އަންނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވި އަލުން ވެރިކަމަށް އާދެވުނު ނަމަވެސް ސަރުކާރުގެ ވަޒީފާތަކަށް ދެން ދަރިން ނުގެންނާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް އެމެރިކާގެ ވެރިކަން ކުރި ދުވަސްވަރު ވައިޓްހައުސްގެ އިސް މަގާމުތަކުގައި އަންހެން ދަރިފުޅު އިވަންކާ އާއި އޭނާގެ ފިރިމީހާ ޖަރެޑް ކުޝްނާ އަދި ޑޮނަލްޑް ޓްރަމްޕް ޖޭއާރް ތިއްބެވެ.

ޓްރަމްޕް ބޭނުންވާ ގޮތައް ޚަބަރު ގެނެސްދޭ އެމެރިކާގެ ފޮކްސް ނިއުސް އަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ ދެން ސަރުކާރުގެ ވަޒީފާތަކަށް އާއިލާ މެންބަރުން ގެނައުމުގެ ވިސްނުމެއް އޭނާގެ ނެތް ކަމަށެވެ. "އަހަރެންގެ އާއިލާ މެންބަރުން އަދާކުރި ޒިންމާތަކުގެ ސަބަބުން އެމީހުންނަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވެއްޖެ. އެމީހުން ބަރުދާސްތު ކުރަން ޖެހުނީ ވަރަށް ދަތި އުނދަގޫ ކަންތައްތަކެއް. އެތަޖުރިބާ ދެން އަނެއްކާ ތަކުރާރު ކުރާކަށް ބޭނުމެއް ނޫން." ޓްރަމްޕް ބުންޏެވެ.

ޓްރަމްޕްގެ ވެރިކަމުގައި އެންމެ ހަރަކާތްތެރިކޮށް ފެނުނީ ޓްރަމްޕްގެ ދޮށީ އަންހެން ދަރިފުޅު އިވަންކާ އެވެ. ނަމަވެސް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ޓްރަމްޕް ފެށުމުން އިވަންކާ ވަނީ ދެން ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރި ނުވާނެ ކަމަށް ބުނެ ބަޔާނެއް ވެސް ނެރެފައެވެ.

ކުރީފަހަރު އެމެރިކާގެ ރައީސް ކަމަށް އައުމަށް ޓްރަމްޕް ކުރި ކެމްޕޭންގައި އާއިލާ މެންބަރުންގެ ބައިވެރިވުން ވަރަށް ބޮޑަށް އޮތް ނަމަވެސް މިފަހަރު ކެމްޕޭން އިވެންޓްތަކުން އާއިލާ މެންބަރުންނެއް ނުފެނެއެވެ. ޓްރަމްޕްގެ އަނބިމީހާ މެލިންޑާ ވެސް ފެނިފައި ވަނީ ވަރަށް މަދު ކެމްޕޭން އިވެންޓަކުންނެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭން ޓްރަމްޕް ފަށާފައި ވީނަމަވެސް ގިނަ ދައުވާތަކެއްގެ ސަބަބުން ޓްރަމްޕްގެ ކެމްޕޭނަށް ވަނީ އެކަމުގެ ހިޔަނި ވެސް އެޅިފައެވެ. މިދިޔަ ހަފްތާގައި ވެސް ވަނީ ޓްރަމްޕްގެ މައްްޗަށް އެމެރިކާގެ ފެޑްރަލް ކޯޓެއްގައި 37 ދައުވާއެއް އުފުލާފައެވެ. އެއީ އެމެރިކާގެ ދައުލަތުގެ ސިއްރު ލިޔުންތަކެއް ގެންގޮސް އަމިއްލަ ގޭގައި ބެހެއްޓި މައްސަލައެއްގައި އުފުލާފައިވާ ދައުވާތަކެކެވެ.

ނަމަވެސް ޓްރަމްޕް ބުނާ ގޮތުގައި އޭނާގެ މައްޗަށް އުފުލާފައި ވަނީ ސިޔާސީ ދައުވާތަކެކެވެ. އެދައުވާތައް އޭނާގެ މައްޗަށް އުފުލާފައި ވަނީ އޭނާ އެމެރިކާގެ ރައީސް ކަމަށް އަތުވެދާނެތީ އެކަމަށް ހުރަސް އަޅަން ކަމަށް ވެސް ޓްރަމްޕް ބުނެއެވެ.