މިހާރު ބޮލީވުޑު ޚަބަރުތަކުގެ ފަލަ ސުރުޚީގައި އެންމެ ގިނައިން ވާހަކަ ދެކެވެމުންދަނީ އެކްޓަރ ވަރުން ދަވަންއާއި އޭނާގެ ކުޑައިރުގެ ލޯބިވެރިޔާ ނަތާޝާ ޑަލާލްގެ ކައިވެނީގެ ވާހަކަ ތަކެވެ.

ކައިވެނީގެ ކުރިން ވަރުންގެ ރަހުމަތްތެރިން އޭނާއަށް ބޭއްވި ''ބެޗްލާސް ޕާޓީ'' އަށް ދިޔަ މަގުމަތީގައި ވަރުން ދަވަންގެ ކާރު އެކްސިޑެންޓް ވެއްޖެއެވެ. އަލީބާގްގައި ކައިވެނީގެ ހަފްލާ ބާއްވާ ތަނާއި މާދުރު ނޫން ތަނެއްގައި ބޭއްވުނު މި ޕާޓީއަށް މިދިޔަ ހުކުރު ދުވަހު ވަރުން ދިޔަ މަގުމަތީގައި އޭނާގެ ކާރު އެކްސިޑެންޓްވީ ނަމަވެސް ކާރަށް އަދި ކާރުގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ރިޕޯޓްތަކުގައިވެއެވެ. އަދި ވަރުންގެ މި ''ބެޗްލާ ޕާޓީ'' ވަރަށް ފުރިހަމައަށް ގެންދެވިފައިވާކަން މީސް މީޑިޔާގައި ހިއްސާ ކޮށްފައިވާ ފޮޓޯތަކުން ދޭހަވެއެވެ.

ސްޓޫޑެންޓް އޮފް ދަ އިޔާއިން ބޮލީވުޑަށް ތަޢާރަފްވި ވަރުން ދަވަންގެ ކައިވެނީގެ ކުރިން ބާއްވާ ސަންގީތުއާއި، މެހެންދީ އެޅުން ފަދަ ރަސްމިޔާތުތައް ވެސް މިހާރު ވަނީ ނިމިފައެވެ.

މީޑިޔާ ރިޕޯޓްތަކުން ބުނާގޮތުގައި އަލީބާގުގެ ފަސްތަރީގެ ހޮޓެލެއްގައި ބާއްވާ މި ކައިވެނި ހަފްލާގައި ބައިވެރިވާނީ 50 ވަރަކަށް މީހުންނެވެ. އަދި ކައިވެނީގެ ހަފްލާގައި ކޯވިޑު 19ގެ އައު އާއްމު އުސޫލުތަކާއި އެއްގޮތަށް ކަންތައްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

ވަރުންގެ ކައިވެނީގެ ކުރިން މި ހިނގި ކުޑަކުޑަ އެކްސިޑެންޓްގެ ސަބަބުން ވަރުންގެ ބައެއް ސަޕޯޓަރުން ބުނަމުން ދަނީ އެއީ ރަނގަޅު ފެށުމެއް ނޫން ކަމަށެވެ. އަދި މި ކައިވެނި ނުކުރުމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.