މި މަހުގެ ކުރީކޮޅު އަކްޝޭ ކުމާރާއި ކްރިތީ ސަނޫން ރާޖަސްތާނުގައި ޝޫޓިން ފަށާފައިވާ ފަރުހާދު ސަމްޖީ ޑައިރެކްޝަނެއް ކަމަށްވާ ފިލުމު "ބައްޗަން ޕާންޑޭ" ރިލީޒް ކުރާ ތާރީހް އިއުލާން ކުރީ އަކްޝޭގެ ކުމާރުގެ ތަފާތު ފޮޓޯއަކާ އެކުގައެވެ.

ދާދި ހަލުވިމިނެއްގައި ޝޫޓިންތައް ކުރަމުންދާ މި ފިލުމު އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އިންޑިއާގެ ގައުމީ ދުވަސް ކަމުގައިވާ ޖެނިއަރީ 26 ވަނަ ދުވަހު ކަމަށް އަކްޝޭ ކުމާރުގެ މީސް މީޑިއާ އެކައުންޓްގައި ހިއްސާ ކޮށްފައިވެއެވެ.

އަކްޝޭގެ ތަފާތު ފޮޓޯއެއް ޓްވިޓާއާއި އިންސްޓަގުރާމުގައި ހިއްސާ ކުރަމުން އަކްޝޭ ބުނެފައިވަނީ އޭނާގެ އެންމެ ފެނިލުމެއް ވެސް ފުދޭނެ ކަމަށެވެ.

ސާޖިދު ނަޑިއަޑްވާލާ އާއި ފަރުހާދު ސަމްޖީ އާއި ކްރިތީ ސަނޫން، ޖެކުއަލިން ފެނާންޑަޒް އާއި އަރްޝަދު ވާރްސީއަށް ޓެގްކޮށްފައިވާ މި ޕޯސްޓް ވަނީ ގިނަ ބަޔަކަށް ކަމުގޮސްފައެެވެ. އަދި އެތައް ބައެއްގެ ހިތްވަރުގެ ކޮމެންޓްތައް ވެސް ވަނީ އަކްޝޭއަށް ލިބިފައެެވެ.

އަކްޝޭ ކުމާރުގެ މި ޓްވީޓް ކްރިތީ ސަނޫން ވެސް ވަނީ ރީޓްވީޓް ކޮށްފައެވެ. އަކްޝޭގެ އެއް ލޮލުގެ ކަޅި މަޑު ނޫކުލައިގައިވާ އިރު އަނެއް ލޮލުގެ ކަޅި ވަނީ މުށި ކުލައިގައެވެ.

ބައްޗަން ޕާންޑޭގެ ތަފާތު ޕޯސްޓަރުތަކުން އެނގިފައިވާ ގޮތުގައި މި ފިލުމުގައި އަކްޝޭ އަދާ ކުރަނީ ގޭންގްސްޓާރެއްގެ ރޯލެވެ.

މި ފިލުމުގެ ޝޫޓިންގެ ތެރޭގައި ނަގާފައިވާ ތަފާތު ވީޑިއޯތައް ކްރިތީ ސަނޫން ދަނީ އޭނާގެ ސަޕޯޓަރުންނާ ހިއްސާ ކުރުމަށް މީސް މީޑީއާގައި އަޕްލޯޑް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު