ބޮލީވުޑުގެ މަޝްހޫރު ފަންނާނު އަޖޭ ދޭވްގަންއާއި ސިދާތު މަލޯތުރާ ފުރަތަމަ ފަހަރަށް އެކުގައި ފެނިގެންދާ ފިލްމަކަށް ޑައިރެކްޓަރ އިންދުރަ ކުމާރުގެ ''ތޭންކް ގޯޑް'' ވެއްޖެ އެވެ.

ހެއްވާ މަޖާ މި ފިލުމުގައި އަޖޭއާއި ސިދާތުގެ އިތުރުން ފިލުމުގެ މުހިންމު ރޯލަކުން ރަކުލް ޕްރީތު ސިންގް ވެސް ފެނިގެންދާނެއެވެ.

ޑައިރެކްޓަރ އިންދުރަ ކުމާރާއި އަޖޭ ދޭވްގަން ވަނީ މީގެ ކުރިން ވެސް ''އިޝްގް''، ''މަސްތީ''، ޓޯޓަލް ދަމާލް'' ފަދަ ފިލުމުތަކުގައި އެކުގައި މަސައްކަތް ކޮށްފައެވެ.

އަޖޭ ދޭވްގަންއާއި ރަކުލް ވެސް ވަނީ ''ދޭ ދޭ ޕިޔާރު ދޭ'' ގައި އެކުގައި މަސައްކަތް ކޮށްފައެވެ. އަދި މިހާރު ވެސް ދަނީ ''މެއި ޑޭ'' ގައި އަޖޭއާއި އެކު މަސައްކަތް ކުރަމުންނެވެ.

ބުޝަން ކުމާރު، ކުރިޝަން ކުމާރު، އަޝޯކް ތަކޭރިއާ، ދީޕަކް މުކަޓް،އިންދުރަ ކުމާރު ޕްރޮޑިއުސްކުރާ މި ފިލުމު އެޅުވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

މިދިޔަ އަހަރު ނިންމުމަށް ހަމަޖެހިފައިވާ މި ފިލުމުގެ މަސައްކަތްތައް ލަސްވެގެން ދިޔައީ ކޮރޯނާ ވައިރަސް ޕެންޑަމިކްގެ ސަބަބުންނެވެ. ނަމަވެސް އަދި ވެސް ފިލުމުގެ ލީޑު ރޯލުގެ ފަންނާނުން ތިބީ ފިލުމުގެ މަސައްކަތް ކުރިއަށް ގެންދަން ކަމަށާއި ނަމަވެސް އަޖޭއާއި ސިދާތު ވަނީ އެހެން ފިލުމުތަކުގައި ސޮއިކޮށް އޭގެ މަސައްކަތް ކުރަމުން ކަމަށް ޕިންކު ވިލާއަށް ދިން އިންޓަވިއުއެއްގައި ޑައިރެކްޓަރ އިންދުރަ ބުނެފައިވެއެވެ.

އަޖޭ ދޭވްގަން ދަނީ މިހާރު ވެސް އެތައް ފިލުމެއްގެ މަސައްކަތްތައް ކުރަމުންނެވެ. ''މައިދާން''، ''ބޫޖް''، އަދި ''ކެއިތީ'' ހިމެނެއެވެ.