އިންޑިޔާގެ އަންދޭރީގެ ޖޭޑަބްލިޔު މެރޮޓްގައި ހުންނަ ޑްރެގަންފްލައި ކުލަބު ރޭގެ ވަގުތެއްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބޮލީވުޑުގެ މަޝްހޫރު ތަރި ރިތިކް ރޯޝަންގެ ކުރީގެ އަންހެނުން ސުޒޭން ޚާނާއި، ލަވަކިޔުންތެރިޔާ ގުރޫ ރަންދަވާއާއި ކުރިކެޓް ކުޅުންތެރިޔާ ސްރޭޝް ރެއިނާގެ އިތުރުން 34 މީހަކު ހައްޔަރު ކޮށްފިއެވެ.

މި ފަންނާނުންގެ އިތުރުން 34 މީހަކު މި ކުލަބުން ހައްޔަރު ކޮށްފައިވަނީ ކޮވިޑް-19 ގުޅިގެން ސިއްހީ ފަރާތްތަކާއި ސަރުކާރުން އެންމެންގެ ރައްކާަތެރިކަމަށްޓަކައި އަޅައިފައިވާ އައު އާއްމު އުޞޫލު ތަކާއި ޚިލާފުވުމުންނެވެ.

ރޭގެ 2:30ހާކަށްހާއިރު ފުލުހުން ކުރި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ޑްރެގަންފްލައި ކުލަބުގެ މެނޭޖަރުންނާއި ބައެއް މުވައްޒަފުން ވެސް ހިމެނެއެވެ.

ރޭގައި މި ފަންނާނުންގެ އިތުރުން ހައްޔަރު ކުރެވުނު 34 މީހުންވަނީ ހައްޔަރު ކޮށްފައިވަނީ ނުކިޔަމަންތެރިވުމުގެ މާއްދާ ސެކްޝަން 188އާއި ވައިރަސް ފެތުރޭ ފަދަ ޢަމަލުތަކުގައި ބައިވެރިވުމުގެ މާއްދާ ސެކްޝަން 266އާއި އެއްވެ އުޅުމުގެ އުޞޫލުތަކާއި ޚިލާފުވެފައިވާ މާައްދާ ސެކްޝަން 34ގެ ދަށުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭޝިއަން ނިއުސް އިންޓަނެޝަނަލްއިން ކުރި ޓްވީޓެއްގައި ވެސް މި ޚަބަރު ލިޔެފައިވެއެވެ.

އިންޑިޔާގެ ރިޕަބްލިކް ޓީވީއިން ބުނެފައިވާ ގޮތުން ބޮލީވުޑުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބާޑްޝާހް ވެސް މި ކުލަބުގައި އެ ވަގުތު ހުއްޓެވެ. ނަމަވެސް ފުލުހުން އެ ތަނަށް ދިޔުމުން އޭނާ ވަނީ ސިއްރުން އެ ތަނުން ނިކުމެފައި ކަމަށް ވެސް ރިޕަބްލިކް ޓީވީއިން ބުނެފައިވެއެވެ.

ނަމަވެސް މިހާރު މި ފަންނާނުންތައް ވަނީ ''ބެއިލް''ގެ ދަށުން ދޫކޮށްލާފައެވެ.