އިރު ދުނިޔެއާ އަލްވަދާޢު ކިޔުމާއެކު ބަންގީގެ އަޑުން މުޅި އުދަރެހަށް އާރޯކަމެއް ދީފިއެވެ. ރޯދައިގެ ވަރުބަލީގައި މިލާ މޯޅިވެފައި ތިބި މާތަކަށް ދިރުމެއް ލިބުނުކަހަލައެވެ. ސިޓިންގ ރޫމްގެ ސޯފާއަށް ގުޅައަކަށް ޖެހިފައި ތިބި އެންމެންތައް ފުއްމައިގެން ބަދިގެއާއި ދިމާއަށް އަރައިގެން އައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ސުފުރާމަތި ފަޅުފިލުވަމުން ދިޔައީ އެކި ޒާތްޒާތުގެ ކާތަކެތިންނެވެ. ސަކަ ވާހަކައިގައި ތިބެ އެނެމްން ކެއުމާއިގެން ކުރިއަށްދަނީއެވެ. އޭރުވެެސް އަހަރެން އުޅުނީ ހޭބޯ ނާރާ ބަދިގެ ތެރޭގައެވެ. އެންމެންގެ ދުލުކުރިން ކާއެއްޗެއްސަށް ތައުރީފްކޮށް ސަނާ ކިޔަމުން ދާއިރު އެއްބަޔަކު ގޭގެ އަންހެންވެރިންގެ ރަނގަޅު ވާހަކަ ދައްކަމުން ދިޔައެވެ.

އަށް ފިރިހެނުންގެ އަށް އަނބިން ތިބި އިރު އަހަރެން ރޯދަ ވީއްލާނެ ފުރުސަތުވެސް ނުލިބި މަސައްކަތް ކުރަން އުޅެން ޖެހުމުން ރަނގަޅެއް ނުވިތާއެވެ.

މެންދުރު ނަމާދުން ފައިބައިގެން ބަދިގެއަށް ވަންނަ މީހާ އުޅެން މިޖެހެނީ ބަދިގޭގައި ރެފިއުޖީ ކޭމްޕް ޖަހައިގެންނެވެ. އަސްރު ނަމާދު ކޮށްލަން ވެސް މިތާ އެތެރެއިން ނިކުމެވެނީ ރޯދި ކުރެއްވި ދުވަހަކުއެވެ. އަހަރެންނާ އެއްވަރަށް ދެން ތިބި ހަތް ރަނިންވެސް މިކަމާއިގެން އުޅޭނަމަ ޝަކުވާ ކުރާކަށް ނުޖެހުނީހެވެ. އަތްމަތި ވެސް ލުއި ވީހެވެ. ނަމަވެސް އެންމެ ދޮށީ ދަރީގެ އަންބަކަށް ވުމުން ދެން ތިބި މީހުން ހިތުން އަހަރެންމީ އެންމެންގެ ޒިންމާ އުފުލަން ގެނެސް ބަހައްޓާ ހުންނަ މީހެކެވެ. މިއީ މި ރޯދަ މަހުގެ އެކަނި ކަމެއް ނޫނެވެ. ކައިވެނި ކޮށްގެން މިގެއަށް އައިސް މި ވީހާ ދުވަހުގެ ޝަކުވާތަކެވެ. ފިރިމީހާ ގާތު ކިތަންމެ ވާހަަކައެއް ދެއްކިއަސް އޭނާ ހުރީ އާއިލާގެ މަސްލަހަތަށްބަލާ އަހަރެން އަމިއްލަ ހާލާއިގެން އުޅެން ދޫކޮށްލާފައެވެ.

ފެން ފޮދަކުން ރޯދަ ވީއްލައިގެން އަަހަރެން ގޮސް ކޮޓަރިއަށް ވަދެއްޖައިމެވެ. ތަށިތައް ދޮވެ ސުފުރާ މަތި ސާފުކުރާކަށް މިއަދު މި ހަށީގައި ހިތްވަރެއް ނެތެވެ. ކެއްކި އެއްވެސް އެއްޗެއް ދުލުކުރީގައި ނުޖައްސާ އައިސް ކޮޓަރިއަށް ވަންތަން ފިރިމީހާ އަށް ފެންނާނެއެނެއެވެ. ހާސްވެގެން ގޮސް އޭނާ އަރުތެރެއިން އެއިން އެއްޗެއް ދިރިއްޖެއްޔާ ރަނގަޅެވެ. އަަހަރެންނާ ޒުވާބު ކުރުަމަކީ އޭނާ ކުރާހިތްވާ ކަމެއް ނޫނެވެ. ނަމަވެސް ފަހަކަށް އައިސް މައްސަލަތަށް ހޫނުވެގެން ގޮސް ދުވަސްކޮޅަކަށް މަންމަމެން ގެއަށް ބަދުލުވާނަމޭ ވެސް އަހަރެން ހިތަށް އަރަން ފަށައިގިއެވެ.

ކައިވެނި ކޮށްގެން ފިރިމީހާގެ ގެއަށް ބަދަލުވާން ގަސްދުކުރާ ވާހަކަ އަހަރެންގެ މަންމައާއި ހިއްސާކުރުމުން ބުނި އެއްޗެއް މިއަދު ހަނދާނަށް މިއައީ ކީއްވެ ކަމެއް ނޭނގެއެވެ. ރޮއެ ރޮއެ ދެލޯ ހަފުސް ވީމާ ހެއްޔެވެ؟ ނޫނީ ހިތުގައި އަޅަމުންދިޔަ ވޭނަކުން ބާއެވެ؟ އެނދު މައްޗަށް ގޯންޏެއް ހެން ޖެހިފައި އޮންނަން މި ޖެހުނީ ހަމަ އެ ނަސޭހަތުގައި ނުހިފުމުންނެވެ. ތެދެކެވެ. މައިންބަފައިންނަކީ ދިރިއުޅުމުގައި ގިނަ ތަޖުރިބާތަކެއް ކޮށްފައިވާ ބައެކެވެ. ދުނިޔޭގެ ހުރިހާ ދަޅަތަކެއް ދަސްކޮށްފައިވާ ބައެކެވެ. އެމީހުންދޭ ނަސޭހަތް މުހިންމުވަނީ އެހެންވެއެވެ. ނަމަވެސް މިހެން ކަންތައް ވާނޭ ކަމަކަށް އަހަރެން އުއްމީދެއް ނުކުރަމެވެ. މިއީ ހިންދީ ސިލްސިލާއެއް ނޫންވިއްޔާއެވެ.

ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ވަދެގެން އައީ ކާކުތޯ ބަލަންވެސް ބޭނުމެއް ނޫނެވެ. މިހާރު މި އާއިލާ ދެކެ ފޫހިވާ ވަރަށް ކަންތައް ގޯސް ވެއްޖެއެވެ. ވަދެގެން އައި މީހަކު އެނދުގައި އިށީނދެއްޖެއެވެ. އަދިވެސް އަހަރެން އޮތީ އަނެއް ފަރާތަށް އެނބުރެން ބޭނުން ނުވެފައެވެ. ކާތަބަށް އެނދުގެ މަގަތުގައި ހުރި ކުޑަ މޭޒުމަތީ ބެހެއްޓުމަށްފަހު އަހަރެންގެ ކޮނޑުގައި ކޮށްޓާލިއެވެ.

"ކީއްވެ އެއްޗެއް ނުކައި ތިއޮތީ؟ ބަލީތަ؟"

ފިރިމީހާ ސުވާލުކުރިއެވެ. އަހަރެން ދެލޯ ހަނިކޮށްލުމަށްފަހު އިވޭ ކަމަށް ވެެސް ނުހަދާ ލޯމަރާލީމެވެ. މިރޭވެސް މިއުޅެނީ ބޮޑު އަރާރުންގަނޑަަކަށް ދާށެވެ. އަހަރެން އަނގަ ހުޅުވާލައިފިއްޔާ މިރޭ އެއް އެނދެއްގައި ނިދޭ ވަރު ނުވާނެކަން ޔަގީނެވެ. ލައްކަ ކެތެއް ކުރެވިއްޖެއެވެ. ޖިސްމާނީ ގޮތުން ވެފައިވާ ވަރުބައްޔަށްވުރެ ނަފްސާނީ ގޮތުން ލިބިފައިވާ ނުތަނަވަސްކަން މާ ބޮޑެވެ.

"އީމާ؟ ނިދަނީތަ؟"

އަަހަރެންގެ ކޮނޑުގައި އަތް ބާއްވަމުން އަނެއްކާވެސް ސުވާލުކުރިއެވެ. މަޑުމައިތިރި ކަމާއެކުއެވެ. އަހަރެންގެ ހިތުގައި ރޯވަމުންދާ އަލިފާންގަނޑުގެ ހޫނު އޭނާއަށް އިހުސާސް ވާ ކަހަލައެވެ. ހިތްހަމަ ނުޖެހިފައިކަން އަންގާލުމުގެ ގޮތުން އަހަރެން އޭނާގެ އަތް ކޮނޑުން ފޮޅާލީމެވެ. އަދި އަނެއްކާވެސް ދެ ލޯ މަރާލީމެވެ.

"ރިއަލީ އީމާ؟ ކޮންމެ ކޮންމެ ދުވަހެއްގެ އާދައަކަށް ހެދީތަ މިކަންވެސް؟"

މިފަހަރު އޭނާގެ އަޑުގައި ހުރި ރުޅީގެ އަސަރު ހާމަވެގެންދިޔައެވެ. އަހަރެން ބޭނުންވަނީ ރުޅި އަންނާށެވެ. އަހަރެން ބޭނުންވަނީ ހަޅޭލަވާށެވެ. އަހަރެން ބޭނުންވަނީ މިހާރު ކަންތައްވަމުންދާ ގޮތް ބަދަލުކުރާށެވެ. ލޯބިވަންޏާ މިވަރު ކަމެއް އަހަރެންނަށް ކޮޮށްދެވެން ވާނެއެވެ. އާއިލާ މަސްލަހަތު އުނގަށް ލައިގެން ލައްކަ ދުވަހަކު އުޅެވިއްޖެތާއެވެ. އަހަރެންގެ ޚިޔާލުތައް ވިހަވެގެންގޮސް މާޔޫސްވާން ޖެހުމުގެ ކުރިން މިކަމުން މިންޖުވާން ބޭނުމެވެ.

"ދެން އޮންނާތި ބަހެއް ނުބުނެ. އީމާ އާ އޭ ވާހަކަ މިދައްކަނީ"

ފިރިމީހާ އަށް 'ސައިލަންޓް ޓްރީޓމަންޓް' އަކީ މާ ކަމުދާ އެއްޗެއް ނޫނެވެ. އެއީ އޭނާ ހާސްކުރުވާ ކަމެކެވެ. އަހަރެން ވާހަކަ ދައްކާތޯ އޭނާ ވަރަށް މަސައްކަތްކުރާނެއެވެ. ބައެއް ފަހަރު އަހަރެންގެ އަނގައިން އެއްޗެއް ބުނުވަން ރުޅިވެސް އަރުވާނެއެވެ. ނަމަވެސް އެފަދަ ރެއެއް ނިމިގެން ދާނީ ބޮޑު ކޯޅުމަކުންނެވެ. ޒުވާބު ކުރުން ވެސް އެއްޗެއް ނުބުނެ އޮތުަމަށްވުރެ އޭނާއަށް ރަނގަޅެވެ.

އަހަރެންގެ ކޮނޑުގައި ހިފާ އޭނާ އާ ދިމާލަށް އަނބުރާލާފިއެވެ. ދެމީހުންނަށް ތިބެވުނީ ކިހާ ކައިރީގައި ކަން ވިސްނުމަށް އައީ އެވަގުތެވެ. އަހަރެން ރުޅި ނައިސް އޮތްނަމަ ވަގުތު ބޭނުން ހިފާލެވުނީހެވެ. ނަމަވެސް އެއްވެސް ރޮމޭންޓިކް ޚިޔާލަކަށް މިވަގުތު ޖާގައެއް ނެތެނެވެ. އަލިފާން ކަނި ނޫން އިތުރު އެއްޗެއް މިވަގުތު އަހަރެންނަކަށް ނުފެންނާނެއެވެ. ރުޅި ވަނީ ވިސްނުން ބަނަކޮށްލާފައެވެ.

"ކީކޭ މަ ކިޔަންވި ދެން؟"

ވަރަށް ހަމަ ޖެހިލައިގެން އޮވެ އަހަރެން އެހާލީމެވެ. އަހަރެންގެ އަޑުގައިވި މަޑުމައިތިރިކަން އޭނާއަކަށް ކަމަކު ނުދިޔައެވެ. ގޮށް ޖެހިގެން ދިޔަ ދެ ބުމައިންވެސް އެކަން ހާމަވާނެއެވެ.

"ވަރަށް އެއްޗެހި ކިޔަން ބޭނުމެއްނު؟ ކިޔާބަލަ ތި ކިޔަން ބޭނުންވާ އެއްޗެއް؟ ކޮންމެހެން މަޑުން އޮންނާނެކަމެއް ނެތެންނު؟"

މަލާމާތުގެ ރާގަކަށް އޭނާ ބުނެލިއެވެ. މި ފެށުނީ ކުޅިގަނޑެވެ. އަހަރެންގެ ދެ ލޯ ހަނިވެއްޖެއްޔާ އޭގެ މާނަ އަކީ ދެން ފަސް އެނބުރޭކަށް ވަގުތެއް ނެތެވެ.

ފެށިގެން ދިޔައީ ބަހުގެ ހަމަލާތަކެވެ. އެނދުގައި ކޮޅަށް ތިބެ އެކަކު އަނެކަކުގެ އާއިބުތަކުގެ ލިސްޓަށް އާ ކަންތައްތައް އިތުރުކުރަމުން ދިޔައީމެވެ. ހަ:ޅޭލަވާ ނިމޭ އިރު އަހަރެންނަށް ހުންނާނީ ރޮވިފައެވެ. ކިޔުނު އެއްޗެއްސާމެދު ދެމީހުން ހިތުގެ އަޑިން ހިތާމަ ކުރާނެއެވެ. ފިރިމީހާ ދެން ދާނީ ކޮޓަރިން ނިކުމެގެންނެވެ. ނޫނީ ފެންވަރާށެވެ. މާ ގަނޑު ދަށުގައި އެތަކެއް އިރެއްް ވަންދެން ލޯ މަރައިގެން ހުންނާނެއެވެ. އޭރު އަހަރެން އޮންނާނީ އެކަނި މާ އެކަނި މި އެނދުގައި އިވުނު ވިހަ ބަސްތަކާ ހަނގުރާމަ ކުރާށެވެ. އެހެންވެ ނިދިދާނެއެވެ. ދެން އަނެއްކާ ވީ ހެނދުނު ހޭލައިގެން މައިދަތައާއި ފަހަރިން ރުއްސަން ބަދިގެއަށް ވަންނާށެވެ. ވަރުބަލިކަން އިހުސާސު ވުމުން ރޭގަނޑު ވުމާއެކު ފެށޭނީ ހަމަ މި ހާސަރު ގަނޑެވެ. އާއިލާ މީހުންގެ ލޮލުގައި އަނދުން އަޅުވަމުން ދަނިކޮށް ފެންނާނީ އަހަރެންގެ ކައިވެނި ރޫޅިގެން ދާ ތަން ތޯއްޗެވެ.

ނަަމަވެސް އެހެން ވާކަށް އަހަރެންގެ ހިތެއް ނޭދެއެވެ. ފުރާނައަށް ވުރެ ބޮޑަށް ލޯބިވާ އިންސާނާ އާއި އަހަރެން ކައިވެނިކުރީ ވަކިން ނޫޅެވޭނެ ކަން އެނގޭތީއެވެ. އޭނާގެ އާއިލާ މީހުންނާ އެކު އުޅެން ޖެހުނަސް ވަރިހަމައޭ ހިތާއެވެ. މިހާ ގިނަ ބައެއް އެއްތަނެއްގައި އުޅެންޏާ މައްސަލަވެެސް ޖެހޭނެއެވެ. ނަމަވެސް ހައްލުކުރެވޭނީ ވާހަކަދައްކައިގެން ނޫންހެއްޔެވެ؟ ކޮންމެ މީހަކު ހިތުގައި ތިޖޫރީއެއް ހަދާ ހިތަށް އަރާހާ އެއްޗެއް ރައްކާކުރިޔަސް މިއީ މިކަމުގެ ހައްލެއް ނޫނެވެ.

ފިރިމީހާ އަށް ވިސްނައިދޭން އަހަރެން ބޭނުންވީ އެ ވާހަކައެވެ.

"...ދެން ތިކަމާ އަހަރެން ވަކި ކުރާނީ ކިޔެއްތަ އީމާ؟ އަހަންނަކަށް ގޮސް މަންމަ ކައިރިއަކު ނުކިޔޭނެ ދޯ އަހަރެން އަނބިމީހާ އޭ މުޅި ގޭގެ ޖެހުނު ކަމެއް ކުރަން ޖެހެނީ. އެހެން ކީމަ އެމީހުން ހިތަށް އަރާނީ ކީކޭ؟"

އޭނާ ގެ ބަހުޡްއަކީ އެއީއެވެ.

"އެމީހުންގެ ހިތަށް އަރާ އެއްޗެއްސޭ؟ އެއީތަ މުހިންމު ތަންްކޮޅަކީ؟ އަހަރެން ހެޔޮ ދޯ ދުވާލުދާ ހަތަރުދަމު ގުލާމު ކުރަމުން ގޮސް އަވަދިވިޔަސް؟"

އަހަރެން ވެސް ބަހުގެ ހޫނު ހަމަލާއެއް ރައްދުކުރީމެވެ.

"އަހަރެންނަކަށް ނުވާނެ މިކަމެއް. އޮފީހުގަ އުޅި އުޅިފަ ގެއަށް އައިސް ރޯދަ ވީއްލަައިގެން އަރާމުކޮށްލަން ލިބޭޭ ވަގުތު ކޮޅުވެސް ދުއްވާލަން މިޖެހެނީ އީމާގެ ޝަކުވާތައް އަޑު އެހުމުގަ"

"ހުސެން އަށް އަރާމުކޮށްލާނެ ވަގުތުކޮޅެއްވެސް ލިބޭތާ."

އަހަރެން ވަކި ދޫ ދޭނެ ހެއްެޔެވެ؟ އޭސީ ކޮށްފަ ހުންނަ އޮފީހެއްގައި ކޮމްޕިއުޓަރެއް ކުރިމަތީ އިނދެ މަސައްކަތް ކޮށްފަ އައިސް ރެސްޓު ކޮށްލާނެ ވަގުތު ކޮޅެއް ނުލިބެޔޭ ކިޔާ މައްސަލަޖައްސާ އިރު އަހަރެން މިހުރިހާ ދުވަހު ހަމަ މި ކިޔަނީ އެއްވާހަކައެއް ނޫން ހެއްޔެވެ؟ ތަފާތަކީ އަހަރެން މަސައްކަތް ކުރަން ޖެހެނީ ބަދިގެއެއްގައި ކަމެވެ. މިއީ އަހަރެންގެ ވާޖިބެއް ވިއްޔާއެވެ. އުފަންވީ ކައްކާ ކާން ހަދާ އާއިލާ ބަލަހައްޓަން ވިއްޔާއެވެ. އަހަރެންގެ މަންމަ އާއި ބައްޕަ މާސްޓަރސް އާ ހަމައަށް ކިޔަވަދީފައި ހުސެން އާ ހަވާލުކުރީ އެ ގޭގެ އެންމެން އަރާމުގައި ބައިތިއްބާ ނޯކަރީ ކަންް ކުރުވަން ވިއްޔާއެވެ.

އެންމެފަހުން އަހަރެން ވާހަަކަދެއްކުން ހުއްޓާލީމެވެ. ވަރުބަލި ވީއެވެ. ކޮންމެ ދުވަހަކު އެއް ވާހަކަތަކެއް ތަކުރާރު ކުރެވޭކަށް ނެތެވެ. މިހާރު އަހަރެންގެ ހިތްވަރު އެލިއްޖެއެވެ. ހުސެން މިހާ ފިނޑިއްޔާ އަހަރެންވެސް ފިނޑިކަން އިޚްތިޔާރުކޮށް ނިކުމެގެން ދާންވީއެވެ. ކެތްތެރިވާންވީ އަހަރެން އެކަންޏެއް ނޫންތާ އެވެ.

ބަލާކަށް ނީނދެ އަހަރެން ހިނގައިގަތީ އަލަމާރިއާ ދިމާލަށެވެ. ލަސް ލަހުން ފަހަރަކު ހެދުމެއް ނަގާ ކައިރީ ހުރި ގޮނޑިއެއް މަތީ ބަހައްޓަމުން ދިޔައީމެވެ. ސުވާލުން ފުރިފައިވާ ގޮތަކަށް ހުސެން އަހަރެންނާއި ދިމާލަށް ބަލަމުން ދިޔައެވެ. އެނދު ދަށުގައި ހުރި ބޮޑު ދަބަސް ނެރުމާއެކު ހުސެން ގެ ދެލޯ ބޮޑުވިއެވެ. އަހަރެން ކުރަން މިއުޅޭ ކަންތައް އޭނާއަށް ރޭކާލީ ދެނެވެ.

"އައި ކާންޓް ބިލީވް ދިސް."

ހުސެންގެ އަނގައިން ބޭރުވި ބަސްތައް ކިތަންްމެ ސާފުކޮށް އިވުނަސް އަހަރެން ޚިޔާރުކުރީ ހަނު ހުންނާށެވެ.

"އީމާ. މަޑުކޮށްބަލަ. ނިކަން ހަމަ ޖެހިގެން ވިސްނަބަލަ"

ހުސެން އައިސް އަހަރެންގެ އަތުގައި ހިފަމުން ބުންޏެވެ. މަޑުމަޑުން ގެނެސް އަހަރެން އެނދުގައ ބޭންދިއެވެ.

"ދެން ދައްކާނޭ އިތުރު ވަހަކައެއް ނެތޭ، ހުސެން. އަހަރެން ކިހާ އާދޭހެއް ކުރިން؟ އެންމެ ފަހަރަކު އަހަރެން މިއުޅޭ ހާލާމެދު ވިސްނާލަބަލަ. އަހަރެން ހާދަ ބުރަކޮށޭ މިއުޅެނީ. އެކަނި މާ އެކަނި މިހުރިހާ ކަމެއް ކުރަން ވީމަ އަހަރެން ގައިގަވެސް ހާދަ ވޭނެކޭ އަޅަނީ. ވަރުބަލިވުން އެއީ ހުސެން އެކަނި އިހުސާސް ވާ އެއްޗެއްތަ؟ އަހަރެން މިއީ ދަގަނޑުން ހަދާފަ ހުރި މީހަކީތަަ؟"

ހުސެން އިސް ޖަހާލިއެވެ.

"އަހަރެން ހުސެން އާ ކައިވެނި ކޮށްގެން މި ގެއަށް އައީ އެއްވެސް ހާލެއްގެ ހުސެން އާ މި އާއިލާގެ ދެން ތިބި މީހުންނާ ޖައްސާކަށް ނޫން. އެކަމް އަހަރެންގެ ވެސް އާދޭސްތައް އަޑު އެހުމަކީ ހުސެން ގެ ވެސް ވާޖިބެކޭ."

އަހަރެން މިއަދު ހުއްޓާކަށް ބޭނުމެއް ނޫނެވެ. ހިތް ބަންޑުން ކޮށްލައިފައި ނޫނީ މިތަނުން ތެދުވެގެން ނުދާނަމެވެ. ކޮންމެވެސް ކޮޅަކުން ކޮޅަކު މިރޭ މިކަންތައް ޖައްސާނަމެވެ.

"އޯކޭ. މަ ދައްކާނަން އެންމެނާ ވާހަަކަ މާދަން"

ހުސެންގެ އަނގަ އިން ނިކުތް ބަސްތައް އަޑު އަހާފައި އަހަރެން ކުޑަކޮށް ސިހިގެން ދިޔައެވެ. އޭނާގެ ޚިޔާލު މިހާ އަވަހަށް ބަދަލުވެގެންދާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ.

"އިޓްސް ނޮޓް ފެއާ ހުރިހާ ކަމެއް އީމާ އަށް ޖައްސާފަ އެންމެން އެހެން އަރާމުގަ ތިބެން. އަހަރެން އެއްޗެކޭ ނުބުނެ ހުންނަނީ އަހަރެންނަށް އެއްވެސް ކަމެއް ފާހަގަ ނުވާތީއޭ ހިތަށް ނާރުވާތި. އަހަރެންނަށް ހުރިހާ ކަމެއްވެސް އިނގޭ. އެކަމް އީމާ އަށް ވެސް އިނގެއެންނު މިގޭ ފަހަރިންގެ ގޮތް. މަސްލަހަތަށް ބަލާފަ އެއްޗެކޭ ކިޔަން ބޭނުން ނުވީ"

އަނެއްކާވެސް ފުން ނޭވާއެއް ލުމަށްފަހު އޭނާ ވާހަކަދައްކަން ފެށިއެވެ.

"ނަމަވެސް އާއިލަގެ މަސްލަހަތަށް ވުރެ އަހަރެންގެ ކައިވެނި ސަލާމަތް ކުރަން މިވަގުތު އަހަންނަށް މުހިންމު. އީމާ އަހަރެންގެ ދިރިއުޅުމުން ދާތަން ބަލަން އަހަރެންނަކަށް ކެތެއް ނުވާނެ. ޔޫ އާ މައި ވޯލްޑް"

މިހެން ބުނެ އަހަރެންގެ ނިތްކުރިއަށް ލޯބިން ބޮސްދިނެވެ. އުފަލުން އަހަރެންގެ ދެ ލޮލުން ކަރުނަ ފާއްދާލިއެވެ. ހިތާހިތުން އަހަރެންގެ ޑްރެމެޓިކް ހިތަށް ޝުކުރުއަދާކޮށްލެވުނެވެ. މިއަދު ގެއިން ނިކުމެގެންދާ ޚިޔާލު ނުކުރެވުނުނަމަ އަދިވެސް އަހަރެން އުޅެންޖެހޭނީ ހަމަ ކުރިން އުޅުނު ހާލުގައެވެ.

އަމިއްލަ ހާލަތު ބަދަލުކޮށްލެވޭނީ އަމިއްލައަށް މަސައްކަތްކޮށްގެންނެވެ. އާއިލާގެ ކަންތައްތައް ކުރެވެންޖެހޭނީ އެކަކު އަނެކަކަށް ބަހައިގެން އެެއްވެސް މީހަކަށް ބުރަ ނުވާނެހެންނެވެ. މަސްލަހަތު ބަލަހައްޓަން ޖެހޭނީ ދުލުކުރިއަށް ޝަކުވާގެ ބަސްތައް ނުގެނެސް ހިފަހައްޓައިގެން ތިބެގެންނެއް ނޫނެވެ. މައްސަލަތަކާ މެދު މަޝްވަރާކޮށް އެކަމަށް ހައްލު ހޯދައިގެންނެވެ. ފިރިމީހާގެ އާއިލާއަށް މިކަން ދަސްކޮށްދިނީ އަަހަރެންނެވެ. މިއަދު އެ ފިޔަވަޅު އެޅުނީތީ އެކަމާ އަހަރެން އުފާކުރަމެވެ.

*** *** ***

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު

    މިފުރިހަމަ ވާހަކައިގެ ތަންތަންކޮޅަށް އިނގިރޭސިބަސް ވައްދާފަ އޮތީމަ ވަރަށް އައިބު. މިއީ ވަރަށް ހަގީގަތާ އެއްގޮތް ގެވެހި ޢާއިލީ ދިރިއުޅުމަށް ވަރަށް ޢިބްރަތްތެރި ވާހަކައެއް.