(ސާދަވަނަ ބައި)
"އަހަރެންގެ އެގްޒާމްވީމަ އަހަރެންނަށް ބޭރަކަށް ނުދެވޭނެ! ވަރަށް ބޮޑަށް ސޮރީ! ލުކްޝާން މިހާރުން މިހާރަށް އަހަރެންގެ އަތުން އަތްދޫކޮށްލާ!" އަހްލާމް ވާހަކަދެއްކީ ވަރަށް ވިސްނާފައެވެ. "އެހެންނޫނީ މާދަމާ އަހަރެން އޮފީހަށް އައިސް މި މައްސަލަ ވެރިންނާ ހިއްސާކުރާނަން. އަދި ފުލުހުންނާ ހަމައަށް މި މައްސަލަ ގެންދާނަން!"
"އޯކޭ!" ލުކްޝާން އެންމެފަހުން އަހްލާމްގެ އަތުން އަތްދޫކޮށްލިއެވެ. އަތް ދޫކޮށްލަން ބޭނުންނުވެ ހުރެއެވެ.
"އަދިވެސް ވަރަށް ބޮޑަށް ސޮރީ! އަހަރެންނަށް ލުކްޝާނާއެކު ބޭރަށް ކައިކަށް ނުދެވޭނެ!" އަހްލާމް އަވަސް ފިޔަވަޅުތަކެއް އަޅަމުން އޮފީހުން ނުކުތުމަށް ހިނގައިގަތެވެ.
ލުކްޝާން ބަސް ހުއްޓިފައި އެ ހުރި ފިޔަވަޅުމަތީގައި ހުރީއެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. ކުރެވުނު ކަންތައް މޮޔަ ހިތަށް އަރާފައެވެ. ދެން އެކަން އިސްލާހްކުރާނެ މަގެއް ނޭނގިފައެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ހިންދިރުވައިލެވުނެވެ. ނިތްކުރިއަށް ޖަމާވެފައި ހުރި ދާތިކިތައް އަތުގެ ނުފުށުން ފޮހެލިއެވެ.
"ދަރިފުޅާ! ކިހިނެއްފައިވާ ތިޔަ އިނީ؟" ފަރީދާ ގެއަށް އައީ ބާޒާރުކޮށްގެންނެވެ.
"އަހަރެންނަށް ކަމެއް ނުވޭ!" ފަރުވާކުޑަ ގޮތަކަށް ލުކްޝާން އޭނާގެ މަންމައާ ވާހަކަދެއްކިއެވެ.
"އެކަމަކު ތިއިނީ އޮފީހުން އައިގޮތަށް އެއްޗިހިވެސް ބަދަލުނުކޮށް!" ފަރީދާ އައިސް ބަދިގެ މޭޒަމަތީގައި ގަތެފައި ހުރި އެއްޗިހިތައް ބެހެއްޓިއެވެ. "މާ ބޮޑަށް ބަނޑުހައިވީތަ؟"
"ނުވޭ!" ލުކްޝާން މޭޒުމަތީގައި ހުރި ފެންފުޅިން ފެންތައްޓެއް އެޅިއެވެ. "މަންމަ ބުނެބަލަ! އަހަރެންގެ އަތުގައި ނެތީ ކޮން އެއްޗެއް؟"
"ތިބުނީ؟" ފަރީދާއަށް ލުކްޝާން ބުނި އެއްޗެއް ރޭކާނުލިއެވެ.
"ބަލައިލަބަލަ! މިއީ އަހަރެމެންގެ ގެ! މުއްސަނދި އާއިލާއެއް! އަހަރެން މިއީ ދެ މީހެއްގެ ހުރި ހަމައެކަނި ދަރިފުޅު! ބުރުސޫރަ ހުތުރެއް ނޫން! ޑިގްރީއެއް އޮވޭ! މާސްޓަރއަށް ފަށަން އޮތީ ކުޑަ ދުވަސްކޮޅެއް!" ލުކްޝާން އޭނާގެ އަމިއްލަ ނަފްސާމެދު ފަޚްރުވެރިވެއެވެ.
"ދަރިފުޅު މޮޔަވީތަ؟" ފަރީދާ ލުކްޝާނާ ދިމާއަށް ލޯ ކުޑަކޮށްލިއެވެ.
"އާނ! އަހަރެން މިއީ މޮޔައެއް! މަންމައަކަށް ނޭނގޭނެ!" ލުކްޝާން ގާތަށް ރުޅިއައެވެ.
ކުއްލިއަކަށް ލުކްޝާން މޭޒުމަތީގައި ހުރި އެއްޗިހިތައް އަތުން ޖަހައި ތަށިމުށިގަނޑު މައްޗަށް ވައްޓާލިއެވެ. އެޔާއެކު ބާރުބާރަށް ތެދުވުމުން، އޭނާ އިށީދެގެން އިން ގޮނޑި ފަހަތަށް ވެއްޓުނެވެ. އޭނާގެ މަންމައަށް އެއްޗެއް ބުނުމުގެ އެއްވެސް ފުރުޞަތެއް ނުދީ ލުކްޝާން ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަނެވެ.
"ޓެސްޓް ކިހިނެއް؟ މިއަދު އޮފީހަކަށް ނުދަންތަ؟"
"ދެން ފަސޭހަ! އާނ! ޓެސްޓް ނިމުނުއިރު އޮފީހަށް ވަދެވޭނެ ވަގުތެއް ނެތް." އަހްލާމް ވާހަކަދެއްކީ އޭނާގެ މަންމަ ހައްވާމަނިކެއާއެވެ.
"ﷲ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ! ހިތްވަރާއެކު މަސައްކަތްކުރާތި! ކާމިޔާބީއަކީ މަސައްކަތްތެރިންގެ ހައްޤެއް!" ހައްވާމަނިކެގެ ނަޞޭޙަތްތައް އަހްލާމަށް އިއްވާލިއެވެ.
"ލައްބަ މަންމާ! ދެން މިވަގުތު ފޯން ބޭއްވީއޭ! އަދި އެބަ އޮތް ކުލާހެއް. ބައްޕައަށް ސަލާން ރައްދުކޮށްދީ!"
ހައްވާމަނިކެ ސަލާމްއޭ ބުނުމުން އަހްލާމް ފޯން ކަނޑައިލިއެވެ. ކުލާހަށް ދިޔުމަށްޓަކައި އޭނާ ތެދުވިއެވެ. އެހެންނަމަވެސް ކުއްލިއަކަށް އޭނާއަށް ހުއްޓުން އެރިއެވެ. މީހަކު އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުންނަކަން އެނގުމުންނެވެ. އެ ދިމާއަކަށް ވަށްކަޅިން އަހްލާމް ބަލައިލިއެވެ.
އެއީ މިފްޒާލެވެ. އަހްލާމް ބަލައިލުމާއެކު މިފްޒާލް އިސް ޖަހައިލިއެވެ. ނޭނގޭ ކަމަށް ހެދީއެވެ. އަހްލާމް މިފްޒާލާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. މިފްޒާލް އިސްޖެހިގޮތަށް އިނީއެވެ. އަހްލާމްގެ ހިތުގައި ބިރުވެރިކަމެއް ކެކި އުތުރި އެރިއެވެ. މިފްޒާލްގެ އާދަތައް ހުންނަ ގޮތުން އޭނާއާ މެދު އަހްލާމްގެ ހިތުގައި ޝައްކާއި ވަހުމްތަކެއް އާލާވެގެން ދިޔައެވެ. އެ ވިސްނުމުގައި ހުރެ އަހްލާމް ކުލާހާ ދިމާއަށް ހިނގައިގަތެވެ.
"ދެން ޓެސްޓް އޯކޭ! އެކަމަކު އަހަރެންނަކަށް ނޭނގޭ! އެ މީހާގަނޑު މިއަދުވެސް އަހަރެންނާ ދިމާއަށް ބަލަން އިން." އަހްލާމް ފަރިތަކަމާއެކު ފޯނުގައި މެސެޖެއް ލިޔެ، ފޮނުވާލިއެވެ.
"ޔޫ މީން މިފްޒާލް؟" ނަފާޒާ ކުރީ ސުވާލެކެވެ.
"ޔޭސް. ހޫ އެލްސް އިޓް ވިލް ބީ؟" އަހްލާމް އަވަސް އަވަހަށް މެސެޖެއް ލިޔެލިއެވެ. "ކިޔަވަން އުނދަގޫ މިހާރު. އަސްލުވެސް ވަރަށް ޑިސްޓާރބްވޭ."
"ހެއި. ޔޫ ދެޔާރ؟" ކުއްލިއަކަށް ލުކްޝާންގެ މެސެޖެއް އަހްލާމްގެ ފޯނަށް އައެވެ.
"ޑޯންޓް ވޮރީ ލަވް! ތިންގްސް ވިލްބީ އޯކޭ ސޫން! ސީ ޔޫ!" ނަފާޒާ އެ ރޭގެ ފަހު މެސެޖް އަހްލާމަށް ފޮނުވިއެވެ.
"އޯކޭ! އައި ހޮޕް ސޯ! ސީ ޔޫ ސޫން ޓޫ!" އަހްލާމްވެސް ނަފާޒާއަށް އެ ރޭގެ ފަހު މެސެޖް ފޮނުވާލިއެވެ.
"ހެއި! އާރ ޔޫ އެންގްރީ؟" އަހްލާމް ޖަވާބު ނުދިނުމުން ލުކްޝާން ދެވަނަ މެސެޖެއް ފޮނުވާލިއެވެ. "އައި އެމް ރިއަލީ ސޮރީ!"
"އިޓްސް އޯކޭ! ބައި!" އަހްލާމް އިތުރަށް ލުކްޝާނާ ވާހަކަދައްކާކަށް ބޭނުމެއް ނުވެއެވެ.
"ކޭން ޔޫ ވެއިޓް؟ ޕްލީޒް!" ލުކްޝާން ބޭނުންވީ އަހްލާމާ ރަނގަޅަށް ވާހަކަދައްކާށެވެ.
"ހެއި! އަސްލުވެސް ވަރަށް ބޮޑަށް ސޮރީ!" ލުކްޝާން ފުލުފުލުން އަހްލާމަށް މެސެޖްކުރަން ފެށިއެވެ. "އަހަރެން އެގޮތަށް ކަންތައް ކުރެވުނީމަ ވަރަށް ބޮޑަށް ސޮރީ!"
"އިޓް އިސް ރިއަލީ އޯކޭ! ބައި!" އަހްލާމް ފޮނުވީ ކުރު ޖަވާބެކެވެ.
"އެނގޭ އޯކޭ ނުވާނެކަން! އަހްލާމް ބުނި އެއްޗަކުން އަހަރެން ވަރަށް ދެރަވި!" ލުކްޝާން ދުލެއް ނުކުރިއެވެ.
"ސޮރީ!" އަހްލާމް ފަރުވާކުޑަކޮށް ލިޔުނު މެސެޖް ފޮނުވާލިއެވެ.
"އެއީ އަހްލާމްގެ ކުށެއް ނޫން! އެއީ އަހަރެންގެ ކުށެއް! އަހަރެން ނުޖެހޭނެ އަހްލާމަށް ޖެއްސުންކޮށް އުނދަގޫ ކުރާކަށް!" ލުކްޝާން ތިން މެސެޖް އެއްފަހަރާ ފޮނުވާލިއެވެ.
ލުކްޝާން ފޮނުވި މެސެޖްތަކަށް އަހްލާމް އެއްވެސް ޖަވާބެއް ދޭކަށް ބޭނުމެއް ނުވިއެވެ. އެއީ ލުކްޝާނަށް ވިސްނުނީ ރަނގަޅަށް ކަމަށް ވާތީއެވެ. އެކަމާ ދޭތެރޭގައި އަހްލާމަށް ބުނަން ޖެހޭ އެއްޗެއް ނެތުމުންނެވެ. ނޫނީ އޭނާއަށް އެ މެސްޖެތަކުން އެއްވެސް އަސަރެއް ނުކުރާތީއެވެ. އެއީ އަހްލާމްގެ ހިތުން އޭނާއަށް މާކުރިންސުރެއް މަޢަފް ދީފައިވާތީއެވެ. އިތުރަށް ލުކްޝާނަށް އަހްލާމް ބުނެދޭންޖެހޭ އެއްޗެއް ނެތަތީއެވެ.
"އަހަރެން ބުނަން ބޭނުންވާ ވާހަކަ އަހްލާމް ދެން އަޑުއަހާނަންތަ؟" ލުކްޝާންގެ އަސްލު މަޤްޞަދާ ދިމާއަށް އޭނާ މިސްރާބުޖެހިއެވެ.
"ސޮރީ! އަހަރެންނަށް ކައިކަށް ނުދެވޭނެ!" އަހްލާމް ހަނދާންކޮށްފައި މެސެޖް ފޮނުވާލިއެވެ.
"އަސްލު އެޔެއް ނޫން ބުނަން އުޅުނު އެއްޗަކީ!" ލުކްޝާން ވަގުތުގެ ބޭނުން ހިފިއެވެ. "އަހްލާމް އަޑުއަހަން ބޭނުން ނުވަންޏާ އަހަރެން އެ ވާހަކައެއް ނުބުނާނަން."
"ތަންކޮޅެއް އަވަހަށް ބުނެދީ! އަހަރެން އަވަހަށް ނިދަން ބޭނުން!" ލުކްޝާން ކުށް އަމިއްލައަށް ޤަބޫލުކުރުމުން އަހްލާމް ލުކްޝާނަށް ފުރުޞަތެއް ދިނެވެ.
"އައި ލަވް ޔޫ!"
(ނުނިމޭ)
މާ ކުރު. އަދި ދިގު ކޮއްލީމަ އޯކޭ ވާނެ.