(އެގާރަވަނަ ބައި)

ނަތާޝާ އިނީ އިސްޖަހައިގެންނެވެ. އަހްލާމްގެ ޖުމްލަތަކުން އޭނާގެ ހިތަށް އަސަރުކުރީއެވެ. އަލީފް އޭނާއަށް ގެއްލިގެން ދަނީހެން ހީވަނީއެވެ. އޭނާ ދެ ލޯ ފަދައިން ލޯބިވާ އަލީފް ގެއްލިގެން ދާ ތަން ބަލަން ނަތާޝާ އަތް އުރާލައިގެން ހުންނާކަށް ބޭނުމެއް ނުވެއެވެ. އެހެނަސް އޭނާގެ ހަށީގައި އެކަމަށް އެކަށޭނެ ބާރެއް ނެތެވެ. އެކަން ކުރާނެ ގޮތުގެ އުކުޅެއް އޭނާއަކަށް ނުވިސްނުނެވެ.

"ނަތާ! ކޮން ޚިޔާލެއްގައިތަ؟ އަހަރެންނަށް ކިޔައިދީބަލަ! އޭރުން ހެލްޕެއް ވައްޓާލެވޭނީ!" ހިތުން މާ އޯގާތެރިވެގެން ލުކްޝާން މަސައްކަތްކުރީ ވެގެން އުޅޭ ގޮތެއް ނަތާޝާގެ ދުލުން އޭނާއަށް ކިޔައިދޭތޯއެވެ.

"އެއްވެސް މީހެއްގެ ގާތުގައި ނުބުނާ މަތިން މި ވާހަކަ ބުނެވޭނީ." ނަތާޝާގެ އަޑު ވަނީ ކުރަކިވެފައެވެ. "މިހާރު އަހަރެންނަށް ހީވަނީ އަހަރެންގެ ބޯ ހަލާކުވެދާނެހެން."

"ކިޔައިދީބަލަ! މަ ތި ވާހަކަ އެއްވެސް މީހެއްގެ ގާތަކު ނުބުނާނަމޭ! ޓްރަސްޓް މީ!" ލުކްޝާން ނަތާޝާގެ ގާތުގައި ހުރި ގޮނޑީގައި އިށީނެވެ.

"އަހަރެން ވަރަށް ލޯބިވޭ އަލީފްދެކެ!" ނަތާޝާގެ ލޯ ފެންކަޅިވިއެވެ.

"ތި މި ސެކްޝަންގެ ކުދިންނަށް ފާހަގަކުރެވިފަ އޮތް ކަމެއް." ލުކްޝާނަށް އެ ވާހަކަ އެނގޭ ކަމަށް ހަދާލިއެވެ. "ނަތާ އުޅޭ ގޮތުން މަށަށް ވެސް ވަރަށް ޝައްކުވި!"

"އެހެންތަ! އަސްލުވެސްތަ؟" ނަތާޝާއަށް ހަމަޖެހިލެވުނެވެ. "އެކަމަކު އަހްލާމް އައިފަހުން ހުރިހާ ކަމެއް ގޯސް."

"އެ ކީއްވެ ގޯސްވާންވީ؟"

"އޭނާ އައިފަހުން އަހަރެންނަށް އަލީފަށް އެއްގޮތަކަށްވެސް ޚިދުމަތްކޮށްލަން އެއްވެސް ފުރުޞަތެއް ނުލިބޭ!" ޝަކުވާކުރާ ބީދައިން ނަތާޝާ ވާހަކައަކަށް ފަހު ވާހަކައެއް ލުކްޝާނަށް ކިޔައިދެމުން ދިޔައެވެ. "މިހާރު ހީވަނީ އަހްލާމް އަލީފްގެ ހިތް އަތުލައިފިހެން!"

"އެ ކީއްކޭ؟ އަހްލާމާއި އަލީފް؟ ނުވާނެ!" ލުކްޝާނަށް ލިބުނީ ކުއްލި ސިހުމެކެވެ.

"އަހަރެންނަށް މިހާރު އެކަން ޝައްކު! އަދި އޭނާ މި އޮފީހަށް އައިތާ ދެ ތިން މަސް ނުވެ." ނަތާޝާ ތުން ބޮޑުކޮށްލިއެވެ. "އެހާ އަވަހަށް ފިޔަ ފަޅައިގެން އުދުހެން ފަށައިފިއްޔާ އަހަރެންނަށް އަލީފް ގެއްލޭނެކަން ޔަޤީން."

"އެހެންވީމާ... އަހަރެން ތީގަ ނަތާއަށް ކޮން ކަމެއް ކޮށްދޭންވީ؟" ލުކްޝާން ވިސްނާފަ ނަތާޝާއާ ސުވާލެއް ކޮށްލިއެވެ.

"އަހަރެން ބޭނުމީ އަލީފް. އަހަރެންނަށް އަލީފް ލިބެނިކޮށް އެ ނިމުނީ." ނަތާޝާގެ އެދުން ވަރަށް ފަސޭހައިން ހާމަކޮށްލިއެވެ.

"ވަރަށް މޮޅު ގޮތެއް އެބަ އޮތް؟" ލުކްޝާން ކަނާއަތު ދެ އިނގިލި ކުރިން ޓޮކެއް ކަނޑައިލިއެވެ.

"އެއީ ކޮން ގޮތެއް؟"

"އަހަރެން އަލީފް ގާތުގައި ބުނުން." އަހްލާމް ހުރީ ކޮޅަށެވެ.

"ކޮން ވާހަކައެއް؟" ނަފާޒާއަށް އަހްލާމް ބުނާ އެއްޗެއް ދޭހައެއް ނުވިއެވެ.

"އަހަރެން އަލީފްދެކެ ލޯބިވާކަން ބުނުން." އަހްލާމް އެނދުމަތީގައި އިށީނެވެ. "އޭނާ އަހަރެންގެ ގާތުގައި ތިޔަ ދުނިޔެއިން އަޅުގަނޑަށްވެސް ޖާގައެއް ދޭށޭ ބުނީމަ، އަހަރެން ހީކުރީ އަހަރެންގެ ދުނިޔެކަމަށް."

"ވާވާ! ދެން!" ނަފާޒާ ހުރީ ނިކަން ވާހަކަ އަޑުއަހާ ހިތުންނެވެ.

"ދެން ބުނީ ޚިޔާލީ ދުނިޔެއޭ. އެ ހިސާބުން އަހަރެން ލަދުން ގޮތެއް ނެތް." އަހްލާމްގެ މޫނު ރަތްވެގެން ދިޔައެވެ.

"އޭ މިތާކު އަލީފެއް ނެތް. ތި ރަކިވަނީ!" ނަފާޒާ އަހްލާމާ ދިމާކޮށްލިއެވެ.

"ރަކި ނުވާންވީ ކީއްވެ؟ އެހަރަ ވަރުގަދަ ރީތި ދެ ލޮލެއް! އެ ލޮލުގެ އެސްފިޔަތައް! އެ އެސްފިޔަތަކުގެ މަތީގައިވާ ކަޅުކަން ގަދަ ދެ ބުމަ! އެ ފުރިހަމަ އަކަ މޫން! އެ އިލިކަން ގަދަ ތުނބުޅި!" އަހްލާމް އަލީފް ސިފަކޮށްދޭން ފެށިއެވެ.

"އޯކޭ! އަހަރެން ހިތް ކިޔަފާނެ އެނގޭ!" ނަފާޒާ ކަމަކީ އަހްލާމާ ދިމާކުރުމެވެ.

"ހުރިހާ ކުދިންވެސް ހިތް ކިޔާނެ. އެ ވަރުވޭ! އެކަމަކު ސުވާލަކީ ކާކަށް ބާވައޭ ލިބޭނީ؟" އަހްލާމް ވާހަކަ ދައްކަމުން ދިޔައީ މުޅިން އެހެން ދުނިޔެއަކަށް ގެނބެމުންނެވެ. "އޭނާ ލިބޭ ކުއްޖަކު ހާދަ ކާމިޔާބެއް ވާނޭ."

"ފުރަތަމަ އަހާ މީހަކަށް ލިބިދާނެ." ނަފާޒާ ޚިޔާލެއް ދިނެވެ.

"އެކަމަކު ހާދަ ކުއްޖެއް އަހަންވެސް އަހާނޭ!" އަހްލާމްގެ ހިތް އަލީފަށް އެދެމުން ދިޔައެވެ.

"ކުއްޖަކާ ރައްޓެހިނުވެ ހުންނާނީ އަދި ބޭނުންވާ މަލެއް ނުފެންނާތީތާ!" ނަފާޒާ ދިނީ އަހްލާމް އަޑުއަހަން ބޭނުންވާ ޖަވާބެވެ. "އަހްލާމް ތިއީ އަލީފް ބޭނުންވާ މާކަން ޔަޤީންކުރޭ! އޭރުން ލަހެއް ފަހެއް ނުވެ މިކަން ނިމިދާނެ. ހިއްހިއް!"

އަހްލާމް އޮތީ އެނދުމަތީގައި ފުރޮޅިލަ ފުރޮޅިލައެވެ. އޭނާގެ ލޮލަށް ނިދި ނާންނަނީއެވެ. އޭނާ ވަނީ ފުން ޚިޔާލީ ކަނޑަކަށް ގެނބިފައެވެ. ގެނބިގެން އޭނާގެ ފަރުވާލެއް ނެތެވެ. އެއީ އޭނާއާއެކު އަލީފް އެ ކަނޑުގައި ވާތީއެވެ. ނަފާޒާގެ ވާހަކަތަކުން އަހްލާމަށް ހިތްވަރު ލިބެނީއެވެ. އަލީފްގެ ގާތުގައި އެހުން އެއީ ކުރިއަށް އެޅޭނެ ފިޔަވަޅެއްކަން އޭނާއަށް ޤަބޫލުކުރެވެނީއެވެ. އެޔާއެކު ލިބޭނެ ޖަވާބަކުން މުޅި މީހާގެ ހަޔާތް ބަރުދާސްތުކުރަން ޖެހިދާނެތީ ހިތް ބިރުގަންނަނީއެވެ.

އެހެންނަމަވެސް އެކަމުގެ ސަބަބުން އަހްލާމްގެ ކިޔެވުމަށް އެއްވެސް ބުރުލެއް އެރިޔަނުދޭނެކަން ޚުދު އޭނާއަށް ޔަޤީންކުރެވެއެވެ. އެއީ އޭނާ މާލެ އައި ބޭނުމަކީ ޢިލްމު ޙާޞިލްކުރުން ކަމުގައި ވާތީއެވެ. އެކަމަށް ބުރުލެއް އަރައިފިނަމަ އެކަމުން އޭނާގެ މައިންބަފައިންނަށް ކުރާނޭ އަސަރެއްގެ ބޮޑުކަމުންނެވެ.

އެހެންނަމަވެސް އަހްލާމް އަލީފްގެ ގާތުގައި ލޯބިވާ ވާހަކަ ބުނުމަށް ހިތުން ކަނޑައަޅައި ނިންމިއެވެ. ކޮންމެ ފަދަ ޖަވާބެއް ލިބުނުކަމުގައި ވީނަމަވެސް ވަރިހަމަކޮށްގެންނެވެ. އެކަމުން އުފުއްލަން ޖެހިދާނެ ހިތާމައަށް އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. އެކަމުން ލިބިދާނެ ގެއްލުމަކަށް ބެލުމެއްނެތިއެވެ. ހިތުގައި އެޅިދާނެ ލޯ ވަޅުތައް ބައްދާނެ ބޭހެއް ނޭނގޭ ހާލުގައެވެ.

އެހެނަސް ކުރިމަގުގައި ނަގަފާނެ ބޯ ވިއްސާރައިގެ ކަޅު ވިލާގަނޑަކުން ސަލާމަތްވެ ބާއްޖަވެރި ޗާލޫ އައްސޭރިއަކަށް އަހްލާމްގެ އޮޑި ދުއްވޭނޭކަން ޔަޤީންކުރިއެވެ. އެއީ އޭނާގެ ބަނޑު އަޅައި ވިހޭ މަޔަށްޓަކައިއެވެ. އެއީ އޭނާ އެ ހިސާބަށް ގެނައުމަށްޓަކައި ބުރަ މަސައްކަތް ކޮށްދިން އޭނާގެ ބަފަޔަށްޓަކައެވެ. އެއީ އޭނާގެ އާއިލާ އާރާސްތުކޮށް ބަލަހައްޓަންޖެހޭ ބަލަދުވެރިޔަކީ އޭނާކަމަށް ވާތީއެވެ.

(ނުނިމޭ)