އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޓެކްސަސްއަށް ނިސްބަތްވާ އަންހެނަކު ކޮވިޑް-19 ޖެހިގެން ފްލައިޓެއް ތެރޭ މަރުވެއްޖެއެވެ.

އުމުރުން ގާތްގަނޑަކަށް 30 އަހަރުގެ އެ އަންހެން މީހާ މަރުވެފައިވަނީ އެގައުމުގެ ސްޓޭޓެއް ކަމަށްވާ އަރިޒޯނާ އިން ފުރައިގެން ޓެކްސަސް އަށް ދިޔަ މަގުމަތީ ކަމަށް އެގައުމުގެ އޮފިޝަލުން ވަނީ ބުނެފައެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ އެބަލި ޖެހިގެން ޖުލައި މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް އޭނާ އޭރު މަރުވެފައިވަނީ ކޮން ކަމަކާއި ގުޅިގެން ކަމެއް އެނގިފައެއް ނުވެއެވެ.

"އޭރު އެ އަންހެން މީހާއަށް ނޭވާލާން އުނދަގޫވީ، އަދި އޮކްސިޖަން ދިނުމަށް ވަނީ މަސައްކަތް ކޮށްފައި. އެކަމެއް އޭރު ކާމިޔާބެއް ނުކުރެވުނު. އެ އަންހެން މީހާ މަރުވީ ފްލައިޓް ތެރެއަށް" ޑައްލާސް ކައުންޓީގެ ޖަޖް ކްލޭއި ޖެންކިންސް ބުންޏެވެ.

އޭނާ އާއި ބެހޭ އިތުރު މައުލޫމާތެއް އެގައުމުން އާންމުކޮށްފައި ނުވީނަމަވެސް، އޭނާ އަކީ ސިއްހީ އެކި ކަހަލަ ބަލިތައް ހުންނަ މީހެއް ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

އެމެރިކާއަކީ މިހާތަނަށް ދުނިޔޭގެ އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ އަދި އެންމެ ގިނަ މީހުން މިހާތަނަށް އެ ބަލީ މަރުވެފައިވާ ގައުމެވެ. އެގައުމުން މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވަނީ އެގައުމުން ބަލި ކޮންޓްރޯލް ކުރުމަށް ފުރަތަމަ ފިޔަވަޅު އަޅާފައި ނުވާތީ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

އެގައުމުން މިހާތަނަށް މިބަލި ޖެހިގެން އަށް މިލިއަން މީހުން ރިޕޯޓް ކޮށްފައިވާއިރު، ދެ ލައްކަ އަށްވުރެ ގިނަ މީހުން ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު