އެމެރިކާގެ ރިޔާސީ އިންތިޚާބަށްފަހު އެމެރިކާގެ ފަސްޓްލޭޑީ މެލާނިއާ ޓްރަމްޕް ފުރަތަމަ ފަހަރަށް ވާހަކަދައްކައިފިއެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާ އަށް އިޝާރާތްކޮށް އެއްވެސް ވާހަކައެއް މެލާނިއާ ނުދައްކައެވެ.

އިންތިޚާބަށްފަހު މެލާނިއާ މިހާތަނަށް ކުރި ހަމައެކަނި ޓްވީޓްގައި ވަނީ "ބީބެސްޓް" ކެމްޕޭން އާއި ގުޅޭ ގޮތުން ވާހަކަދައްކައެވެ. މީގެ އެއްއަހަރު ކުރިން އެމެރިކާގެ ސެކްރެޓަރީ އޮފް ހެލްތު އާއިއެކު ބޭއްވެވި ބައްދަލުވުމެއްގެ ޓްވީޓް ރީޓްވީޓް ކުރައްވަމުން މެލާނިއާ ވިދާޅުވީ ބީބެސްޓް ކެމްޕޭން ދަނީ ކާމިޔާބު ވަމުން ކަމަށެވެ.

ބީބެސްޓް ކެމްޕޭން އަކީ ކުޑަކުދިންނަށް ދިމާވާ ތަފާތު މައްސަލަތަކާއި މެދު މީހުން ހޭލުންތެރި ކުރުމަށް ކުރިއަށް ގެންދާ ކެމްޕޭނެކެވެ. މެލާނިއާ އިސްނަގައިގެން ވައިޓް ހައުސް އިން ކުރިއަށް ގެންދާ މި ކެމްޕޭންގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް ދާއިރާ އަކީ އިންޓަނެޓްގައި ކުޑަކުދިންނަށް ގަނާ ކުރުން ހުއްޓުވުމެވެ.

ޓްރަމްޕް އިންތިޚާބުން ބަލިވާނެ ކަން މިހާރު ގާތްގަނޑަކަށް ކަށަވަރު ވެފައި ވާއިރު މެލާނިއާ އަށް މިފަހަރު ކެމްޕޭންގައި އެންމެ ރަނގަޅަށް ބައިވެރިވެސް ނުވެވުނެވެ. ކެމްޕޭންގެ އެންމެ މުހިއްމު ދުވަސްވަރު ކޮވިޑް-19 އަށް ފައްސިވުމުން ދުވަސްތަކެއް ވަންދެން އޭނާ ވެސް ގޭގައި މަޑުކުރަން ޖެހުނެވެ. ކޮވިޑް-19 އިން ރަނގަޅުވި ފަހުން ވެސް ކެއްސުން ރަނގަޅު ނުވުމުން ކެމްޕޭން އިވެންޓްތަކުގައި ބައިވެރިވުން ފަހުން ކެންސަލް ކުރިއެވެ.

ނަމަވެސް އެންމެ ފަހު ވަގުތު ކެމްޕޭނަށް ނިކުންނަވާ މެލާނިއާ ވަނީ ވަރުގަދަ ތަޤުރީރުތަކެއް ދެއްވާފައެވެ. މެލާނިއާގެ ތަޤުރީރުތަކުގެ ސަބަބުން ޓްރަމްޕް އަށް ތާއިދު އިތުރުވި ކަމަށް ޚިޔާލު ހޯދުމުގެ ވޯޓްތަކުން ދައްކައެވެ.

ސްލޮވޭނިއާ އަށް އުފަން މެލާނިއާ އަކީ ކުރިން މޮޑެލް އެވެ. އޭނާ އަކީ ޓްރަމްޕް ތިން ވަނަ އަނބިމީހާއެވެ. މެލާނިއާ އާއި ޓްރަމްޕް ލޯބީގެ ގޮތުން ގުޅުނީ 1998 ވަނަ އަހަރުއެވެ. ނަމަވެސް ކައިވެނި ކޮށްފައި ވަނީ 2005 ވަނަ އަހަރު އެވެ. މަލާނިއާ އާއި ޓްރަމްޕް އަށް ލިބިފައި ވަނީ އެންމެ ކުއްޖެކެވެ.