އިންޑިއާގެ ބެންގަލޫރުގެ ފައްޅިއެއްގައި ފާދިރީއަކަށް އުޅޭ މީހެއް، އުމުރުން ދިހަ އަހަރުގެ ކުއްޖަކު ރޭޕް ކުރުމުގެ މައްސަލައިގައި ހައްޔަރުކޮށްފިއެވެ.

ވެންކަޓަރަމަނަށްޕާ ނަމަކަށް ކިޔާ މި ފާދިރީގެ އަންހެން ދަރިފުޅާއި ދަނބި ދަރިއަކީ ވެސް ދެ ފާދިރީންނެވެ. އެ ދެމީހުން އޭރު އަޅުކަމަށް ދިޔަ ވަގުތު ވެންކަޓަރަމަނަށްޕާ ވަނީ ގޭ ކައިރީގައި އުޅޭ 10 އަހަރުގެ އަންހެން ކުއްޖަކު ކުޅެން ކަމަށް ބުނެ ގެއަށް ވައްދައިފައެވެ.

އެ ކުއްޖާ ގެއަށް ވެއްދީ މެޓާ ދީ ހައްލާލައިގެން ކަމަށްވެއެވެ. އަދި ގެއަށް ވައްދައި ރޭޕްކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަންހެން ކުއްޖާގެ މައިންބަފައިން އެ ކުއްޖާ ގެއަށް ނައިސް ގިނައިރު ވާން ފެށުމުން ހޯދަނިކޮށް، އަންހެން ކުއްޖާ އެ ފާދިރީގެ ގެއަށް ވަތް ތަން ފެނުނު ކަމަށް މީހަކު ބުނުމުން، އެމީހުން އެ ގޭ ދޮށަށް ދިޔައިރު އެ ކުއްޖާ ރޮމުން ރޮމުން އެ ގެއިން ނިކުންނަނީއެެވެ.

މިކަން ހިނގި ގޮތް އަންހެން ކުއްޖާ އޭނާގެ މައިންބަފައިންނަށް ކިޔައިދިނުމުން އެ މީހުންވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅައިފައެވެ. ފުލުހުން ވެންކަޓަރަމަނަށްޕާ ހައްޔަރު ކޮށްފައިވަނީ އަންގާރަ ދުވަހު ރެއެވެ.

ފާދިރީގެ ގެ ކައިރި ހުރި ސީސީޓީވީ ފުޓޭޖުތައް ވެސް ފުލުހުން ވަނީ ބަލައިފައެވެ. އަދި އެ ކުއްޖާ އެ ގެއަށް ވެއްދި ތަން ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މި ފާދިރީ މީހާ ވަނީ އެކަމަށް އެއްބަސްވެފައި ކަމަށެވެ.