ޗައިނާގެ ޝަންހާއީގައި ދިރިއުޅެމުންދާ ފަރާތްތަށް މި މަހުގެ ކުރީކޮޅު ފެނިގެން ގޮސްފައި ވަނީ ދުވަސްވީ އިމާރާތެއް މަގުމަތީގައި "ހިނގާފައި"ދާ މަންޒަރެވެ.

އެއީ އުމުރުން 85 އަހަރުވެފައިވާ ޕްރައިމަރީ ސްކޫލެއް ހިންގަމުންދާ އިމާރާތެކެވެ. އެ އިމާރާތް ބިމުން އުފުރާލުމަށްފަހު ޓެކްނޮލޮޖީގެ އެހީގައި އުފައްދާފައިވާ "ހިނގާ" މެޝިން މެދުވެރިކޮށް ވަނީ އެހެން ސަރަހައްދަކަށް ގެންގޮސްފައެވެ.

ދުވަސްވީ އެ އިމާރާތް އެހެން ސަރަހައްދަކަށް ގެންދިއުމަށް 200 ވަރަކަށް މޯބައިލް ސަޕޯޓް ނުވަތަ ރޮބޮޓިކް ފައި ބޭނުންކޮށްފައިވާނެ ކަމަށް އެ ޕްރޮޖެކްޓްގެ ޗީފް ޓެކްނިކަލް ސުޕަރވައިޒަރ ލަން ވުޖީ ބުނެފައި ވެއެވެ.

އެ މެޝިންތައް ހުންނަނީ ރޮބޮޓްގެ ފައި ހުންނަ ގޮތަށެވެ. އެ މެޝިންތައް ދެ ގްރޫޕަކަށް ބެހިލައިގެން އިމާރާތް އުފުއްލައެވެ. އަދި އޭގައި ހަރުކޮށްފައިވާ ސެންސަރު ތަކުގެ އެހީގައި އެ އިމާރާތް ކުރިއަށް ދެވޭ ގޮތް ހަދާފައި ވެއެވެ.

މިއީ 2018 ވަނަ އަހަރު ޝަންހާއީގެ އެވެލިއުޝަން ޝިފްޓް ކުންފުނިން އުފެއްދި ޓެކްނޮލޮޖީއެކެވެ.

ލަގެނާ ޕްރީ ސްކޫލްގެ ނަމުގައި ހިންގަމުންދިޔަ ޕްރީ ސްކޫލަކީ 1935 ވަނަ އަހަރު ބިނާ ކުރި އިމާރަތެކެވެ. އެ އިމާރާތް އެހެން ސަރަހައްދަކަށް ބަދަލުކޮށްފައި ވަނީ، އާ އޮފީސް އިމާރާތެއް އެޅުމަށް ޖާގަ ހެދުމަށެވެ. އެ އިމާރާތް ނިންމަން ތާވަލުކޮށްފައި ވަނީ 2023 ވަނަ އަހަރަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ މަސައްކަތް ކުރުމަށް އިމާރާތް ހިއްލާލުމަށްފަހު 21 ޑިގްރީއަށް އަނބުރާލާފައިވެއެވެ. އަދި އެ އިމާރާތް ގެންގޮސްފައި ވަނީ ކުރިން އެ އިމާރާތް ކުރި ސަރަހައްދާއި 62 މީޓާރު ދުރުގައި ހުރި ސަރަހައްދަަކަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެ މަސައްކަތް ނިންމާލެވުނީ 18 ދުވަހުންނެވެ.

އަދި އެ އިމާރާތް އެއްކޮށް ބަދަލު ކުރުމުގެ މަސައްކަތް ނިންމާފައި ވަނީ އޮކްޓޯބަރު 15 ވަނަ ދުވަހުއެވެ.

މިއީ މިފަދަ މެޝިންއެއްގެ އެހީގައި ޝަންހާއީގެ އިމާރާތެއް ބަދަލު ކުރި ފުރަތަމަ ފަހަރު ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރާއްޖެ

    😮

    9
    1
  2. Anonymous

    ހުޅުމާލެ ބުރިޖުވެސް ލޯނު ނުދެއްކިއްޖެ ނަމަ ހިނގާލާފަ ނައްޓާލާނެ ޗައިނާ އަށް

    34
    5