ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރޭ ލިވަޕޫލާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗަކީ، ގިނަ ބަޔަކު ބަލާފައިވާ ފޯރިގަދަ މެޗެކެވެ. އެ މެޗުން މޮޅުވާނީ ކޮން ބައެއްތޯ ނުވަތަ މެޗުގައި ކަންތައް ވެގެންދާނެ ގޮތް ބެލުމަށް، އިއްޔެ ގިނަ ބަޔަކު ކެތްތެރިކަމެއް ނެތި އެވަގުތަށް އިންތިޒާރުކުރިއިރު، ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ މީހަކު ވަނީ މެޗު ކުޅެން ފެށުމުގެ އެތައް ގަޑިއިރެއް ކުރިން މެޗުގައި ކަން ހިނގާނެގޮތް ލަފާކޮށް ކިޔައިދީފައެވެ.

އެގޮތުން ރޭ ކުޅުނު މެޗް ފެށުމުގެ ނުވަ ގަޑިއިރު ކުރިން، "ބެބް"ގެ ނަމުގައި މީސް މީޑިއާގައި ޙަރަކާތްތެރިވާ އެމީހާ ކުރި ޓްވީޓެއްގައި ވަނީ، މޮޅުވާނެ ޓީމާއި އެ މެޗުގެ ނަތީޖާ ބަދަލުވާނެ ގޮތާއި މެޗުގައި ލިވަޕޫލްގެ ކުޅުންތެރިޔާ މުޙައްމަދު ސަލާހުއަށް އަނިޔާ ލިބޭނެ ކަމަށް ވެސް ލަފާކޮށްފައެވެ.

"ބެބް" ކުރި ޓްވީޓުގައި އޭނާ ބުނެފައިވަނީ، އެންމެ ފުރަތަމަ ކުޅޭ 20 މިނެޓުގެ ތެރޭގައި ލިވަޕޫލުން މެޗް ކޮންޓްރޯލް ކުރާނެ ކަމަށެވެ. އަދި އެއަށްފަހު އެ ޓީމުގެ ސަލާހުއަށް އަނިޔާވެ އޭނާގެ ބަދަލުގައި އެހެން ކުޅުންތެރިއަކު އަރުވަން ކޯޗު ނިންމާނެ ކަމަށާއި، ސަލާހަށް ލިބުނު އަނިޔާއަށްފަހު މެޗު ކޮންޓްރޯލްކޮށް މޮޅުވާނީ ރެއާލް މެޑްރިޑް އިން ކަމަށް "ބެބް" ކުރި ޓްވީޓުގައި ވަނީ ބުނެފައެވެ.

އެންމެ ފުރަތަމަ މި ޓްވީޓަށް މާބޮޑު ސަމާލުކަމެއް ނުލިބުނު ނަމަވެސް، ރޭ ކުޅުނު ފައިނަލް މެޗަށްފަހު ގިނަ ބަޔަކު ވަނީ "ބެބް"ގެ ޓްވީޓުގެ ސްކްރީންޝޮޓްތައް ނަގައި މީސް މީޑިއާގައި ދައުރު ކޮށްފައެވެ. އަދި އޭނާ އެކަންކަން ލަފާކުރި ގޮތާއިމެދު އެތައް ބަޔަކު ސުވާލުކޮށްފައިވާއިރު، ޓްވީޓަށް ދިހަހާހާއި ގާތްކުރާ ޢަދަދަކަށް މީހުން ރިޕްލައިކޮށްފައި ވެއެވެ.

މިކަމާއި ގުޅިގެން "ބެބް" ފަހުން ބުނެފައިވަނީ، އެއީ އޭނާއަށް ލިބިފައިވާ ބާރެއްގެ ސަބަބުން ފަހުން ވާނޭ ގޮތް އެނގުނީ ނޫން ކަމަށާއި، އޭނާއަށް ކުރިން ލަފާ ކުރެވުނު ގޮތް އިއްތިފާޤުން އެއްގޮތްވީ ކަމަށެވެ. އަދި އެކަމުގައި ވަކި ޚާއްސަ ކަމެއް ނެތްކަމާއި، ހަޤީޤަތް އޮޅޭ ގޮތަށް އެވާހަކަތައް ދައުރު ނުކުރުމަށް އޭނާ ވަނީ އެދިފައެވެ.

"މެޗު އެގޮތަށް ނިމިގެން ދިޔައީ، އެއީ ކަން ވާން އޮތް ގޮތަށް ވުމުން. އެއްގޮތަކަށްވެސް އެއީ އަހަރެން ކުރި ޓްވީޓާއި ގުޅިގެން މެޗުގައި ހިނގައިދިޔަ ކަންކަމެއް ނޫން. އެއީ އަހަރެން ލަފާކުރި ގޮތް،" ބެބް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަސިޔާއަށް ގެންދަންވީ ވޯލްޑް ކަޕުން މޮޅުވާބައެއް ބަލަން