުވަހެއްގެ ތަހުގީގުތަކަކަށްފަހުއޯލް އިންޑިޔާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސްގެ ޑރ. ސުދީރު ގުޕްތާ ބުނެފައިވަނީ ސުޝާންތު މަރުވެފައިވަނީ ދަންޖެހިގެން ކަމަށެވެ. އޭއައިއައިއެމްއެސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަންޖެހުމުން ލިބުނު އަނިޔާއެއް ފިޔަވައި އިތުރު އަނިޔާއެއް ސުޝާންތުގެ ހަށިގަނޑުން ފެންނަން ނެތްކަމަށާއި އެހެން މީހަކު އޭނާ މަރައިލިކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ.

މި ބަޔާން ނެރެފައިވަނިކޮށް ޑރ. ގުޕްތާގެ އޯޑިއޯއެއް މިހާރު ވަނީ ލީކުވެފައެވެ. އެ އޯޑިއޯގައި ޑރ. ގުޕްތާ ބުނެފައިވަނީ ސުޝާންތު މަރުވެފައިވަނީ ދަންޖެހިގެން ނޫންކަމަށާއި އޭނާ ވަނީ މަރައިލާފައިކަމަށެވެ.

މި އޯޑިއޯ ލީކުވުމާއި ގުޅިގެން ސުޝާންތުގެ އާއިލާއާއި ވަކީލު ވިކާސް ސިންގ ބުނެފައިވަނީ އޭއައިއައިއެމްއެސްގެ ރިޕޯޓާއި މެދު ހިތްހަމަ ނުޖެހޭކަމަށާއި އައު ފޮރެންސިކް ޓީމަކުން އަނެއްކާ ވެސް ތަހުގީގު ކުރިއަށް ގެންދިޔުމަށް ސީބީއައިގެ ޑައިރެކްޓަރއަށް ހުށަހަޅާނެ ކަމަށެވެ.

އިތުރަށް ވިކާސް ބުނެފައިވަނީ އޭއައިއައިއެމްއެސްއިން ހުށަހެޅި ފައިނަލް ރިޕޯޓުގައި ސުޝާންތު މަރުވި ވަގުތު ވެސް ނުވާކަމަށާއި އެފަދަ ރިޕޯޓަކަށް ބަލައި އެންމެ ފަހުގެ ނިންމުން ނުނިންމޭނެކަމަށެވެ.

ވިކާޝް އެެންމެ ފަހުން ބުނެފައިވަނީ މިހާރު އޭނާގެ ފޯނު ކޯލަށް ޑރ. ގުޕްތާ ޖަވާބު ވެސް ނުދޭ ކަމަށެވެ.