ޖޯނީ ޑެޕްއަކީ ހޮލީވުޑްގެ ފިލްމުތަކަށް ލޯބިކުރާ އެއްވެސް މީހަކަށް އާ ނަމަކަށް ނުވާނެއެވެ. ޕައިރެޓްސް އޮފް ދަ ކެރީބިއަން ފަދަ ކާމިޔާބު އެތައް ފިލްމަކުން ކުޅަދާނަ އެކްޓިންއެއް ދައްކުވައިދިން ޖޯނީގެ ފިލްމީ ކުރިމަގު މިވަގުތު ވަނީ ސުވާލެއްގެ ތެރޭގައެވެ.

ސަބަބަކީ ހުތުރު ގޮތަކަށް ރޫޅުނު އޭނާގެ ކައިވެންޏެވެ. ބަތަލާ އެމްބާ ހާޑް އާއި އެ ދެ މީހުންގެ ކައިވެނި ރޫޅުނީ އެކަކު އަނެއކަކަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެހެންނަމަވެސް ކޯޓު މަރުހަލާގައި ބަލި އާއި ކުރިމަތިލާން ޖެހުނީ ޖޯނީ އަށެވެ.

ޖޯނީ އާއި އެމްބާ އާއި ދެމީހުންވެސް ވަނީ އެކަކު އަނެކަކަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަނިޔާ ކުރި ކަމަށް ތުހުމަތުކޮށްފައެވެ.

އަދި އެމްބާ ޖޯނީ ޑެޕް އާއި ދިމާލަށް އެއްޗިހި ކިޔާ އޯޑިޔޯއެއް ލީކުވެ ޖޯނީ ޑެޕް ކުޅެން ހަމަޖެހިފައިވާ ރޯލުން ވަކިކުރަން ނިންމުމުން އެކަމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ނުދެކޭ އެތައް މީހުންނެއް އެބަ ތިއްބެއެވެ. ހަމަ ޖޯނީ ޑެޕް ވަކި ކުރުމުން އެ ފިޔަވަޅު ހާޑް އަށް ވެސް އަޅަން މިލިއަނެއްހާ މީހުން ވަނީ ޕެޓިޝަނެއްވެސް ހުށަހަާފައެވެ.

މީޑިއާ ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނާގޮތުން ކޯޓު ކޭސް އެމްބާ އާއި އެއްކޮޅަށް ނިމުމަކީ ޖޯނީގެ ކެރިއާ އަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. އެ ދެ މީހުންގެ ޣާތް މީހުންގެ ވާހަކައިން ދެ މީހުންވެސް އެކަކު އަނެކަކަށް އަނިޔާ ކުރިކަން އެނގުނު ނަމަވެސް ކޯޓުން މައްސަލަ ނިމުނީ ޖޯނީ އާއި ދެކޮޅަށް ކަމަށް ވުމުން ޖޯނީ އަށް މވަގުތު ފިލްމެއް ދޭން ބޭނުން ނުވާނެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ގިނަ ވާނެއެވެ.

އެހެންނަމަވެސް ޖޯނީއަކީ ފޭނުން ގިނަ މީހަކަށް ވުމުންނާއި ކޯޓު މަރުހަލާ އަދި އެއްކޮށް ނުނިމޭތީ އޭނާ އަށް ފިލްމީ ދާއިރާގައި އޮތް އުންމީދު އަދި މުޅިން ފަނޑެއް ނޫނެވެ. އަދި ފޭނުން އޭނާ އށް ދައްކާ ސަޕޯޓާއި އެކު އޭނާ އަށް އަދިވެސް ކުރިއަށް ދެވިދާނެ ކަމަށް ވެލެވެއެވެ.

2016 ވަނަ އަހަރު ޑެޕް އާއި ހާޑް ވަރިވުމަށްފަހު ޖޯނީ ޑެޕް އަށް އެތައް ތުހުމަތެއް ހާޑް ދަނީ ކުރަމުންނެވެ. އެގޮތުން އޭނާ ބުނަނީ ޖޯނީ ޑެޕް އޭނާ އަށް ބިރުދައްކައި އަނިޔާކުރާ ކަމަށެވެ. އަދި ހާޑް ގެ ފިލްމީ ކެރިއަރު ކުރިއަށް ގެންދަން ހުރަސް އަޅާކަމުގެ ތުހުމަތުތައްވެސް ޖޯނީ ޑެޕްގެ މައްޗަށް އޭނާ ވަނީ ކޮށްފަ އެވެ. ޖޯނީ ޑެޕް އާއި ދެކޮޅަށް ހާޑް ލިއުނު އެއްޗަކާއި ގުޅިގެން ޖޯނީ ޑެޕް ވަނީ ހާޑްގެ މައްޗަށް އަބުރާ ބެހުމުގެ ދަޢުވާވެސް ކޮށްފަ އެވެ.