ބޮލީވުޑް ފިލްމު "ވީރް ޑީ ވެޑިން" ރިލީޒް ކުރަން ދެން މާ ގިނަ ދުވަހެއް ނެތްއިރު، ފިލްމުގެ ތަރިން އަވަދިނެތި އުޅެމުންދަނީ ފިލްމު ޕްރޮމޯޓް ކުރުމުގައެވެ. ނަމަވެސް ފިލްމުގެ ލީޑް ރޯލުން މިފަހަރު ހުސް އަންހެނުން ފެނިގެންދާތީ، އެ އެކްޓްރެސުން މެދުގައި އެކުވެރިކަމެއް ނޯންނާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ވަކިން ހާއްސަކޮށް އެކްޓްރެސް ސޯނަމް ކަޕޫރާއި ކަރީނާ ކަޕޫރަކީ ދެ ހަތުރުން ކަމަށްބުނެވެސް ބައެއް ފަރާތްތަކުން މީސްމީޑިއާގައި ޕޯސްޓްތައް ކުރެއެވެ. މިކަން ދޮގުކޮށް ސޯނަމް މީގެ ކުރިން ވާހަކަ ދައްކާފައިވާއިރު، މިފަހަރު މިއޮތީ ސޯނަމްގެ ދައްތަ ޕްރޮޑިއުސަރު ރިއާ އާންމުކުރި ފޮޓޯއަކުންވެސް އެއީ ތެދެއް ނޫންކަން ހާމަވެފައެވެ.

އިންސްޓަގްރާމްގައި ރިއާ ކުރި ޕޯސްޓެއްގައި އާންމު ކުރި މި ފޮޓޯއަކީ، މި މަހުގެ އަށްވަނަ ދުވަހު ކުރެވިގެން ދިޔަ ސޯނަމްގެ ކައިވެނީގެ ހަފްލާގެ ތެރެއިން ކަރީނާއާއި ދެމީހުން ނަގާފައިވާ ފޮޓޯއެކެވެ.

https://www.instagram.com/p/BjC3NxPgTxL/?utm_source=ig_embed

 

މި ފޮޓޯގައި ސޯނަމް ވަރަށް ހެވިފައި ހުރިއިރު، ލުއި ހިނުތުންވުމެއް ކަރީނާގެ މޫނުމަތީގައިވެސް ހުއްޓެވެ. މި ފޮޓޯ އާންމު ވުމާއިއެކު، ބޮލީވުޑް ތަރިންނަށް ރައްޓެހިންގެ ގޮތުގައި ނޫޅެވޭނެޔޭ ކުރިން ބުނަމުންދިޔަ މީހުން ވެސް ވަނީ އެދެމީހުންގެ ގުޅުމަށް ތައުރީފްކޮށްފައެވެ.

"ވީރް ޑީ ވެޑިން" އަކީ ސޯނަމްގެ ދައްތަ ރިއާ ޕްރޮޑިއުސްކުރާ ފިލްމަކަށް ވުމުން މުޅި ކަޕޫރް އާއިލާއަށްވެސް މިއީ ހާއްސަ ފިލްމަކަށް މިވަނީ ވެފައެވެ.