ހެނދުނު އިރުއަރައިގެން އައިއިރު އަހަރެންނާއި އަހަރެންގެ ކުޑަ ޢާއިލާއާއި އަވަށްޓެރި އެހެން ޢާއިލާއަކާއެކު އަހަރެމެން ދަތުރުކުރަމުން ދިޔައީ ރަށާ މާދުރުނޫން ހިސާބެއްގައި އޮންނަ ފަޅުރަށަކާ ދިމާލަށެވެ. އަހަރެންގެ މަންމައާއި ބައްޕަގެ ހުންނަނީ އަހަރެން އެކަންޏެވެ. ދެންތިބި ޢާއިލާގެ ދެމަފިރިންގެ ދެކުދިން ތިބިއެވެ. އެއީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ. އެމީހުންގެ ދަރިފުޅު ޒޭނާއަކީ އަހަރެންނާއި އެއްއުމުރެއްގެ ކުއްޖެކެވެ. ދެން ހުންނަ ފިރިހެން ކުއްޖާއަކީ ޒޭނާއަށްވުރެ ދެ އަހަރެއްހާދުވަސް ކުޑަކުއްޖެކެވެ. އަހަރެންނާއި ޒޭނާއަށް މިއަހަރު ދިހަ އަހަރުފުރޭނެއެވެ. އަހަރެމެން މިދަނީ ކަޅުފުއްޓަރު ކިޔާ ރަށަކަށެވެ. އަހަރެންނާއި ޒޭނާގެ ބައްޕައަކީ މަސްވެރިކަމަށް ވަރަށް ލޯބިކުރާ ދެމީހުންނެވެ. ބައްޕަމެން އެކި ރަށް ރަށަށްދާއިރު އަދި ކަޅުފުއްޓަރަށް މިދަނީ އަލަށްކަމަށް ބައްޕަ ބުންޏެވެ.

ހެނދުރު ހަތެއްޖެހި އިރު އަހަރެމެން އެރަށަށް ފޭބީމެވެ. އެހެން ރަށްތަކާ ބަލާފައި މިރަށުގެ އަތިރިމަތީގައި ވަރަށް ގަސްގިނައެވެ. މޫދަށް އެރިލަން ސާފު ދޮންވެލިގަނޑެއްނެތެވެ. އެރަށް ފެނުމުން އަހަރެން އުފަލެއްނުވިއެވެ. ގަސްތައްބޯ ކަމުން އަހަރެންނަށް އެރަށް ސިފަވީ ބިރުވެރިގޮތަކަށެވެ. ޒޭނާ ކައިރީގައި އަހަރެން އެރަށްދެކެ ފޫހިވާވާހަކަ ބުނުމުން ޒޭނާވެސް އެކަމަށް ތާޢީދުކުރިއެވެ.

ރަށަށް ފޭބުމާއެކު އެއްޗެހިތައް ޑިންގީއިން ބޭލުމަށްފަހު މަންމަމެން އުޅެގަތީ ސައިތައްޔާރުކުރުމާއިގެންނެވެ. ސޭންޑްވިޗްއާއި ކަޅުސައި ތައްޔާރުކުރުމުން އަހަރެމެން ބަނޑުފުރާ އެއެއްޗެހި ކެއީމެވެ. ދަތުރުގެ މައިގަނޑު ބޭނުމަކީ ރޯދައަށް ވެލިހޯދުން ކަމަށްވުމުން ކުދިވެރިން ގޮވައިގެން އެންމެން ހިގައިގަތީ ރަށުގެ ފުށްޓަރު ފަރާތަށެވެ. އެތަނަކީ ވަރަށް ވެލިއޮންނަ ތަނެއްކަމަށް މީހަކު ބުނެފައިވާތީއެވެ. ވެލިއަރާފައި އޮތްތަންފެނި މަންމަމެން މޮޔަވިކަހަލައެވެ. ގޯނިތަކާއި އޭތި މީތި ހިފައިގެން މަންމަމެން އުޅެންފެށުމުން އަހަރެމެން ތިންކުދިން މަންމަމެންނާއި ދުރަށްޖެހި ހިކިފައިވާ ތޮށިގަނޑުތައް މަތީގައިގައި އެކި އެކި އެއްޗެހި ހޯދައި ސަކަރާތްޖަހަން ފެށީމެވެ. އެހެން ހުއްޓާ އަހަރެން ވަރަށް ބޮޑަށް ހީސްލަވައިގަތެވެ. އަހަރެން ދުވެފައިގޮސް މަންމަ ކައިރީގައި ބުނުމުން މަންމަ އަހަރެން ގޮވައިގެން ތަންކޮޅެއް އެތެރޭގައި ހުރި ވިނަގަނޑެއް ކައިރީގައި އަހަރެން ބޭންދިއެވެ. އަހަރެން ހީސްލުމުގެ ކުރިން ބިސްމިކީ އެއީ ފަޅުރަށަކަށްވެފައި އަހަރެން ބިރުގަންނަ ވައްތަރަކަށް އެތަން އޮތީމައެވެ. ހީސްލައި ނިމުމުން މަންމަގެ އަތުގައި ހިފައިގެން އަނެއްކާވެސް އިހުގައި ތިބި ތަނަށް ދިޔައީމެވެ.

ހޫނުގަދަ ކަމުން އަހަރެން ވަރުބަލިވެގެން އައިސް ޒޭނާއާއެކު މަންމަމެންނާއި ފަސްވަރަކަށް ފޫޓު ދުރުގައި ހުރި ރުކެއްގެ ހިޔަލުގައި ޖައްސާލީމެވެ. އޭރުވެސް ޒޭނާގެ ކޮއްކޮ އަތިރިމަތިން ދުރަކަށްނުދެއެވެ. ޒޭނާގެ ކޮއްކޮ ކުޅެން އުޅުނު އިރު އުޅުނީ އަވީގައިކަމުން އޭނަގެ ހިޔަނި ގާތަކުގެ މަތިން ވަރަށް ރީއްޗަށް ފެނެއެވެ. މިހެން ހުއްޓާ އަހަރެންގެ ލޮލުގައި އެހެން ކަމެއް އަޅައިގަތެވެ. ޒޭނާގެ ކޮއްކޮ ކައިރީގައި ހަމަ އެވަރުގެ ކުއްޖެއްގެ ހިޔަނިހެން ގާތަށްމަތިން އެހެން ހިޔަނިއެއް ފެންނަން ހުއްޓެވެ. އެހިޔަނި ފެނުނަސް އެތާކު އެހެން ކުއްޖެއް ނެތެވެ. އަހަރެން ވަރަށް ސިއްރުން ޒޭނާއަށް އެތަން ދެއްކީމެވެ. ޒޭނާ އެކަން ޔަޤީންނުވެގެން ދެފަހަރަކު ޒިޔާމްއަށް ގޮވިއެވެ. އަދި އެދިމާލަށް ދުވެލަބަލާށޭ، މިދިމާލަށް ދުވެލަބަލާށޭ ބުނެ އެކި ދިމަދިމާލަށް ޒިޔާމް ދުއްވަންފެށިއެވެ. ޒިޔާމްއާއި އެއްވަރަށް އެހެން ކުއްޖަކު ދުވާ އިރު ފެންނާނެހެން ދެހިޔަންޏެއް ހަމަ އަސްލުވެސް ފެންނަމުން ދިޔައެވެ. އަހަރެމެން މިތަން ބަލަމުން ޒިޔާން ކައިރިއަށް ގޮސް ރަނގަޅަށް ބެލިއިރަކު އެހިޔަންޏެއް ނުފެނުނެވެ. އެހެންވެ އަހަރެންނާއި ޒޭނާ ހީކުރީ މާ ފޫހި ރަށެއްވީމަ ހީވިގޮތެއްކަމަށެވެ.

އޭގެ ދެގަޑިއިރު ފަހެވެ. މެންދުރު 12 ޖެހުމަކާ ކައިރިވެއްޖެއެވެ. މަންމަމެން އަދިވެސް ވެލިނަގަނީއެވެ. އަހަރެމެން ބަނޑުހައިވެގެން ރުޅިގަދަވާން ފެށުމުން އެއްކުރި ވެލިތައް ފުންޏަކަށް ޖަހާލާފައި ކައިނިމިގެން އިތުރު ގޯނިތައް ހިފައިގެން އަންނާނީކަމަށްބުނެ އަހަރެމެން ގޮވައިގެން މަންމަމެން ހިގައިގަތީ އަތިރިމައްޗާވީ ދިމާލަށެވެ. ދިޔަ މަގުމަތީގައި ބައްޕަ އަހަރެމެން އެރަށަށް ގެނައި ޑިންގީގެ ކައްޕިއަށް ގުޅާލިއެވެ.

"ހާދަ ލަހުންނޭ އެއީ. މާ ލަސްވާނެ ހައެއް ޖަހާއިރު. ހަތަރެއް ޖަހާއިރަކަށް ނާދެވޭނެތަ؟" ބައްޕަގެ މޫނުމަތިން ކަންބޮޑުވުން ފެންނަން ހުއްޓެވެ. ބައްޕަ ފޯން ބާއްވާފައި ކައިރީގައި ހުރި ޒޭނާގެ ބައްޕަ އަހުމަދުބެއާއި ވާހަކަދައްކަން ފެށިއެވެ.

"ނިޔާޒު ބުނީ އިތުރު މީހަކާއެއްކޮށް އައިސްގެންނޫންހޫ އެހުރިހާ ވެލި ބަސްތާތަށް ގެންދެވޭނީ. އެމީހަކަށް އާދެވެން ހުރީ ހައެއްޖަހާއިރުއޯ. އޭރުން މާލަސްވާނެ މިމީހުން ގޮވައިގެން އުޅެން. އަދި އެކޮޅުން ހައެއް ޖަހާއިރު ފުރައިގެން އާދެވޭނީ ބައިގަޑިއިރު ފަހުން. ދެން މަބުނިން އެކަނި ނަމަވެސް އަންނާށޭ. ދެދަތުރަކަށް ހަދާނީ."

"އާ. މަ މަޑުކުރާނީ ފަހުންދާއިރު ދާން. ނިޔާޒުއާ މަށާ ދެމީހުންނަށް ބަސްތާތައް އެރުވޭނެ. ދެން ހަސަނުދޭ ފުރަތަމަ ބުރު. ހުރިހާ އަންހެންވެރިންނާއި ކުދިވެރިން ގޮވައިގެންދާން. އަނެއްކާ މިރޭ ބުނީމެއްނު އޮފީހަށްދާންޖެހޭ ވާހަކަ. އެހެންވީމަ މަށަށް ރަނގަޅީ ހަސަނު ކުރިން ދިޔައިއްޔާ" އަހުމަދުބެ ބުންޏެވެ.

"އާނ. އަހުމަދަށް އެގޮތް އޯކޭއިއްޔާ މަށަށްވެސް އޯކޭ"

މެންދުރު ނޫޑްލްސް ކައިގެން އަހަރެމެން އަނެއްކާވެސް ދިޔައީ ފުށްޓަރުފަރާތުގައި ހުރި ވެލިފުނިތައް ކައިރިއަށެވެ. އެތަނުން އެއްވެލިފުނި ބިމާހަމަކޮށްފައި ހުއްޓެވެ. ފެންނަ ފެނުމަށް މީހެއްގެ އަތުން ވެލިތައް ބުރުވާލާފައިހުރިހެން ހީވެއެވެ. މަންމަމެންނަށްވެސް މިތަން ފެނި އެކަމާ ހައިރާންވެގެން އުޅުނެވެ.

"މިރަށުގައި އަހަރުންނޫން އެހެން ބަޔަކު އުޅެނީތަ؟" މަންމަ ބައްޕަ ކައިރީގައި އަހާލިއެވެ.

"ހިޔެއްނުވޭ" ބައްޕަ މިހެން ބުނެފައި އަހުމަދުބެއާ ދިމާލަށް ބަލާލިއެވެ. ވީގޮތެއް އެއްވެސް މީހަކަށް ނޭނގެނީ ކަންނޭނގެއެވެ. އެހެންކަމުން އެވާހަކަ އިތުރަކަށް ދައްކާކަށް ބައްޕަމެންނެއް ނޫޅުނެވެ. އަވަހަށް ވެލިތައް ގޯނި ގޯންޏަށް އަޅައިގެން އަހަރެމެން ގޮވައިގެން އެތަނުން ދިޔުމަށް މަންމަމެން މަސައްކަތްފެށިއެވެ. ފަހެއްޖަހަން ކައިރިވިތަނާ ބައްޕަމެންގެ މަސައްކަތްނިމި ކައްޕިއަށް ގުޅިއެވެ. ކައްޕި މިހާރު އަހަރެމެން ބަލާ އަންނަނީކަމަށް ބުނުމުން ބައްޕައާއި އަހުމަދުބެގެ މޫނުމަތި އުޖާލާވެގެން ދިޔަތަން އަހަރެންނަށް ފެނުނެވެ. ކައްޕިއަށް ރަށާ ހަމައަށް އާދެވުނުއިރު އިރުއޮއްސެނީއެވެ.

"އަޅެ ހާދަ ލަހުންނޭ ތިއާދެވުނީ. އާދެބަލަ އަވަހަށް މިގޯނިތައް ތިއަށް އަރުވަން. ވަރަށް އަވަސް ކުރަން ވާނެ."

ދެއަންހެނުނާއި ކުދިން ޑިންގީއަށް އެރުމުން ގެނައި އެހެން ސާމާނުތައް ޑިންގީއަށް ލަމުން ބައްޕަ ކައްޕިއާ ދިމާލަށް ބުންޏެވެ. އޭރު ބައްޕަގެ ފޯނުން ބަންގީގެ އަޑު އިވިގެން ދެއެވެ. ދެނަމާދު ދޭތެރެއަށް އެޅުނީކަން އެނގި އަހަރެން ބިރުގަންނަ ގޮތްވިއެވެ. މުޅިރަށާ ދިމާލަށް ނުބަލަން ހުއްޓަސް ވެރިވަމުންދާ އަނދިރިކަމަށް އަހަރެންނަށް ބެލެނީއެވެ. މަންމަގެ އަތުގައި ބާރަށް ހިފަހައްޓާލައިގެން އިންއިރު އެއްވިނަގަނޑުން އަނެއް ވިނަގަނޑަށް އަހަރެންގެ ލޯ ދަތުރުކުރަމުން ދެއެވެ. އެހެން އިންދާ އަހަރެންނަށް ވަރަށް ކަޅު އެއްޗެއް ތަންކޮޅެއް ދުރުގައި ހުރި ވިނަގަނޑެއް ކައިރިން ފެނުނުހެން ހީވިއެވެ. އެ އަނދިރިކަމަށް އަހަރެންގެ ލޯ ހޭނެމުން ދިޔަވަރަކަށް އެ އެތީގެ ބައްޓަން އަހަރެންނަށް ދިޔައީ ސާފުވަމުންނެވެ.

އަހަރެންނަށް މަންމަ ކައިރީގައި ނޫނީ އެއްވެސް މީހެއް ކައިރީގައި އެވާހަކަ ދައްކަން ނުކެރުނެވެ. އަހަރެންނަށް ފެންނަނީ ކަޅުކުލައިން ހުރި ކުޑަ ކުއްޖެކެވެ. ހީވަނީ އެއީ ޒިޔާމްއާއި އެއް އުމުރެއްގެ ކުއްޖެއް ހެންނެވެ. އަހަރެން މަންމަގެ އަތަށް ބާރުކޮށްލުމުން މަންމަ ކުޑަކޮށް ގުދުވެ އަހަރެންގެ މޫނާ ދިމާލަށް ބަލާލަމުން ވީ ކިހިނެއްތޯ އަހާލިއެވެ. އޭރުވެސް އަހަރެންގެ ކަޅި ހުރީ އެކުއްޖާއަށް ހުއްޓިފައެވެ. އެކުއްޖާ ބަލަމުން ދިޔައީ އަހަރެންގެ ބައްޕައާއި، އަހުމަދުބެ އަދި ކައްޕިއާ ދިމާލަށެވެ.

"މަންމާ.. ވަރަށް ސިއްރުން ޒީޝް މިބަލާ ދިމާލަށް ބަލާބަލަ" އަހަރެން މިހެން ބުނުމުން މަންމަ ވެސް އެދިމާލަށް ބެލީ ކަންނޭނގެއެވެ. އަހަރެން މަންމަގެ އުނގަށް އަރުވާލައި ބައްޕައަށް އެކަމުގެ އިޝާރާތެއް ކޮށްލެވޭތޯ މަންމަ އުޅުނެވެ. ބައްޕަ ބަސްތާއެއްގެ ވެލި ހިފައިގެން އައި ގަޑީގައި މަންމަ ވަރަށް ސިއްރުން ބައްޕައަށް ގޮވާލައި އަތިރިމަތީގައި އުޅުނު ކައްޕިއާއި އަހުމަދުބެއާ ދިމާލަށް ރުޅިއައިސްގެން ލޯއަޅައިގެން ހުރި ކުޑަކުއްޖާ ދައްކާލިއެވެ. ބައްޕަވެސް ވަގުތުން ހަރަކާތްހުއްޓުނެވެ. ނަމަވެސް އެހާ އަވަހަށް އަތިރިމައްޗަށްގޮސް އެތާ ތިބި ދެމީހުން ކައިރީގައި ސިއްރުވާހަކައެއް ދައްކާލާފައި ޑިންގީއަށް އެރުވި ހުރިހާ ވެލި ބަސްތާއެއް ޑިންގީއިން ބާލަން ފެށިއެވެ. ވާނުވާ ނޭނގިފައިވާ ޒޭނާގެ މަންމައަށް މިތަން ފެނި ހަޅޭއްލަވައިގަންނަން އުޅުމުން މަންމަ އެކަން ހުއްޓުވައި މަޑުން އިނުމަށް ބުންޏެވެ. ވަގުތުގެ ގޮތުން އޭނަވެސް މަޑުން އިނެވެ. ގިނަ ބަސްތާތަށް ހުރީ ޑިންގީއަށް ނޭރުވިކަމުން އެރުވުނު މަދު ބަސްތާތަކެއް ބައްޕަމެން ވަރަށް އަވަހަށް ޑިންގީއިން ނަގައި އަތިރިމައްޗަށް ގެންދެވުނެވެ. މިހާރު ޑިންގީގައި އެއްވެސް ވެލި ބަސްތާއެއް ނެތުމުން ހުރިހާ އެންމެންނަށް އެއް ދަތުރެއްކޮށްފައި ރަށަށް ދެވޭނެއެވެ. އެންމެން ޑިންގީއަށް އަރައި ހަމަވިއިރުވެސް އެއްކަލަ ކުއްޖާ އެ އަނދިރިގަނޑުގައި އަހަރެމެންނާއި ދިމާލަށް ބަލަން ހުއްޓެވެ. ކައްޕިވެސް އަވަހަށް ޑިންގީ ދުއްވާލިއެވެ. އެރަށު ފަޅުން އަހަރެމެންނަށް ނުކުމެވެންދެން އެކުއްޖާ އެތާ ހުންނާނެކަންނޭނގެއެވެ. ނަމަވެސް އެހެން އުދަނގުލަކާ ނުލައި އަހަރެމެންނަށް ރަށާ ހަމައަށް އާދެވުނެވެ.

ކަންތައްވީގޮތް އަހަރެންގެ ބައްޕަ އެންމެނަށް ކިޔައިދިނީ ރަށަށް އަރައި ގެއާ ދިމާލަށް ދިޔަ މަގުމަތީގައެވެ. އެރަށުން ވެލި ނެގުމުން އެންމެން ކިޔާ "ރަށުތެރޭ ޖިންނި" ރުޅިއައީ ކަމަށްވެދާނެއެވެ. މީހުން ބުނެއުޅޭ ގޮތުން ރަށުތެރޭ ޖިންނި އާންމުކޮށް ފެންނަނީ ކުޑަކުއްޖެއްގެ ސިފައިގައެވެ. އަހަރެމެން ޒިޔާމް ކައިރިން ފެނުނު އިތުރު ހިޔަނީގެ ވާހަކަވެސް ބައްޕަމެންނަށް ކިޔައިދިނީމެވެ. ބައްޕަބުނީ އެއީވެސް އޭތިކަމަށް ވެދާނެ ކަމުގައެވެ. އަހަރެންނަށް އެކުއްޖާ ފެނުނުކަން އެއީ ނަޞީބެއްކަމަށާއި އެބަސްތާތަށް ހިފައިގެން އައިނަމަ އަހަރެމެންގެ ފުރާނަތައް ސަލާމަތުން، ރަށާހަމައަށް ފޯރާނެކަމުގެ ޔަޤީންކަމެއް ނެތްކަމަށް ބައްޕަ ބުންޏެވެ. އަދި ކަންތައްވީގޮތުން ދެދަތުރަކަށް ބަހަން ޖެހުނުނަމަ ފަހުން އެރަށުގައި މަޑުކުރަން ބުނި އަހުމަދުބެއަށް ވާނެގޮތެއްވެސް ނޭނގޭކަމަށްބުނެ ބައްޕަ އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. އަދި މަންމައާ ދިމާލަށް ބަލާލުމަށްފަހު ބުނި އަޑު އަހަރެން އެހީމެވެ.

"ތެދެކެވެ. ދަރިންނަކީ ލިބޭ މުޢުޖިޒާތެއްގެ އިތުރުން އަހަރެމެންނަށް ލިބޭ ނިޢުމަތަކަށް ވަނީ ގިނަ ސަބަބުތަކާހުރެއެވެ. މިދަރިފުޅުގެ ސަބަބުން މިއަދު މިސަލާމަތްވީ ކިހާވަރެއްގެ ބޮޑު ކަމަކުން ކަމެއް އިނގޭނީ ހަމަ ހެއްދެވި ފަރާތަށެވެ."

ނިމުނީ