އެއީ މީގެ އަހަރެއްހާ ދުވަސް ކުރިއެވެ. އަހަރެންނާއި އަހަރެންގެ ދެބެންގެ ދެދަރި ހާމިދަކީ ކުޑައިރުއްސުރެން ފެށިގެންވެސް ޓެނިސް ކުޅުމަށް ވަރަށް ފޯރިހުންނަ ދެމީހުންނެވެ. ކިޔެވިއިރު ސުކޫލް ނިންމާފައި ގެއަށް އައިސް ހަވީރު އަތަށް އެޅުމުން ރައްޓެހި އެހެން ކުދިން ފުޓްބޯޅާ ކުޅެން ދިޔަޔަސް އަހަރެމެން ދެމީހުން އަބަދުވެސް ދަނީ ޓެނިސްކުޅޭށެވެ. އަހަރެމެން ދެމީހުން ކިޔަވައި ނިމިގެން އިތުރަށް ކިޔެވުމަށް މާލެއައީ ދެމީހުން އެއްކޮށެވެ. ހާމިދުގެ މަންމަވެސް އެފަހަރު މާލެ އެއްކޮށް ބަދަލުވުމުން އަހަރެންނާއި ހާމިދު ކުލި ބަހާލައިގެން ތަނެއް ކުއްޔަށް ހިފައި އުޅެން ފެށީމެވެ. ކިޔަވަން ދާން ހަމަޖެހުނީ ވިލާކޮލެޖުން ކަމުން ކޮލެޖަށްދާން އެހާ ދުރަކަށް ހިގާކަށް ނުޖެހުނެވެ. ހެންވޭރު އަމީނީމަގުން ގެއެއް ލިބިފައިވުމުން އެތަން ކޮލެޖާ ކައިރިއެވެ. ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު ކޮލެޖް ނިންމާފައި އަހަރެމެން ގެއަށް ގޮސް އެއްޗެހި ބަދަލުކޮށްގެން ދަނީ ޓެނިސް ކުޅޭށެވެ.

މިހެން އުޅެނިކޮށް އަހަރެންގެ ބައްޕަގެ އެދުމުގެ މަތިން ޗުއްޓީ ހޭދަކޮށްލަން ކައިރި މެލޭޝިއާއަށް ދާން ޖެހުނެވެ. އެދަތުރުގައި އަހަރެންގެ އެދުމުގެ މަތިން ހާމިދުވެސް ބައިވެރިކުރެވުނެވެ. ބައްޕަ ޑޮކްޓަރަށް ދައްކާލާފައި އަންނަ އިރު އަހަރެންނާއި ހާމިދުގެވެސް ބޮޑީ ޗެކްއަޕްއެއް ހަދާލުމަށް ބޭނުންވާތީއެވެ. މެލޭޝިއާއަށް ގޮސް އަހަރެމެން ނެގި އެޕާޓްމަންޓުގެ ކުރިމައްޗަށްވާގޮތަށް އޮންނަ ޓެނިސް ކޯޓުފެނި އަހަރެންނާއި ހާމިދުގެ އުފާވެރިކަން ދެގުނަ އިތުރުވިއެވެ. އެކޮޅަށްގޮސް އެންމެ ފުރަތަމަވެސް ޓެނިސްކުޅެން ބޭނުންވާ ރެކެޓްއާއި ބޯޅަ ގަނެގެން އަހަރެމެން ތައްޔާރުވީ ލިބޭ ހުސްވަގުތުގައި އެކަން ކުރުމަށެވެ.

އެއްދުވަހެއްގެ ހަވީރެވެ. ބައްޕަގެ ޓެސްޓުތައް ހައްދައި ނިމުމުން އަހަރެމެން ގެއަށް އައީމެވެ. ޓެސްޓު ނަތީޖާ ލިބެނީ ރޭގަނޑުކަމުން ބައްޕައާއި ބައްޕަގެ އެހެން ރައްޓެއްސެއް އެރިޕޯޓުތައް ނަގަން ދާނެކަމަށް ބުނެފައި އޮތުމުން އަހަރެންނާއި ހާމިދު ތިބީ ބައްޕަމެން ދާނެ އިރަކަށް އިންތިޒާރުކޮށްގެންނެވެ. މިހެން ތިއްބައި ބައްޕަގެ ރައްޓެހި އާފިރު އައެވެ. ހޮސްޕިޓަލަށްދާން އަދިވެސް ވަގުތު އޮތުމުން އަހަރެމެން ހަތަރު މީހުން އެއްކޮށް ނުކުތީ ބޭރަށެވެ.

"އާފިރުބޭ. މިކޯޓަށް އެއްވެސް ބަޔަކު ކުޅެން ނާންނަތީތަ؟ ކައިރިގެތަކުގަވެސް ޓެނިސްކުޅޭ މީހުން ނޫޅެނީ؟" ހާމިދު ސުވާލުކޮށްލީ ކައިރިން ފެންނަމުންދާ ކޯޓު އާފިރަށް ދައްކާލަމުންނެވެ.

"އާ. މީހުންނެއް ނާންނާނެނު. މިތަންދެކެ އެންމެންވެސް ބިރުގަންނާނެ. ތިދެކުދިންވެސް އެކަނި އައިސް ނޫޅެއްޗޭ މިތަނަށް" އާފިރު ބުނެލިއެވެ.

"އެއީ. މިތަނަށް ކިހިނެއްވީ؟ އަހަރެންގެ ބައްޕަ ސުވާލުކޮށްލިއެވެ.

"އެއީ ވަރަށްކުރީގައި ވިކަމެއް. މިހިސާބުގަނޑުގައި ހުންނަ ގެއެއްގެ އޭރު އުޅުނިއްޔޯ ދެ ފިރިހެން ކުދިން. އެކުދިން ވަރަށް ފޯރިހުރެޔޯ ޓެނިސްކުޅެން. އެކަމަކު އެކުދިންގެ މައިންބަފައިން އެއްވެސް ވަރަކަށް ނުރުހުނޯ ކުޅިވަރުތަކާއިގެން އެކުދިން އުޅެން. އެކުދިންގެ ނުގަބޫލުގައި އުޅުނީ ޑޮކްޓަރީކަން ކިޔަވައިދޭންށޯ. އެހެންވެގެން އެކަމުގައި އުޅެ އުޅެފައި އެންމެ ފަހުން މި ކޯޓުގަޔޯ އެދެކުދިން އަމިއްލަޔަށް މަރުވީ. މަރުވިގޮތެއް ނޭނގޭ. ކޮންމެވެސް ދިމާލެއްގައި ދަންޖެހިފަޔޯ ތިބީ. އޭގެ ފަހުން ވަރަށްފަހުންވެސް މިކޯޓަށް ކުޅެން އައި ކުދިބަޔަކަށް އެކުދިން ފެނިގެން އެފަހުން ނާދޭ އެއްވެސް ބައެއް. އަހަރެންނެއް ނުދެކެން އެކަމަކު. ދެން ނޭނގޭދޯ. އެހެން ފެނިފަ ހުރިއްޔާ އަންނާކަށް ނުވާނެތާ" އާފިރު ކިޔައިދިނެވެ.

"އާ. ފެނިއްޖިއްޔާ އަންނަން ރަނގަޅެއްނޫން. ދެން މިތިބީ ހަމަ އޭގެ ދެމީހުން. ޓެނިސް ވެއްޖިއްޔާ ހަމަ މަރު. ނާންނައްޗޭ މިތަނަށް އިނގޭ" ބައްޕަ އަހަރެންނަށާއި ހާމިދާ ދިމާލަށް ބަލާލަމުން ބުންޏެވެ. އަހަރެން ކުޑަކޮށް ބިރުގަތް ނަމަވެސް އެކަމަކަށް މާބޮޑު ސަމާލުކަމެއްނުދެމެވެ. ވަގުތު ކައިރިވުމުން ބައްޕައާއި އާފިރުބެ ކާރަކަށް އަރައިގެން ހޮސްޕިޓަލާ ދިމާލަށް މިސްރާބުޖަހައިފިއެވެ. އަހަރެންނާއި ހާމިދު ތިބީ ކޮޓަރީގައެވެ. ތިބެފައި ނުކުމެލީ ޓެނިސްކޯޓު ކައިރީގައި ހުންނަ ބެންޗަކާ ދިމާލަށް ދިއުމަށެވެ. އެތަނުގައި އާންމުކޮށް މީހުން ގޮސް އުޅޭނީ އެހިސާބުގައި ހުންނަ ކުޑަ ގާޑިޔަލަކުން މާމީރު ކުކުޅެއް ވިއްކަން ހުންނާތީއެވެ. އެއީ ޓެނިސް ކޯޓާއި ޖެހިގެން ހުންނަ ޕާކެއް ކަހަލަ ތަނެކެވެ. އެތަނުގެ އެކި ދިމަ ދިމާލުގައި ބެންޗުތައް ޖަހާފައި ހުންނަ އިރު ޓެނިސްކޯޓު ކައިރިއަށްވާގޮތަށް ވަކިންވެސް ބެންޗެއް އިނދެއެވެ.

އަހަރެމެން ހިނގާފައިގޮސް ތެލުލި ކުކުޅު ފައިކޮޅެއް ގަނެލައިގެން ގޮސް ޖައްސާލީ އަހަރެމެން ތިބީ ޕާކާއި ޓެނިސްކޯޓު ވަކިކުރަން ހުންނަ މަގު ހުރަސްކޮށް ކޯޓު ކައިރީގައި ހުރި ބެންޗެއްގައެވެ. ކަމުން ދިޔަވަރަކަށް އަހަރެމެންގެ ލޯ ކޯޓުގެ ތެރެއަށް ދަތުރުކުރަމުން ދިޔައެވެ. ބައްޕަމެން ދެއްކި ވާހަކައިގެ ގޮތުން ކުޅެން އަންނަން ޖެހިލުންވެފައި ތިބުމުން އަހަރެމެން ނިންމީ އެރޭގައި ކުޅެން ނުދިޔުމަށެވެ.

ކުޑައިރުކޮޅެއް ފަހެވެ. ދެމީހުން އެކި ވާހަކައިގައި ތިއްބާ ބަޔެއްގެ ހިލަން ކޯޓުތެރެއިން ވާންފެށިއެވެ. މިވާގޮތް ބެލުމަށް އަހަރެންނާއި ހާމިދު އެދިމާލަށް ބަލަން ފެށީމެވެ. އޭރު ޕާކަށް އައިސްތިބީ ވަރަށް މަދުބައެކެވެ. ރޭގަނޑުގެ އެގަޑިކަމުން ކަމަށްވެސް ވެދާނެއެވެ. އަހަރެމެން ތިބި ސަރަހައްދުގައި އިތުރު އެއްވެސް ބައެއް ނޫޅެއެވެ. ކުކުޅު ވިއްކާ ގާޑިޔާވެސް ހުންނަނީ ޕާކުގެ މެދަކަށްވާގޮތަށް ކަމުން އެތަންވެސް މިހިސާބާއި ކުޑަކޮށް ދުރެވެ. އަހަރެމެން ދެމީހުންނަށްވެސް ފެނުނީ އަހަރެމެންގެ އުމުރުގެ ދެކުދިންނެވެ. އެކުދިން ފެނުމުން އަހަރެމެން ހީކުރީ އަހަރެމެން ފަދައިން ޓެނިސްކުޅޭ ހިތުން އައިސް އުޅޭ ބަޔަކު ކަމަށެވެ. އެކުދިން ފެނުމުން އަހަރެމެން ވަރަށް އުފާވިއެވެ. އާފިރުބެ ދެއްކީ ހުސް ބޯގޯސް ވާހަކަތަކެއްނޫންހޭ ކިޔައި އަހަރެމެން ކާންގެނައި އެއްޗެހި އަވަހަށް ކާންފެށީ އެކުދިން ކުޅޭތަން ބަލަން ދިއުމަށްޓަކައެވެ.

ކާންތިބިއިރު އެދެކުދިން ކުޅޭތަން ތަންކޮޅެއް ދުރުން ނަމަވެސް އަހަރެމެންނަށް ފެނެއެވެ. ބަލާ ބެލުމަށް ދެކުދިންނަކީވެސް ވަރަށް މޮޅު ދެކުދިންނެވެ. ދާހިއްލުމުން ގޮސް ބައެއް ފަހަރު ފެންބޯން އުޅޭ ގަޑީގައި އަހަރެމެންނާ ދިމާލަށް ބަލާހެންވެސް ހީވެއެވެ. ކޮންމެއަކަސް ކައި ނިންމާލާފައި ގެނައި ފެންފުޅިން އަތް ދޮވެގެން އަހަރެންނާއި ހާމިދު ކޯޓުތެރެއަށް ވަންނަން ހިގައިގަތީމެވެ. އެދެކުދިންނާއި ނުހަނު ކައިރިއަށް އާދެވުނު ފަހުން އަހަރެންނާއި ހާމިދު އުފަލުން ހީލުމަށްފަހު ދެމީހުން އެކަކު އަނެކަކު ދިމާލަށް ބަލާލުމަށްފަހު ކުރިމައްޗަށް ބެލި އިރު އަހަރެންނަށް ތިބެވުނީ ހުސް ކޯޓެއްގެ ތެރޭގައެވެ. ދެންމެ ކުޅެން ތިބި އެއްވެސް ކުއްޖެއްގެ ހިލަމެއްވެސް ނުވެއެވެ. އަހަރެމެން ވަށައިގެން މުޅި ކޯޓަށް ބެލިއިރުވެސް ހަމަ އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭރު އާފިރުބެ ދެއްކި ވާހަކަ އަހަރެމެންގެ ސިކުނޑިން އެއްކޮށް ފޮހެވިފައިވުމުން އެ ހިގައިދިޔަ ހާދިސާއާ މެދު އަހަރެމެން އެއްވެސް ވަރަކަށް ނުވިސްނަމެވެ. ދެމީހުން ނިދިއައިސްފައި ތިބުމުން ހީވި ގޮތެއް ކަމެއް ކަމަށް ހިތައި ޗުސް ތަޅަމުންގޮސް އަނެއްކާވެސް ކުރިން ތިބި ބެންޗުގައި އެކި ކަހަލަ ވާހަކަ ދައްކަން ތިބެއްޖައީމެވެ.

ފަސްވަރަކަށް މިނެޓްވެސް ނުވާނެއެވެ. އަނެއްކާވެސް އެއްކަލަ ދެކުދިން ކޯޓަށްއަރައި ކުޅެން ފެށިއެވެ. އަހަރެމެން ދެންވެސް ފަޔަށް ބާރުލާފައި ކިނބޫ ހިންޏެއް އައިސް ތިބެ އެދިމާލަށް ދިޔައީމެވެ. މިފަހަރު އަހަރެމެންނަށް އެދެކުދިން ގެއްލުނީ ހަމަ ދެލޯ ކުރިމަތީގައެވެ. ސާފު ދުންކޮޅެއް ފަދައިން ދެކުދިން ގެއްލުނުއިރު އެމީހުން ކުޅެން ގެންގުޅުނު ރެކެޓާއި ބޯޅަ ފެންނަން އޮތެވެ. އޭރުވެސް ބޯޅަ ތަޅުމުގައި ޖެހިފައި މައްޗަށް އަރާފައި ބައުންސްވަމުން ދެއެވެ. އަހަރެމެންގެ ސިކުނޑި މަސައްކަތް ކުރަން ފެށީ އަދި ކިރިޔާއެވެ. ބިރުގަންނަން ފެށިއިރު މާ ލަސްވެއްޖެކަންނޭގެއެވެ. އޭރު އަހަރެމެންނަށް މިތިބެވުނީ ކޯޓުގެ މެދުގައި ކަމުން ދެން ކުރާނެ ކަމެއް ނޭނގިފައި އަހަރެމެންނަށް ތިބެވުނީ ގަނބުވެފައެވެ. އެކުދިން އަހަރެމެންގެ ކުރިމަތިން ފައުޅުވާނީ ކޮންއިރަކު ކަމެއް ނޭނގިފައި ތިބެވުނީ ދެކޮޅު ހޯދާށެވެ. އަހަރެމެން ބިރުގަތްވަރުން ތިބީ ދުއްވައިގަންނަން ވެސް ހަޅޭއްލަވަންވެސް ނުކެރިފައެވެ.

މިހެން ތިއްބާ މަތިން ކެއްސުމެއްގެ އަޑު އިވިގެން ދިޔައެވެ. އަހަރެމެންނަށް ލޮލުގެ ވަށްކަޅިން އެކަކު އަނެކަކާ ދިމާލަށް ބެލުނެވެ. އުދަނގުލުން ހިންދިރުވާލިއިރު އަހަރެންނާއި ހާމިދު މޫނުމަތިން ދާތިކިތައް ފެންނަން ފަށައިފިއެވެ. މައްޗަށް މަޑުމަޑުން ބެލުނީ ބޭއިޚްތިޔާރުގައެވެ. މާތްކަލާކޯއެވެ. މަތީގައި އެއްކޮޅުން އަނެއްކޮޅަށް އަޅުވާފައި ހުރި ދަގަނޑުގައި ދެވާގަނޑު ފައިގައި އައްސާލައިގެން އަހަރެމެންގެ ބޮލާ ދިމާލަށް ބޯލައިގެން އެތިބީ އަހަރެންނަށް އޭގެ އިރުކޮޅެއް ކުރިން ފެނުނު ދެކުޅުންތެރީންނެވެ. ހަށަން ބަނދެލައިގެން ތިބިއިރު އެދެމީހުންގެ ދޫވަނީ ވަރަށް ބޮޑަށް އަނގައިން ބޭރުވެފައެވެ. ނުބައި ޒާތަކަށް ބަލަމުން އަހަރެމެންނާ ދިމާލަށް އަނގަ ފުޅާ ކޮށްގެން ހޭންފެށުމުން ހާދިމްގެ ހެޔަށް ގޮތްވެ ހުރިތަނަށް ހާދިމް ދެމުނީއެވެ. ބުދެއްހެން އަހަރެން ހުއްޓައި ދުރުން ބަޔަކު ހަޅޭއްލަވާ އަޑުއިވުނެވެ. އަހަރެންނަށް އެއީ ކޮންބައެއްކަން ނޭނގިގެން އުޅެނީސް އަހަރެންގެ ލޯކުރިމަތިންވެސް މަންޒަރުފުސްވެ ކޯޓުގެ ތަޅުންމަތީގައި ހަށިގަނޑުޖެހުނު ކަމުގެ އިހްސާސްކުރެވިގެން ދިޔައެވެ.

އަހަރެންނަށާއި ހާމިދަށް ހޭލުވުނީ އޭގެ އިރުކޮޅެއް ފަހުންނެވެ. އޭރު އާފިރުބެއާއި ބައްޕަ އަހަރެމެންގެ ކައިރީގައި އިށީނދެލައިގެން ތިއްބެވެ. އޮވެވުނީ ކޮޓަރީގައި ކަން އެނގުމުންވެސް އަހަރެންގެ ހިތުގައިވި ބިރުވެރިކަމެއް ނުފިލައެވެ. ޖެހިގެން އޮތީ ކޯޓުކަން އެނގޭތީ ހާމިދުވެސް ހުރީ ބިރުން ވިރިވިރިއެވެ. ބައްޕަމެންގެ ނަޞޭހަތް ޤަބޫލުނުކުރުމުން އެގަޑީގައި އެއްޗެހި ކިޔާކަށް ބައްޕަވެސް ނޫޅެއެވެ. އެވެސް ނަސީބެކެވެ.

"ދެން ބިރުނުގަނޭ. ބައްޕަމެން މިތިބީނު. މިހާރު ކާރެއް އެބައާދޭ. އަހަރެމެން އެހެން ހޮޓެލަކަށް ދާން މިއުޅެނީ މިހާރު، އިނގޭ" ބައްޕަ ބުންޏެވެ.

"ނޫން ބޭބޭ. ބޭރަށް ނުނުކުންނާނަން" ހާމިދު ވަގުތުން ދެކޮޅު ހެދިއެވެ.

"އުނހު. މިހާރު ބަސްއަހައިގެން ބުނާ ގޮތް ހަދާ އިނގޭ. ބުނާގޮތް ހެދީމައި ދެންވެސް އިތުރު ކަންތައް ނުވާނީ" ބައްޕަ މިހެން ބުނުމުން އަހަރެންނާއި ހާމިދުއަށްވެސް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ.

ފޮށިތައް ތައްޔާރުކޮށްގެން އަހަރެމެން ނުކުމެ ކާރަށް އެރީ ކޯޓާ ދިމާލަށް ނުބަލަން ހުވާ ކޮށްގެން ތިބެއެވެ. ކާރުގެ ފަހަތު ސީޓުގެ މެދަށް އަހަރެންނާއި ހާމިދު އަރުވާފައި ބައްޕައާއި އާފިރުބެ އިށީނީ އަހަރެމެންގެ ދެފަރާތުގައެވެ. ކާރަކަށްވުރެ ބޮޑަށް އެއީ ވޭނެއްހެން ހީވެއެވެ. ވަރަށް ޖާގަ ބޮޑު ކާރެއްތާއޭ އަހަރެންގެ ހިތަށް އެރިއެވެ. ކާރު ދުއްވާލަމުން ގޮސް އަޅާލީ އަހަރެންނާއި ހާދިމް މީގެ ގަޑިއެއްހާއިރުކުރިން އިށީނދެލައިގެން ތިބި ބެންޗު ހުރި މަގަށެވެ. އަހަރެންނާއި ހާދިމަށް އެކަކު އަނެކެއްގެ މޫނަށް ބަލާލެވުނެވެ. ކިތަންމެ ބިރުގަތަސް އަހަރެމެން ތިބި ބެންޗު ފަހަނައަޅައި ދިއުމުން ބޭއިޚްތިޔާރުގައި އަހަރެމެން ދެމީހުންނަށް ފަހަތަށް އެނބުރިލެވުނެވެ. އޭރު ދެލޯ ބޮޑުވެ އަހަރެމެން އަނެއްކާވެސް ބިރުން ވިރޭވަރު ވެއްޖެއެވެ. އަހަރެމެން ތިބި ބެންޗުގައި އެއްކަލަ ދެކުދިން ތިބީ އިށީނދެލައިގެންނެވެ. އަހަރެމެންނާއި ދިމާލަށް ސީދާ ބަލަން ތިބިއިރު މޫނުމަތިން ހިތްދަތިކަން ފެންނަން ހުއްޓެވެ. އެކުދިން އަހަރެމެންނަށް ހަނާއަޅާލިއެވެ. ނަމަވެސް ގެންފައިވާ ބިރެއްގެ ސަބަބުން އަހަރެމެންނަށް އެސްފިޔަވެސް ތަޅުވާލާކަށް ނޭނގުނެވެ. އަހަރެންގެ އަތުގައި ހިފައި ބައްޕަ އަހަރެން އަނބުރާލިއިރު ހާމިދުގެ އަތުގައި ހިފައި އާފިރުބެ އޭނަވެސް އަނބުރާލައިފިއެވެ. އަހަރެންނަށް ބިރުންގޮސް ރޮވުނެވެ. ބައްޕަގެ ކޮނޑުގައި ބޯއަޅާލައި އަހަރެން އޮށޯތީމެވެ. ވެފައިވާ ވަރުބަލިކަމުންނާއި ގައިގެ ހަކަތަ އެއްކޮށްހެން ހުސްވެފައި ވުމުން ނިދުނު އިރުވެސް އަހަރެންނަކަށް ނޭނގެއެވެ. ހޭލެވުނީ އެހެން ހޮޓަލެއް ކައިރިއަށް ކާރު މަޑުކޮށްލުމުންނެވެ. އެރޭގެ ފަހުން އެއްކަލަ ދެކުދިންގެ އެއްވެސް އުދަނގުލެއް އަހަރެމެން ދެމީހުންނަކަށް ނުފޯރައެވެ. ނަމަވެސް އަހަރެންނާއި ހާމިދު އޭގެ ފަހުން ޓެނިސްކުޅެން ހުއްޓާލީމެވެ. ވީގޮތެއް ނޭގުނެވެ. ކިޔައިދޭކަށްވެސް ނެނގެއެވެ. އެނގޭހާވެސް ކަމަކީ އެކުދިންގެ މޫނު އެންމެ ފަހު ފަހަރަށް ފެނުނުއިރު އެކުދިންގެ މޫނުމަތިން ފެނުނު ހިތާމައާއި ވޭނުން އަހަރެމެންގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް އޭ އަސަރުކޮށްފައިވާ ކަމެވެ. އެއީ ބިރުވެރި ކަމުން ފުރިގެންވާ ރެއެއް ނަމަވެސް އެދެކުދިންނަށްޓަކައި އަހަރެންނާއި ހާމިދުގެ ހިތް ރޮއި ހިތާމަކުރެއެވެ. އަހަރެމެން އެދެނީ އެކުދިންގެ ފުރާނައަށް ހެޔޮ ރަޚްމަތް މާތްﷲ މިންވަރުކުރެއްވުމެވެ. އާމީން

-ނިމުނީ-