ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ އެކްޓަރ އަދި ފިލުމު ޕްރޮޑިއުސަރ ބްރެޑް ޕިޓް، ކުޑަ މުސާރަ ލިބޭ އާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި އަމަލީ ގޮތުން މަސައްކަތް ކުރާ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

އެމެރިކާގައި ފާހަގަ ކުރާ ގައުމީ ބަންދު ދުވަހެއް ކަމަށްވާ ''ތޭންކްސްގިވިން'' ހޮލިޑޭގައި ކުޑަ މުސާރަ ލިބޭ އާއިލާތަކުގެ ކައި މޭޒު މަތީގައި ވެސް ކައި އެއްޗެއް ހުންނަން ބޭނުންވާތީ މިދިޔަ ހަފުތާ ބްރެޑް އަމިއްލައަށް ގޭގެއަށް ކައި ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްފައިވެއެވެ.

މި ތަކެތި ގޭގެއަށް ފޯރުކޮށްދިންއިރު އޭނާ ލައިގެން ހުރި އާދައިގެ ހެދުމާއި މި ހެޔޮ ކަންތަކުގެ ސަބަބުން ގިނަ ފަރާތްތަކުން ބުނަމުންދަނީ އެ މީހުންނަށް އެ ތަކެތި ފޯރުކޮށްދެނީ ބްރެޑްކަން ގަބޫލު ކުރަން ވެސް އުދަނގޫ ކަމަށެވެ.

ބުރެޑް މި މަސައްކަތް ކުރަނިކޮށް ފެނި އެކަމާ ވަރަށް ހިތްހަމަޖެހިފައިވާ މީހަކު ބުނެފައިވަނީ ބްރެޑް ހަމައެކަނި ކައި ތަކެއްޗަށް ފައިސާ ދިނީ ނޫންކަމަށާއި ޚުދު އޭނާ އެ ތަކެތި ގޭގެއަށް ގެން ގޮސް ދިނުމުގައި މަސައްކަތް ކޮށްފައިވާކަމީ ދުވަހަކު ވެސް ހަނދާނުން ފިލާނެ ކަމެއް ނޫންކަމަށެވެ.

މަންޒަރު ދުށް ފަރާތަކުން ބުނެފައިވަނީ ބްރެޑް އެ ތަކެތި ފޯރުކޮށްދެން އުޅުނު އިރު އޭނާއާއިއެކު އުޅުނު އެހެން މީހުންނަށްވުރެ ވެސް އެކަމުގެ ތެރެއަށް އޭނާ ވަދެފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.

މަންޒަރު ދުށް އެެހެން ފަރާތަކުން ބުނެފައިވަނީ އެ އެއްޗެހި އާއިލާތަކާއި ހަވާލު ކުރި އެމީހުންނާ ވާހަކަ ދައްކައި ހީ ސަމާސާކޮށް ހެދި ކަމަށާއި އެއީ ދުވަހަކު ވެސް ބްރެޑް ފެނިފައިނުވާ ގޮތެއް ކަމަށެވެ.

ބްރެޑްގެ މި އަގުހުރި މަސައްކަތުގެ ސަބަބުން އެތައް ބަޔަކު ދަނީ ހިތުގެ ފުންމިނުން އޭނާއަށް ޝުކުރު އަދާ ކުރަމުންނެވެ.