(ބާރަވަނަ ބައި)

އެހެންނަމަވެސް އަހްލާމް އަލީފްގެ ގާތުގައި ލޯބިވާ ވާހަކަ ބުނުމަށް ހިތުން ކަނޑައަޅައި ނިންމިއެވެ. ކޮންމެ ފަދަ ޖަވާބެއް ލިބުނުކަމުގައި ވީނަމަވެސް ވަރިހަމަކޮށްގެންނެވެ. އެކަމުން އުފުއްލަން ޖެހިދާނެ ހިތާމައަށް އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. އެކަމުން ލިބިދާނެ ގެއްލުމަކަށް ބެލުމެއްނެތިއެވެ. ހިތުގައި އެޅިދާނެ ލޯ ވަޅުތައް ބައްދާނެ ބޭހެއް ނޭނގޭ ހާލުގައެވެ.

އެހެނަސް ކުރިމަގުގައި ނަގަފާނެ ބޯ ވިއްސާރައިގެ ކަޅު ވިލާގަނޑަކުން ސަލާމަތްވެ ބާއްޖަވެރި ޗާލޫ އައްސޭރިއަކަށް އަހްލާމްގެ އޮޑި ދުއްވޭނޭކަން ޔަޤީންކުރިއެވެ. އެއީ އޭނާގެ ބަނޑު އަޅައި ވިހޭ މަޔަށްޓަކައިއެވެ. އެއީ އޭނާ އެ ހިސާބަށް ގެނައުމަށްޓަކައި ބުރަ މަސައްކަތް ކޮށްދިން އޭނާގެ ބަފަޔަށްޓަކައެވެ. އެއީ އޭނާގެ އާއިލާ އާރާސްތުކޮށް ބަލަހައްޓަންޖެހޭ ބަލަދުވެރިޔަކީ އޭނާކަމަށް ވާތީއެވެ.

އަހްލާމް ކޮލެޖްގައި ހުރި ބެންޗެއްގައި އިށީދެލައިގެން އިނެވެ. ފޮތްތަކުގައި ހުރި އެއްޗެއް އޭނާގެ ސިކުނޑިއަށް ނެގޭތޯ މަސައްކަތްކުރަމުން ދިޔައީ ނިކަން ހިއްމަތާއެކުގައެވެ. އެކަމަށް ކަމޭ ބަހައްޓައިގެންނެވެ. އެގޮތުގައި އެތައް އިރެއް ވަންދެއް ހުސްގަޑިތަކުގައި އަހްލާމް އިނދެފާނެއެވެ. ކުއްލިއަކަށް އޭނާއަށް އެހެން މީހެއްގެ ހިލަމެއް ވާހެން ހީވުމުން ވަށައި ހޯދައިލިއެވެ. އަހްލާމްގެ ލޮލުގައި އަޅައިގަތީ މިފްޒާލެވެ. ކުރިން ދުވަހަކު އޭނާގެ ގާތުގައި އިށީދެ އަމިއްލައަށް ތައާރަފްވި ކުއްޖާއެވެ. ހަމަ އެދުވަހު އޭނާއާ ދިމާއަށް ބަލަހައްޓައިގެން އިން ކުއްޖާއެވެ.

މިއަދުވެސް މިފްޒާލް އިނީ ކަޅި ޖަހާ ނުލައި އަހްލާމާ ދިމާއަށް ބަލަހައްޓައިގެންނެވެ. އަހްލާމް އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. ކިޔަން އިން ފޮތްތައް އެއްފަހަރާ ކަހަލައިން ލައްޕާލައި ފަހަރަކު ފޮތެއް ދަބަސް ތެރެއަށް ލަމުންގެން ދިޔައެވެ. އެތަނުން ދިއުމުގެ ބޭނުމުގައެވެ. އޭނާ ސިއްރުސިއްރުން މިފްޒާލް އިންތޯ ކަޅި ހިންގައިލިއެވެ. އެހެންނަމަވެސް މިފްޒާލެއް އެތަނަކު ނެތެވެ. މިފްޒާލް ވައިގެ ތެރެއަށް ގެއްލުނީއެވެ. އަހްލާމަށް ފުން ނޭވައެއް ބޭރުކޮށްލެވުނެވެ.

"ވަރަށް ބޮޑަށް މަޢަފަށް އެދެން!" އަހްލާމްގެ ގާތުގައި ހުރި މީހަކު ވާހަކަ ދެއްކުމުން އަހްލާމް ދިޔައީ ސިއްސައިގެންނެވެ.

އަހްލާމަށް އަވަސް އަވަހަށް ބަލައިލެވުނެވެ. އޭނާގެ ގާތުގައި ހުރީ މިފްޒާލެވެ. ވަށް ލޯކޮޅުލީ އައިނުގެ ތެރެއިން އޭނާގެ ލޯ ފެންކަޅިވެފައި ހުރިކަން އަހްލާމަށް ފާހަގަކުރެވުނެވެ. އެއްޗެއް ނުބުނެ ދިއުން އެންމެ ރަނގަޅުނުވުމުން އަހްލާމް އެއްޗެއް ބުނަން ހިތަށް އެރިއެވެ. އެހެނަސް އޭނާ އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވެއެވެ. އެއީ އޭނާއަކީ އެފަދަ ނުދަންނަ މީހުންނާ ވާހަކަ ދައްކާ މީހަކަށް ނުވާތީއެވެ.

"އެއީ މައްސަލައެއް ނޫން!" އަހްލާމް ޖަވާބުދިނީ ވަރަށް ކުރުކޮށް ފޮނިކޮށެވެ.

"އަހަރެން އަދިވެސް ކަމަކު ކިޔަން ބޭނުން!" މިފްޒާލް އިތުރު ވާހަކައެއް ދައްކަން ފެށިއެވެ.

މިފްޒާލް ވާހަކަ ދައްކަދައްކާ ހުއްޓައި އަހްލާމް އެތަނުން ތެދުވެގެން ދިޔައެވެ. މިފްޒާލް ބުނި އެއްޗެއް ނީވޭ ކަމަށް ހަދާފައެވެ. އެއީ އިތުރަށް އޭނާ އެހެން ވާހަކައެއް ދައްކަން ބޭނުން ނުވާތީއެވެ. އިތުރަށް އޭނާ ހިތްހަމަނުޖެހިދާނެތީއެވެ. އޭނާގެ ހިތުގައި ބިންވަޅު ނެގެމުން ދިޔަ ޚިޔާލަކީ ބައެއް ފިރިހެނުން އުޅޭ ގޮތަކީ އެއީ ބާއެވެ. މާ ރަނގަޅު މީހަކަށް ވެގެން ވާހަކަ ދައްކަން މަސައްކަތްކުރާނެއެވެ. އެހެނަސް އަމަލުން ފެންނާނީ ކޮންމެވެސް އެހެން ކަމެއް ބޭނުންވެގެން އުޅޭ މަންޒަރެވެ.

"އަހަރެން ނުބުނަން އެއްޗެއް!" އަހްލާމް ދެ ފަރާތަށް އަތް ދަމައިލާ ދެ ކޮނޑު އަރުވައިލިއެވެ.

"އެކަމަކު މިފްޒާލް ދެވަނަ ފަހަރަށް އަންނަނީ... އޭނާ ބޭނުންވެގެން އުޅޭ ކަމަކީ ވަރަށް ބޮޑުކަމަކަށް ވުމުން." ނަފާޒާ ބޭނުންވަނީ މިފްޒާލް ބުނަން އުޅޭ އެއްޗެއް އޮޅުން ފިލުވާށެވެ.

"އެކަމަކުވެސް، އަހަރެން ގާތުގައި އެގޮތަށް އިށީނުމުން، އަހަރެންނަށް އެގޮތް ކަމަކު ނުދޭ!" އަހްލާމް ހުރީ އަދިވެސް ހިތްހަމަނުޖެހިފައެވެ.

"އަހަރެންނަށް ތި މިފްޒާލެއް ދައްކާލަބަލަ!" ނަފާޒާގެ ހިތުގައި ކެކި އުތުރި އަރައި ސުވާލުތަކަށް ޖަވާބުތަކެއް ބޭނުންވިއެވެ.

"އެއްދުވަހަކުން ހިނގާ ކޮލެއްޖަށް ދާން އޭރުން ފެންނާނެ." އަހްލާމް ނަފާޒާއަށް ޚިޔާލެއް ދިނެވެ. "ކޮލެއްޖަށް ގޮސް އެތަނުގެ ކެންޓީނުން އެއްޗެއް ކެއީމަ، އަހަރެންނަށް ފުރަތަމަ މަހު ލިބޭ މުސާރާގެ ކެއުންވެސް ނިމުނީތާ!"

"އެންމެ ރަނގަޅު!" އަލީފްއަށް ދިން ކަރުދާސްތަކުގައި ސޮއެކޮށްލުމަށްފަހު އަހްލާމްގެ އަތަށް ދިއްކޮށްލިއެވެ.

"އަޅުގަނޑު... އަދި ބޭނުން އިތުރު ވާހަކައެއް ބުނެލަން..." އަހްލާމް ވަރަށް ޖެހިލުންވެ ހުރެ ވާހަކަދެއްކިއެވެ.

"އަވަހަށް ވިދާޅުވޭ!" އަލީފް ދެ އަތް ދެ އަތާލައި ވެހާލައި އަހްލާމްގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.

އަހްލާމް ބުނަން ބޭނުންވާ އެއްޗެއް އަލީފް އަޑުއަހަން ބޭނުންވީ ކަނުލައެވެ. އެއީ އޭނާގެ ހިތުގެ ވެރިޔާއަށް ކޮންމެ ވަގުތެއްވެސް ހުސްކޮށްލަން ބޭނުންވާތީއެވެ. އަހްލާމްގެ ދުލުން ބުނާ ކޮންމެ ލަފްޒަކުން ކިތަންމެ ނޫން ކަމަށް އޭނާ ދެއްކިއަސް، އަހްލާމްގެ ބުނާ ކޮންމެ ލަފްޒަކުން އޭނާގެ ހިތުގެ ތެޅުން އަވަސްވެއެވެ. އޭނާގެ ކެތްތެރިކަން ކޮޅުން ލައެވެ.

"މާދަން... ޓެސްޓެއް އޮންނާތީވެ! އެންމެ ރަނގަޅުތޯ... ޗުއްޓީއެއްގައި މަޑުކޮށްލިއަސް!" އަހްލާމް ޖެހިލުންވެ ހުރެ ވާހަކަ ދައްކާކަން އަލީފަށް އެނގެއެވެ.

"އެންމެ ރަނގަޅު! ޓެސްޓު ނިންމާލާފަ ވަގުތު އޮތީވިއްޔާ އޮފީހަށް އާދެ!" އަލީފް ދިން ޖަވާބުން އަހްލާމް ހިތްހަމަނުޖެހިދާނެތީ އަލީފް ހުރީ ކުޑަކޮށް ޖެހިލުންވެފައެވެ.

އެހެންނަމަވެސް އޮފީހުގެ ޤަވާޢިދަކަށް ބުރުލެއް އަރަފާނެ ގޮތަކަށް ކަމެއް ކުރާކަށް އަލީފަކަށް ނުކެރޭނެއެވެ. އެއީ ކިތަންމެ ގާތް މީހަކު ބުނި ކަމުގައިވެސް ވީނަމަވެހެވެ. ފެށުނީންސުރެއް އަލީފްގެ އަމަލުތައް ބަހައްޓާފައި ހުރީ ޤަވާޢިދާ އެއްގޮތަށެވެ. އެއްވެސް އޮޅުވާލުމެއް މަކަރެއް ޚީލަތެއް ނުވާ ގޮތަށެވެ. އޭނާ މަސައްކަތްކުރަނީ ނިކަން އިޚްލާސްތެރިކަމާއެކުގައެވެ. އެއީ އޭނާގެ އާދައެވެ.

"ވަރަށް ބޮޑަށް މަޢަފަށް އެދެން! އަހަރެންނަށް ކޮފީތައްޓެއް ގިރައި ދެވިދާނެތޯ؟" އަހްލާމް އޮފީހަށް އައިފަހުން އަލީފް ކޮފީ ބޮނީ ބޭރުންނެވެ.

އެއީ އަހްލާމް ގާތުގައި އެފަދަ މަސައްކަތަކަށް އެދެން ނުކެރޭތީއެވެ. އަދި އަހްލާމް ގާތުގައި ނުބުނެ ނަތާޝާގެ ގާތުގައި އެކަމަށް އެދެފިނަމަ އަހްލާމް އެއްޗެކޭ ހީކޮށްދާނެތީއެވެ. އެކަމަށް އޭނާއަށް ފެނުން އެންމެ ރަނގަޅު ހައްލަކީ ބޭރުން ކޮފީ ތައްޓެއް ބޮއެލުމެވެ. އެހެނަސް މިއަދު އޭނާއަށް އަހްލާމްގެ ގާތުގައި ކަމަކު ކިޔަން ޖެހުނީ އޮފީހުގައި ހުރި މަސައްކަތްތައް ގިނަކަމުން ބޭރަށް ނުކުމެވެން ނެތުމުންނެވެ.

"އެ ކީއްވެތޯ މަޢަފަށް އެދުނީ؟" އަހްލާމްގެ ހިތުގައި އުފެދުނީ ސުވާލެކެވެ.

"އަހްލާމަށް އުނދަގޫ ވެދާނެތީ!" އަލީފް ޖަވާބު ދިނީ ވަރަށް ކުރުކޮށެވެ.

"ކޮފީ ތައްޓެއް ގިރުމަކީ ވަރަށް ފަސޭހަ ކަމެއް!" އަސްލު އަހްލާމް ބުނަން ބޭނުންވީ އަލީފަށް ކޮފީތައްޓެއް ގިރައި ދިނުން އެއީ އޭނާއަށް ލިބޭ އުފަލެއް ކަމަށެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ??

    އަޅެ މި ވާހަކައިގެ ބައިތައް ނުފެންނަނީ ކީއްވެތަ؟ އެހާ ކިޔާހިތުން ހުންނަ އިރުވެސް ފެންނަނީ ދެބައިކޮއްފަ އެއްބައި؟ އަންނަ ވަކި ގަޑިޔެއް އިދޭތަ؟؟؟

  2. ޙަަނާ

    ޙާދަަކުރޭ