ދުނިޔޭގެ އެންމެ މަޝްހޫރު އެއް މޭކަޕް ކުންފުނީގެ ވެރިޔާ ކައިލީ ޖެނާ އޭނާގެ ދައްތަ ކެންޑަލް ޖެނާ އާއި ދެމެދު ޖެހުނު ދެބަސްވުމެއްގައި ތަޅާފޮޅެގެންފި އެވެ. ކީޕިން އަޕް ވިތްދި ކާޑޭޝިއަންގައި މިދެމީހުން ތަޅާފޮޅެގެންފައިވާއިރު ކިމް ކާޑޭޝިއަން ވަނީ އެކަން ހުއްޓުވަން ސެކިޔުރިޓީއަށް ގުޅާފަ އެވެ.

ބޭރުގެ ނޫސްތަކުން ޚަބަރުފަތުރާ ގޮތުގައި ކައިލީ އާއި ކެންޑަލް ޖެނާ ހަމަނުޖެހުން ހިންގަން މެދުވެރިވީ ކެލެފޯނިޔާގެ ޕާމް ސްޕްރިންއަށް އާއިލާއާއި އެކު ދިޔަ ދަތުރެއްގައި ކެންޑަލްގެ ހެދުން އޭނާއަށް ނާންގާ ކައިލީ ނެގުމުންނެވެ. 24 އަހަރުގެ ކެންޑަލް ވަނީ 23 އަހަރުގެ ކައިލީ އާއި އެމީހުންގެ މަންމަގެ ލޯބިވެރިޔާ 39 އަހަރުގެ ކޮރޭ ގަމްބަލްއާއި ދިމާއަށް ހުތުރު ބަސްތައްވެސް ބޭނުން ކޮށްފައެވެ. އެމީހުން މި ހަމަނުޖެހުން ހިންގިއިރު އެމީހުން ދިޔައީ އެއް ކާރެއްގައި އެވެ.

ކެންޑަލް ގައިގައި ކައިލީ އޭނާގެ ފައިވާނުން ޖެހި ކަމަށް 39 އަހަރުގެ ކްލޯއީ ކާޑޭޝިއަން ބުނެފައިވާއިރު އެ ގަޑީގައި ކްލޯއީ ދިޔައީ ކްރިސް ޖެނާ އާއި ކޯޓްނީ އަދި ކިމް އާއި އެކީގަ އެވެ. ހަމަނުޖެހުމަށްފަހު ކެންޑަލް ވަނީ އެމީހުން ދަތުރުކުރަމުން ދިޔަ ކާރުން ނިކުމެގެން ގޮސްފަ އެވެ. ކެންޑަލް ނިކުމެދަމުން ބުނީ އޭނާ ދުވަހަކުވެސް ކައިލީއާއި ވާހަކަ ނުދައްކާނޭ ކަމަށެވެ.

ކައިލީއާއި ކެންޑަލް ތަޅާފޮޅައިގެންފައިވާއިރު މިއީ އެ އާއިލާގައި އާ ކަމެއް ނޫންކަމަށް އެމީހުންގެ ސީރީސްތައް ބަލާ ފަރާތްތަކުން ބުނެ އެވެ. ކީޕިންގ އަޕް ވިތް ދި ކާޑޭޝިއަން އަކީ ކާޑޭޝިޔަން އާއިލާގައި ހިންގާ ކަންކަމަށް އުފައްދާފައިވާ ސިލްސިލާ އެކެވެ.

ކީޕިންގް އަޕް ވިތް ދަ ކާޑޭޝިއަން ސިލްސިލާ ގެނެސްދޭތާ 14 އަހަރުވެފައިވާއިރު މިދިޔަ ސެޕްޓެމްބަރުމަގެ ކުރީކޮޅު އެ ސިލްސިލާ ހުއްޓާލަން އުޅޭ ކަން ވަނީ ހާމަކޮށްފަ އެވެ. މިހާތަނަށް އެ ސިލްސިލާގެ 20 ސީޒަން ގެނެސްދީފައިވާއިރު 100 އަށްވުރެ ގިނަ އެޕިސޯޑް ވަނީ ގެނެސްދީފަ އެވެ. މި ސިލްސިލާ އެންމެ ފުރަތަމަ ދައްކަން ފަށާފައި ވަނީ 2007 ވަނަ އަހަރުގަ އެވެ.