މާބަނޑުކަން ނޭނގި ހުއްޓާ ވިހެއި އުމުރުން 18 އަަހަރުގެ އަންހެނަކު ކުއްލިއަކަށް މަރުވެއްޖެ އެވެ.

ޑޭނިއަލް ޖޯންސް ނަމަކަށް ކިޔާ އެ އަންހެން މީހާ ބަނޑުބޮޑުކަން ނޭގި ހުއްޓާ ބްރިސްޓޮލްގައި ހުންނަ ގެއަށް ވިހެއީއެވެ. އޭނާ ގެއަށް ވިހެއި ތަނުން ވަގުތުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެެވެ.

ޑޮކްޓަރުންނަށް ޖޯންސް ސަލާމަތް ކުރެވޭނެ ގޮތް ވަނީ ނުވެފައެވެ. އޭނާ ހޮސްޕިޓަލަށް މަރުވިއިރު، ޑޭނީ ނަމަކަށް ކިޔާ އެ ކުއްޖާ މިހާރު ހުރީ އޭނާގެ ބައްޕަ އޯޒީ ގޮޑްފްރޭއާއެކުގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެމާޖެންސީ ސާޥިސްއަށް ލިބުނު ފޯން ކޯލަކުން އެ މީހުން އެގެއަށް ދިޔައިރު، ދަރިފުޅު ސަލާމަތް ކުރުމަށް އެމާޖެންސީ އޮޕަރޭޝަނެއް ކުރަން ޖެހޭކަން އެނގުނެވެ.

ގޮޑްފްރޭ ފޭސްބުކްގައި ލިޔުނީ އޭނާއަށް ފިރިހެން ދަރިއަކު ލިބިފައިވާ ކަމަށާއި، ޖޯންސް ބޭނުންވަނީވެސް ފިރިހެން ކުއްޖެެއް ކަމަށެވެ. އެހެން ނަމަވެސް އޭނާއަށް ދަރިފުޅާއި ބައްދަލު ނުކުރެވުނީތީ ހިތާމާ ކުރާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ގޮޑްފްރޭ ބުނިގޮތުގައި، ދަރިފުޅު ވައްތަރީވެސް ޖޯންސް އާއެވެ.

އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަތާ މާގިނަ އިރުތަކެއް ނުވަނީސް އެވެ. ފުލުހުންވެސް ދަނީ މިކަން ބަލަމުންނެވެ. ފުލުހުން ބުނެފައި ވަނީ، އެ މަރާއި ގުޅޭގޮތުން ތަހުގީގު ކުރަން ޖެހޭ ކަމެއް ހުރިނަމަ އެކަން ކުރާނެ ކަަމަށެވެ.