މަޝްހޫރު ވިކްޓޯރިއާސް ސީކްރެޓް މޮޑެލް ކްރިސީ ޓައިގަން އަދި އޭނާގެ ފިރިމީހާ ޖޯން ލެޖެންޑްސްއަށް ސަރޮގޭޓް އަންހެނެއްގެ އެހީގައި އިތުރު ކުއްޖަކު ލިބިއްޖެއެވެ.

މިއީ މި ދެމަފިރިންނަށް ލިބުނު 4 ވަނަ ދަރިފުޅެވެ. އަދި ސަރޮގޭޓްއެއްގެ އެހީގައި ލިބުނު ދެވަނަ ދަރިފުޅެވެ. ކްރިސީއާއި ޖޯންގެ ތިންވަނަ ދަރިފުޅު އުފަންވީ މިއަހަރުގެ ޖަނަވަރީ މަހުގައެވެ. ޖަނަވަރީ މަހުގައި އުފަންވި މި އަންހެން ކުއްޖާގެ ނަމަކީ އެސްޓީއެވެ.

ސަރޮގޭޓަކީ ފިރިހެނެއްގެ ދަރިފަންޏާއި އަންހެނެއްގެ ބިސް، ރަހިމުގައި އިންދައިގެން ދަރިއަކު އުފަންކުރާ އަންހެނާއެވެ. މިގޮތަށް ބޭނުންކުރާ ސަރޮގޭޓެއްގެ ރަހިމުގައި ދަރިފަންޏާއި ބިސް އަށަގަންނުވަނީ އޭގެ ކުރިން އެކަން ކުރުވާ ދެމަފިރިންނާއި އެކު ވެވޭ އެއްބަސްވުމަކަށްފަހު، ދަރިފަނި އިންދައިގެން ލިބޭ ދަރިފުޅު ދޭން ޖެހޭ ގޮތަށެވެ.

ކްރިސީއާާއި ލަވަކިޔުންތެރިޔާ ޖޯންއަށް އެންމެ ފަހަކަށް ލިބުނު ފިރިހެން ކުއްޖާއަށް ނަންދީފައިވަނީ އޭނާ ވިހޭ ސަރޮގޭޓްގެ ނަމާއި ގުޅުވާފައިއެވެ. އެ ދެމަފިރިން ވަނީ އެ ކުއްޖާއަށް ވްރެން އެލެކްސެންޑާ ސްޓެފެންސްގެ ނަމުން ނަން ދީފައިއެވެ.

ކްެރިސީގެ އާއިލާގައި ދޮށްޓަށް 7 އަހަރުގެ އަންހެން ކުއްޖަކާއި 5 އަހަރުގެ ފިރިހެން ކުއްޖެއް ހުރެއެވެ.

ތިންވަނަ ދަރިފުޅަށް ބަނޑުބޮޑުވުމަށްފަހު ކްރިސީއަށް ލިބެން އުޅުނު ފިރިހެންކުއްޖަކު ވަނީ 2020 ވަނަ އަހަރުގައި އެބޯޓްވެފައިއެވެ. އުފަންވުމުގައި ނިޔާވި މި ކުއްޖާގެ ނަމަކީ ޖެކްއެވެ. ޖެކްގެ މަރާއި ގުޅިގެން ކްރިސީއާއި ޖޯންއަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. ކްރިސީ ބޭނުންވީ 4 ކުދިންގެ މަންމައަކަށް ވާށެވެ. އެހެން ނަމަވެސް، ތިން ވަނަ ދަރިފުޅު ނިޔާވުމާއި ގުޅިގެން އޭނާ ނިންމީ އެހެން އަންހެނަކު މެދުވެރިވެގެން އިތުރު ދެ ކުދިން ހޯދާށެވެ.