ހޮލީވުޑްގެ މަޝްހޫރު އަންހެން ބަތަލާއިން ޖެނިފާ އެނިސްޓަންއާއި އެންޖެލީނާ ޖޯލީގެ ހިތް ކުދިކުދި ކުރުމަށްފަހުވެސް ބްރެޑް ޕިޓް ދަނީ މާޒީއަކީ ފޮހެން މަސައްކަތްކޮށްފިނަމަ ހަނދާނުން ފިލުވިދާނެ އެއްޗެއްކަން ކައިވެނި ރޫޅިވެފައިވާ އެހެން ފިރިހެނުންނަށް ދައްކާދެމުންނެވެ.

އެގޮތުން ބްރެޑްގެ ދިގު މާޒީ ހަނދާން ނައްތާލަދިނުމުގައި އެހީތެރިކަން ފޯރުކޮށްދެނީ އޭނާގެ މިހާރުގެ ލޯބިވެރިޔާ ކަމަށްވާ އުމުރުން 29 އަހަރުގެ ފިޓްނަސް އެންތޫސިއަސްޓް އީނީސް ޑީ ރަމޮންއެވެ.

ބްރެޑް ޕިޓްގެ 59 ވަނަ އުފަން ދުވަހުގައި އީނީސް އާއި ބްރެޑްގެ އުފާވެރިކަން ފޭނުންގެ ލޯތަކާއި ހަމައަށް ކެމެރާތައް ވަނީ ގެނެސްދީފައެވެ. އުފާވެރި ޒަވާޖީ ޙަޔާތެއްގެ ބިންގާ ފުނޑުފުނޑު ވުމުން އެ ހިތް ދަތިކަމުން އަރައިގަނެގެން އެހެން ލޯތްބަކާއި ހަމައަށް ދެވޭނީ ގިނަ ފިރިހެނުންނަށް ވަރަށް އުނދަގުލުންނެވެ. ބްރެޑްވެސް އޭނާގެ ކުދިންގެ މަންމަ އެންޖެލީނާ ކައިރިން ވަރިވީ ފަހުން ސްކްރީންގެ ބޭރުން އެހެން އަންހެނުންނާއި ގާތް ގުޅުމެއް ބާއްވާފައެއް ނުވެއެވެ. ނަމަވެސް މަޝްހޫރު ތަރިއަކަށް ވީތީ، މީޑިއާތަކުން ދިޔައީ ބްރެޑްއާއި ވިކްޓޯރިއާސް ސީކްރެޓް މޮޑެލް އެމިލީ ރަޓަކައުސްކީ ފަދަ އެކި މޮޑެލުންނާއި އަޅުވާ ކިޔަމުންނެވެ. އެހެން ނަމަވެސް، އީނީސްގެ ކުރިން ބްރެޑްއާއި އެހެން އަންހެނަކު ބްރެޑްއާއި މިހާ ކައިރީގައި އުޅޭ މަންޒަރު ފެނިފައިނުވާ ކަމަށް ބައެއް މީޑިއާތައް ފާހަގަކޮށްފައިވެއެވެ.

މާޒީއެއް އޮތީ ބްރެޑްގެ އެކަންޏެއް ނޫނެވެ. އީނީސްގެ މާޒީގައިވެސް ލޯބިވެރިއެއް ހިމެނެއެވެ. އެއީ "ވެމްޕަޔަރ ޑައިރީޒް" އިން މަޝްހޫރުކަން ހޯދާފައިވާ ޕޯލް ވެޒްލީއެވެ. އީނީސް އާއި ޕޯލްގެ ކައިވެންޏަށް 3 އަހަރު ވީ ފަހުން އެދެމީހުން ވަނީ ވަރިވެފައެވެ.

ޕޯލް ވެޒްލީއަށްފަހު ބްރެޑްއާއި އެކީގައި ފެންނަ ފެނިލުން ދިގުދެމިގެންދާނެތޯ ގިނަ ބަޔަކުގެ ހިތުގައި ސުވާލު އުފެދެއެވެ.