ވަރުން ދަވަން ރާއްޖޭގައި ކުރި ޑައިވް ބަލައިފިންތަ؟

  • 3 އަހަރު ކުރިން ( އޮކްޓޯބަރ 24, 2020 )
  • |

ބޮލީވުޑްގެ ފަންނާނުންގެ ތެރެއިން މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އެއް ފަންނާނަކީ ވަރުން ދަވަންއެވެ. ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ހޯދާފައިވާ ވަރުން ދަވަން މިވަގުތު ހުރީ ސޮނޭވާ ފުށީގައެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަން ހާމަކޮށް، މިހާތަނަށް ތިން ފޮޓޯއެއް އިންސްޓަގްރަމްގައި ވަރުން ވަނީ ހާމަކޮށްފައެވެ.

ފުރަތަމަ ފޮޓޯގައި ފެންނަނީ ސޮނޭވާފުށީގެ ޕޫލެއްގެ ތެރޭގައި އޮރެންޖް ކުލައިގެ ސޯޓެއް ލައިގެން ނަގާފައިވާ ފޮޓޯއެކެވެ. ދެ ވަނަ ފޮޓޯގައި ފެންނަނީ މުސަޅަކަށް ކެރަޓެއް ކާން ދިނުމަށް އިން ތަނެވެ. ތިން ވަނަ އަށް އާންމު ކުރީ ބީޗުގައި ވެއްޓިގެން އޮއްވައި ނަގާފައި އޮތް ފޮޓޯއެކެވެ.

އިންސްޓްގްރަމްގެ ސްޓޯރީގައި މިފަހަރު ވަރުން ދަވަން އާންމުކޮށްފައި ވަނީ މަޑިތަކަކާ އެކުގައި ޑައިވް ކުރަނިކޮށެވެ. ވަރުންއާ އެކުގައި އިތުރު ބަޔަކު ވެސް ޑައިވް ކުރުމުގައި ބައިވެރިވާ ތަން ވީޑިއޯ އިން ފެނެއެވެ.

އެ ވީޑިއޯގައި ވަރުން ހުރީ އޮރެންޖް ކުލައިގެ ސޯޓަކާއި ނޫ ކުލަ އާއި ހުދު ކުލައިގެ އަތް ދިގު ޓީޝާޓަކާއި ފިންސަކާއި ސްކޫބާ ޑައިވިން ކުރަން ބޭނުންވާ ސާމާނުތަކާ އެކުގައެވެ. އޭނާ ސިފަ ކުރީ ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއެއްގެ ގޮތުގައެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ވަރުން ޗުއްޓީ އަށް ރާއްޖެ އައިއިރު، އަންނަ މަހުގެ ތެރޭގައި އާ ފިލްމެއްގެ ޝޫޓިން ފަށަން ވަނީ ތާވަލްކޮށްފައެވެ. އެއީ މިދިޔަ އަހަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން "ގުޑް ނިއުސް" ގެ ޑައިރެކްޓަރު ރާޖް މެހެތާގެ ދެވަނަ ފިލްމެވެ. މީގެއިތުރުން ޑިސެމްބަރު 25 ގައި ޕްރިމިއާކުރާ "ކޫލީ ނަމްބަރު 1" ގައި ވެސް ވަރުން ފެނިގެންދާނެއެވެ.

އުމުރުން 33 އަހަރުގެ ވަރުން އެންމެ ފުރަތަމަ ރާއްޖެ އައީ 2015 ގައެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ވެސް ރާއްޖެ އައިސްފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ފުރަބަންދު ކުރުމަށް ފަހު، ބޯޑަރުތައް އަލުން ހުޅުވާލުމުން ބޭރުގެ ގިނަ އަދަދެއްގެ ފަންނާނުންނާއި މަޝްހޫރު އެތައް ބަޔަކު ރާއްޖެ އައިސްފައިވެއެވެ.

ބޮލީވުޑުގެ ރީތި ފިލްމުތަކުން ފެނިގެންގޮސްފައިވާ ވަރުން ދަވަން އެންމެ ފަހުން ފެނިގެން ދިޔައީ ސްޓްރީޓް ޑާންސާ ތްރީޑީ އިންނެވެ.

ފިލްމު ކުޅެގެން އެންމެ ބޮޑު އާމްދަނީއެއް ހޯދާ ބޮލީވުޑް ތަރިންގެ ތެރޭގައި ވަރުން ދަވަން ހިމެނޭއިރު އޭނާ ފުރަތަމަ ފިލްމީ ދާއިރާއަށް ނިކުތީ 2012 ވަނަ އަހަރު ނެރުނު "ސްޓޫޑެންޓް އޮފް ދަ ޔާ" އިންނެވެ. އެ ފިލްމަށް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިފައެވެ.