ރަޝިއާގައި ޕާޓީ ކުރި ނުވަ މީހަކު އެމީހުންގެ އަތުގައި ހުރި ބަނގުރާ ފުޅިތައް ހުސްވުމުން ބަނގުރަލުގެ ބަދަލުގައި ސެނެޓައިޒާ ބުއިމުން އޭގެ ތެރެއިން ހަތް މީހަކު މަރުވެ އަނެއް ދެމީހުންގެ ހާލު ސީރިއަސް ވެއްޖެއެވެ.

ރަޝިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ސެނެޓައިޒާ ބުއިމުން ހާލު ސީރިއަސްވި ދެމީހުންނަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. އެމީހުންގެ ފުރާނަ ވެސް ސަލާމަތް ވެދާނެކަމުގެ އުއްމީދު ކުޑައެވެ.

މިހާދިސާ ހިނގީ މިދިޔަ ބުރާސްފަތި ދުވަހު ރަޝިއާގެ އެންމެ ބޮޑު ރީޖަން ކަމަށްވާ ޔަކޫޓިއާގެ ޓޮމްޓޯ ނަމަކަށް ކިޔާ އަވަށުގައެވެ.

މަރުވި މީހުންގެ ތެރެއިން ފުރަތަމަ މަރުވީ 41 އަހަރުގެ އަންހެނަކާއި 27 އަހަރުގެ ދެފިރިހެނުންނާއި 59 އަހަރުގެ ފިރިހެނެކެވެ. އެމީހުން ވަނީ ސެނެޓައިޒާ ބުއިތާ ގިނަ އިރުތަކެއް ނުވަނީސް މަރުވެފައެވެ. ޖެހިގެން އައި ހުކުރު ދުވަހު އިތުރު ތިން މީހުން މަރުވިއެވެ. އެއީ 28 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނަކާއި 69 އަހަރުގެ ފިރިހެނެކެވެ. ހަތް ވަނަ މީހާ މަރުވެފައި ވަނީ މިއަދު އެވެ. އޭނާގެ އުމުރެއް އަދި ސާފެއް ނުވެއެވެ.

މިހާދިސާ ރަޝިއާގެ ޕްރޮސެކިއުޓަރުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ. ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި މިހާދިސާ ހިނގީ މިހާރު މަރުވެފައިވާ މީހުންގެ އަމިއްލަ އިހްތިޔާރުގައި ކަމަށް މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވެއެވެ. މިކަމުގައި އިތުރު މީހެއްގެ ދައުރެއް އޮތްކަން އަދި މިހާތަނަށް ފާހަގަވެފައި ނެތް ކަމަށް ވެސް ޕްރޮސެކިއުޓަރުން ބުނެއެވެ.

ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ސެނެޓައިޒާ ނުބުއިމަށް އެގައުމުގެ އާއްމު ރައްޔިތުންނަށް ނަސޭހަތްތެރިވަމުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ސެނެޓައިޒާ ބޭނުން ކުރުން ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު ރަޝިއާ ފިޔަވައި އެހެން ބައެއް ގައުމުތަކުގައި ވެސް ސެނެޓައިޒާ ބުއިމުގެ ސަބަބުން މީގެ ކުރިން ބައެއްމީހުން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު